އެމްޕީއެލް އިން ވަނީ ޔޮޓުތަކަށް ހިދުމަތް ދޭން ހަދާ ބަނދަރު މި އަހަރު ފަށަން ނިންމާފަ އެވެ.
ރާއްޖޭގެ އެންމެ ގިނަ ޔޮޓް ފަހަރު ބަނދަރު ކުރާ އުލިގަމްގައި ޔޮޓު މެރީނާއެއް އަޅަން އިންވެސްޓަރުންނަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އަށް ހުޅުވާލާފައިވާ އިއުލާނުގައިވާ ގޮތުން މި މަޝްރޫއުގެ ދަށުން މުހިންމު ގިނަ ވަސީލަތްތަކެއް ހުންނަން ޖެހެ އެވެ
އުލިގަން މެރީނާ މަޝްރޫއަކީ ޗުއްޓީ ހޭދަކުރާ މީހުންނާއި ދުނިޔޭގެ ވިޔަފާރިއަށް އެންމެ ބިޒީ އެއް ކަނޑުގެ މަގު ކައިރީގައި ސްޓްރެޓެޖިކް ގޮތެއްގައި ރާއްޖޭގެ އުތުރު ކޮޅުގައި މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހިމެނޭ ގޮތަށް ޕްލޭން ކުރާ ތަނެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ މި ހިދުމަތް ޒަމާނީކޮށް ފުރިހަމަ ކުރުމެވެ.
އެމްޕީއެލް އިން ވަނީ މި މަޝްރޫއު ފެށުމުގެ ގޮތުން އުލިގަމް ކައުންސިލުން ބިން ހޯދާފަ އެވެ. އެ ކުންފުނިން ބުނެފައިވަނީ މި މަޝްރޫއު މި އަހަރު ފަށައި ހަ މަސްތެރޭ ހިދުމަތަށް ގެނެވޭ ވަރުވާނެ އެވެ.