"ޓާޝަރީ ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ދައުލަތަށް ނުތަކާ ވަރަށް"

"އަޅުގަނޑުމެން ކަންބޮޑުވަނީ ދައުލަތަށް ނުތަކާވަރުގެ އިމާރާތްތައް ކުރަހައިގެން ރައްޔިތުންނަށް ދެއްކިއިރުގަ މިކަންތައް ކުރެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތް. ފައިސާއެއް ނެތް މި ދައުލަތަކު. ދައުލަތުގެ އެވަރުގެ ކެރި ފޯރުންތެރިކަމެއް ނެތް،"

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ރައްޔިތުންގެ މަޖިލީހުގައި --

މިދިޔަ ސަރުކާރުން އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ޑިޒައިންތައް ކުރަހާފައި ހުރީ ދައުލަތަށް ނުތަކާވަރުގެ ފެންވަރުގައި ކަމަށާއި އެއީ ހިދުމަތާ ނުބައްދަލު ތަންތަން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ރާއްޖޭގެ ފަސް ސަރަަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމްކުރަން ނިންމާފައިވެ އެވެ. އެއީ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ. ކުރީ ސަރުކާރުން ވަނީ އެތަންތަން ތަރައްގީކުރަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ކޮންމެވެސް ވަރަކަށް މަސައްކަތް ވެސް ކޮށްފަ އެވެ. ނަމަވެސް އެތަންތަނުގެ މަސައްކަތް މިހާރު ހުރީ ހުއްޓިފަ އެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވުމުން ބައެއް ހޮސްޕިޓަލްތަކާ ގުޅިގެން މެންބަރުން ވަނީ ސުވާލުކޮށްފަ އެވެ. އެގޮތުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މަސައްކަތާ ގުޅޭ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އެތަނުގެ މަސައްކަތް ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެތަނުގެ ކުރެހުންތައް ކުރަހާފައި ހުރީ ދައުލަތުގެ ބަޖެޓަށް ނުތަކާ ވަރަށް ކަމަށެވެ. އެހެންކަމުން އެތަން ރީޑިޒައިން ކުރުމަށްފަހު ފަންޑިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް: އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައި --

"އަޅުގަނޑުމެން ކަންބޮޑުވަނީ ދައުލަތަށް ނުތަކާވަރުގެ އިމާރާތްތައް ކުރަހައިގެން ރައްޔިތުންނަށް ދެއްކިއިރުގަ މިކަންތައް ކުރެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތް. ފައިސާއެއް ނެތް މި ދައުލަތަކު. މި ދައުލަތުގެ އެވަރުގެ ކެރި ފޯރުންތެރިކަމެއް ނެތް. އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތާ ނުބައްދަލުކޮށް ކުރެހުންތައް ކުރަހާފަ ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓާޝަރީ ފެންވަރަށް ބަދަލުކުރަން ނިންމާފައިވާ ތިނަދޫ، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވެސް ދިމާވެފައި ވަނީ މިފަދަ މައްސަލައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ހޮސްޕިޓަލަށް އެއް ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އާ އިމާރާތެއް އަޅާފައިވާއިރު، ކުރީ ސަރުކާރުން ނިންމާފައި އޮތީ އެ އިމާރާތް ދޫކޮށް އަނެއްކާ ވެސް އާ އިމާރާތެއް އެޅުމަށެވެ.

މިނިސްޓަރު ވިދާޅުވީ ތިނަދޫގައި މިހާރު ހުރި ތަނަށް ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފައިވާއިރު އެތަން ދޫކޮށްލުމަކީ ބޮޑު އިސްރާފެއް ކަމަށެވެ. ރައްޔިތުންގެ ފައިސާއިން އަޅާފައި ހުރި ތަނެއް ބޭކާރު ކޮށްލުމަށްފަހު އާ ތަނެއް އެޅުމަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލަށް ވެސް ފަންޑިން ހަމަޖެހިއްޖެނަމަ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށިގެން ދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ހޮސްޕިޓަލުގެ ނަމުގައި އަޅާފައި ހުރީ އޮފީސް އިމާރާތްތަކެއް

މިނިސްޓަރު ހަލީލް މިއަދު ވިދާޅުވީ ހޮސްޕިޓަލް އެޅުމުގެ ބަދަލުގައި ކުރީ ސަރުކާރުން ބޮޑަށް އަޅާފައި ހުރީ އޮފީސް އިމާރާތްތަކެއް ކަމަށެވެ. އެއީ ކަންބޮޑުވާ ކަމެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ ތަންތަން ހުރީ ރައްޔިތުންނަށް ހިދުމަތް ދެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށެވެ.

"ހިދުމަތްތަކެއް ދިނުމަށް ކަނޑައަޅާއިރުގަ އަޅުގަނޑުމެންގެ ވިސްނުމަކީ ރައްޔިތުން އައިސް ވަންނަ އިމާރާތް ވާންޖެހޭނީ ހިދުމަތް ދޭ އެންމެ އާ އިމާރާތް ކަމަށް އަޅުގަނޑުމެން ނިންމާފަ އޮންނާނީ. އެހެންވީމަ އެ ޑިޒައިނަށް ވެސް ބަދަލު ގެނެވިފަ މިހާރު އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެތަންތަން ހިދުމަތް ދެވޭ އިމާރާތް ތަކަކަށް ބަދަލުކުރާއިރު، ޑޮކްޓަރަށް ދެއްކުމާއި ލެބޯޓްރީ ހިދުމަތް ވެސް ދޭނީ އެއް އިމާރާތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބާ އިމާރާތްތައް ބޭނުންކުރާނީ އެހެނިހެން ބޭނުންތަކަށެވެ.

ރަށްރަށުގައި އިމާރާތް ކުރަމުންދާ ހޮސްޕިޓަލްތައް ލަސްވަމުންދާ އެންމެ މައިގަނޑު އެއް ސަބަބަކީ ފަންޑިންގެ މައްސަލަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް ވަކިވަކި ކޮންޓްރެކްޓަރުންނާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައި ވަނީ ހޮސްޕިޓަލްތައް އަޅަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައި ހުރީ ފައިސާ ހަމަނެޖެހެނިސް ކަމަށެވެ. ދައުލަތުގެ ބަޖެޓުގައި ވެސް ފައިސާ ހިމަނާފައި ނުވާކަން ފާހަގަކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.