ވިލާ ކޮލެޖުން އަލަށް ތައާރަފުކުރީ ބެޗްލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އާއި، ބެޗްލާ އޮފް ކުއެންޓިޓީ ސަވޭއިން އެވެ.
އިގްތިސޯދާއި އުމްރާނީ ގޮތުން ދިވެހި ރާއްޖެ ކުރިއަރަމުން އަންނަ އިރު އެ ދާއިރާތަކުން ބަލައި ހޯދާ އިލްމީ ދިރާސާތައް ކުރަމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅު ވެއްޖެ އެވެ.
އެފަދަ ދާއިރާތައް ކުރިއެރުވޭނީ އިލްމީ ދިރާސާތަކެއް ކޮށްގެންކަން ފާހަގަ ކުރައްވާ މަޖިލިސް ރައީސް އަބްދުއްރަހީމް ވަހަކަފުޅު ދެއްކެވީ ވިލާ ކޮލެޖުގައި އަލަށް ތައާރަފްކުރި ދެ ޕްރޮގުރާމެއް އިފްތިތާހު ކޮށް ދެއްވުމަށް ފަހު މިއަދު އެވެ. އެ ކޮލެޖުން އަލަށް ތައާރަފްކުރީ ބެޗްލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އާއި، ބެޗްލާ އޮފް ކުއެންޓިޓީ ސަވޭއިން އެވެ.
އެ މަނިކުފާނު މިއަދު ވިދާޅުވީ އެކި ދާއިރާތަކުން އިލްމީ ދިރާސާތައް ކޮށްފައި ނޫނީ ބޮޑެތި ކަންކަން ނިންމަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށާއި ރައީސް މުއިއްޒކީ އިލްމަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ އިލްމީ ދިރާސާތައް ކުރުން ރާއްޖެއަށް މުހިންމު ކަމަށެވެ.
ވިލާ ކޮލެޖުން ތައާރަފްކުރި އާ ޕްރޮގްރާމްތަކުން ރާއްޖެއަށް ކުރިއެރުން ލިބޭނެކަން ފާހަގަ ކުރެއްވުމާއެކު އޭގެ ތެރެއިން ސިޔާސީ ދާއިރާ ފާހަގަ ކުރައްވާ މަޖިލިސް ރައީސް ވިދާޅުވީ ސިޔާސީ އިލްމަކީ ވަރަށް ފުޅާ ދާއިރާއެއް ކަމަށެވެ.
އަދި ވިދާޅުވި އެވެ:
"ވެރިކަމުގެ ނިޒާމުތައް އެކުލެވޭ ގޮތާއި ސަރުކާރުގެ އޮނިގަނޑާއި ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމާއި ހާރިޖީ ގުޅުންތަކާއި އިންސާނީ ހައްގުތަކާބެހޭ މައުލޫމާތު މި އިލްމުގައި ހިމެނޭ. މިފަދަ ޕްރޮގުރާމެއް ތައާރަފް ވެގެން ދިޔުމަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް."