އަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ނުނިންމާ: މުއްތަލިބު

ސޮއިކޮށް އަމަލީ މަސައްކަތް ނުފެށިވާ މަޝްރޫއުތައް މިވަގުތައް ނުފަށައި އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީގެ ހެޑް އޮފީސް

އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ 60 މަޝްރޫއުއެއް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އެ ވާހަކަތައް މިނިސްޓަރު ވަނީ ދޮގު ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ސޮއިކޮށް އަމަލީ މަސައްކަތް ނުފެށިވާ މަޝްރޫއުތައް މިވަގުތައް ނުފަށައި އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން އެމްޓީސީސީއާ މަޝްރޫއުތައް ހަވާލުކުރީ އެ ކުންފުންޏަށް ނުކަތާ ވަރަށް ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމުގެ ސަބަބުން ގިނަ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި ކަނޑައެޅި ތާރީހަށް ގިނަ މަޝްރޫއުތައް ނިންމާލެވިފައެއް ނުވެ އެވެ.

އެގޮތަށް އަމަލު ކުރުމުން އެމްޓީސީސީއަށް ވެސް ގެއްލުން ވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް ކުރީ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފެށި އެވެ. ގިނަ މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އޭގެ ތެރެއިން ސޮއިކުރުން ފިޔަވާ އެއްވެސް ކަމެއް ނުހިނގާ އެތައް މަޝްރޫއުއެއް ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.