ގަވަރުނަރަކަށް އައްޔަނުކުރަން މުނައްވަރަށްވުރެ ގާބިލް ބޭފުޅަކު ނެތް: ކުރީގެ ގަވަރުނަރު

"މިހާތަނަށް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރަކަށް، މިހާތަނަށް މުޅި ހިސްޓްރީގަ ވެސް އެއަށްވުރެ ގާބިލް، އެއަށްވުރެ ތަނަވަސް މާލީ ތަޖުރިބާ ލިބިވަޑައިގެންފައި ހުރި [ބޭފުޅެއް އެއީ]،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމު ފުރުއްވުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށްވުރެ ގާބިލު ބޭފުޅެއް ނެތް ކަމަށް ކުރީގެ ގަވަރުނަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މުނައްވަރު އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވެވީ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ބުނެ، ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިނުމުން އޭނާ މަގާމުން ވަކި ކުރުމަށް ފަހު އެވެ. 

ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަނުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމެޓީން ވަނީ އެ މައްސަލަ ދިރާސާކޮށްފަ އެވެ. އަދި އިއްޔެ މުނައްވަރާ އިންޓަވިއު ވެސް ކޮށްފައިވެ އެވެ. އިންޓަވިއު ކުރުމަށްފަހު ކޮމެޓީން ނިންމާފައި ވަނީ މުނައްވަރު އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށެވެ.

ކޮމެޓީން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅުއްވައި ދެއްވަމުން އެ ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ މުނައްވަރަށް 94.43 މާކްސް ލިބިފައިވާ ކަމަށެވެ. ގަވާއިދުގައި މަގާމުތަކަށް އައްޔަނު ކުރާ މެންބަރުން ފާސްވުމަށް 75 މާކްސް ބޭނުންވެ އެވެ.

އެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ މުނައްވަރަކީ މިހާތަނަށް މި މަގާމާ ހަވާލުވެވަޑައިގަންނަވާނެ އެންމެ ގާބިލް ބޭފުޅާ ކަމަށެވެ. މުނައްވަރަކީ އެމްއެމްއޭގެ އިތުުރުން ދައުލަތުގެ އިސް މަގާމުތައް ވެސް ފުރުއްވާ، ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

"މިހާތަނަށް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރަކަށް، މިހާތަނަށް މުޅި ހިސްޓްރީގަ ވެސް އެއަށްވުރެ ގާބިލް، އެއަށްވުރެ ތަނަވަސް މާލީ ތަޖުރިބާ ލިބިވަޑައިގެންފައި ހުރި [ބޭފުޅެއް އެއީ]،" ގާސިމް ވިދާޅުވި އެވެ.

މުނައްވަރު އެ މަގާމަށް އައްޔަނު ކުރެވޭނީ މަޖިލީހުގެ ތަޅުމުން ވެސް ފާސްކޮށްގެންނެވެ. އެހެންކަމުން މިއަދުގެ ވޯޓް ގަޑީގައި އެ ރިޕޯޓަށް ވޯޓަށް އަހާނެ ކަމަށް ގާސިމްގެ ވާހަކަފުޅު ނިންމާލުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.