އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވި ގޮތުގައި އޮފްޝޯވްކޮށް މި ވިޔަފާރި ފެށިނަމަވެސް ބިން ހިއްކައިގެން ތާނގީތައް ވަރަށް އަވަހަށް ބަހައްޓާނެ އެވެ.
ރާއްޖޭގެ އިގްތިސޯދު އާ ސިނާއަތަކަށް ފޮރޮޅާލާ ވިޔަފާރި ބަންކަރިންގެ ހިދުމަތް ފަށާއިރު ދެ ބާވަތެއްގެ ތެޔޮ ބޯޓު ފަހަރަށް ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ބަންކަރިންގެ ހިދުމަތް ފަށަން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށަން އެ ކުންފުނިން ދަނީ ފުރިހަމައަށް ތައްޔާރު ވަމުންނެވެ. މިގޮތުން ބަންކަރިން ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެން ފަށާ މި ވިޔަފާރިގެ ދަށުން ރާއްޖެ ސަރަހައްދު ހުރަސްކޮށްދާ އާގު ބޯޓު ފަހަރަށް އެމްޖީއޯ މެރިން ގޭސް އޮއިލް އާއި ވީއެލްއެސްއެފްއޯ ފިއުލް އޮއިލް ވިއްކާނެ އެވެ.
"ފުރަތަމަ މި މަސައްކަތް ފަށަނީ 4،000 މެޓްރިކް ޓަނުގެ ދެ ފްލޯޓާއާއެކު. މީގެ ބޭނުމަކީ އަވަހަށް މިކަން ފެށުން. އެހެންނޫނީ ތަނެއް ހިއްކައިގެން މިކަން ފަށަން އަނެއްކާވެސް ގިނަ ދުވަސް ނާގެތީ،" ޝިމާދު ވިދާޅުވި އެވެ.
ސުކުން ޕްލޭއަށް ވާހަކަ ދައްކަމުން ޝިމާދު ވިދާޅުވި ގޮތުގައި ވިޓޯލްއިން މި ހިދުމަތުގެ ދަށުން ރަނގަޅު ޕްރޮޑަކްޓް ފޯރުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެވެ.
"އަމާޒަކީ ބިން ހިއްކައިގެން މި ހިދުމަތް ފެށުން. އަބަދު އޯފްޝޯ ބަންކަރިން ނުވަތަ ފްލޯޓާގައި މި ހިދުމަތް ދިނުމަކީ އެންމެ ފީޒިބަލް ކަމަށް ނުވާނެ،" ޝިމާދު ވިދާޅުވި އެވެ.
ދަ މިރާ އަށް އެނގިފައިވާ ގޮތުގައި ބަންކަރިން ވިޔަފާރި ފަށަން ރާއްޖެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދޭން ގެންނަ ދެ އުޅަނދު މިހާރު އަންނަނީ ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެސްޓީއިން މި ހިދުމަތް ފަށަން ގެންނަނީ 4،000 މެޓްރިކް ޓަނުގެ ދެ ބާޖެވެ. މި އުޅަނދުތައް އަންނަނީ ސިންގަޕޫރުންނެވެ. މޫސުން ރަނގަޅު ނަމަ މިމަހުގެ މެދެންހާ ހިސާބުން ރާއްޖެއަށް ބަނދަރު ކުރާނެ އެވެ. މި ދެ އުޅަނދު ރާއްޖެ އަންނަ ގޮތަށް ބަނދަރު ކުރާނީ އިހަވަންދިއްޕޮޅު ސަރަހައްދުގަ އެވެ.
ސަރުކާރުން ވަނީ މި މަހުގެ ތެރޭގައި ރަސްމީކޮށް ބަންކަރިންގެ ވިޔަފާރި ފަށާނެ ކަމަށް ބުނެފަ އެވެ. މި ރަސްމިއްޔާތު އޮންނާނީ އިހަވަންދިއްޕޮޅުގައި މިވަގުތު އެންމެ ގިނަ މަސައްކަތްކޮށްފައިވާ ހއ. ހޯރަފުށީގަ އެވެ.
ރާއްޖޭގެ އިގްތިސޯދު އާ ސިނާއަތަނަށް ފުރުޅާލަން ސަރުކާރުން ކުރާ މަސައްކަތް ފެށުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާނީ އެސްޓީއޯ އިން މި ވިޔަފާރި ކުރާނީ ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރު ކުރާ ބިޔަ އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ އެޅުމާއި ކާބޯ ތަކެތި ފޯރުކޮށް ދިނުން ފަދަ ހިދުމަތްތަކުންނެވެ. އެސްޓީއޯ އިން ރާއްޖެ ގެންނަ ދެ އުޅަނދުން ބޯޓު ފަހަރަށް ތެޔޮ އަޅައިދިނުމުގެ ވިޔަފާރި ކުރާނީ ހޯރަފުށީ ބޭރު ކަނޑުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ.
ބަންކަރިން މަސައްކަތަކީ ހިދުމަތް ފެށުމުގެ ވަށައިގެން ގިނަ ހިދުމަތްތަކެއް އޮންނަ ވިޔަފާރިއެކެވެ. އެކަމުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ކަސްޓަމްސް އާއި އިމިގްރޭޝަން އެވެ. އެސްޓީއޯ ނަގާފައި ދެން އެންމެ އިސް ދައުރެއް އަދާކުރާނެ ކުންފުންޏަކީ އެމްޕީއެލް އިންނެވެ. އެ ކުންފުނިން މިހާރު ވަނީ އުތުރަށް ބޭނުންވާ ބައެއް އުޅަނދުތައް ވެސް ގެންގޮސްފަ އެވެ. އަދި ބައެއް ހިދުމަތްތައް ވެސް ގާއިމްކޮށްފަ އެވެ.
ބަންކަރިން ހިދުމަތް ރާއްޖޭގައި ފަށާއިރު ރާއްޖެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 300-400 އާ ދެމެދުގެ އަދަދަކަށް އާގު ބޯޓު ހުރަސްކުރެ އެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ވިޔަފާރި ފަށާތާ އަހަރެއްގެ ތެރޭ އާމްދަނީގެ ގޮތުގައި 400 މިލިއަން ޑޮލަރު އިގްތިސޯދަށް ލިބޭނެ އެވެ.