ރާއްޖޭގެ ރައީސަކު / ނާއިބު ރައީސަކު އިރާނަށް ރަސްމީދަތުރުފުޅެއް ނުކުރައްވާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އިރާނަކީ ރާއްޖެ އިން ވަރަށް ކުރީން ސިޔާސީ ގުޅުން ގާއިމު ކުރި ގައުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، ރަސްމީ ދަތުރުފުޅެއްގައި މިއަދު އީރާނަށް ވަޑައިގެންފި އެވެ.
ނާއިބު ރައީސް އިރާނަށް ވަޑައިގެންފައި މިވަނީ އީރާނުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައި ކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވުމަށްޓަކައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އީރާނުގެ އިމާމް ހުމައިނީ އިންޓާނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރު އަލާއުއްދިން ބުރޫޖަރްދީއެވެ.
އީރާނުގެ އައު ރައީސް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.
ރާއްޖޭގެ ރައީސަކު / ނާއިބު ރައީސަކު އިރާނަށް ރަސްމީދަތުރުފުޅެއް ނުކުރައްވާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އިރާނަކީ ރާއްޖެ އިން ވަރަށް ކުރީން ސިޔާސީ ގުޅުން ގާއިމު ކުރި ގައުމެކެވެ. ނަމަވެސް ސައުދީއާ އިރާނާ ދެމެދު އުފެދުނު ނުތަނަވަސް ކަމުގައި ސައުދީން އިރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައި ވަނިކޮށް ރާއްޖެ އިން ވެސް އިރާނާ ގުޅުން ކަނޑާލި އެވެ.
އެއީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ރާއްޖެއާ ސައުދީ ސަރުކާރާ އޮތީ ވަރަށް ގާތްގުޅެކެވެ. އެ ނިންމުމުގެ ފަހަތުގައި އޮތީ ސައުދީ ސަރުކާރުގެ އެންގުމާއި ނުފޫޒު ކަމަށް ތުހުމަތު ކުރެވެ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި ވެރިކަން ލިބިއްޖެނަމަ އަލުން އިރާނާ ގުޅުން ގާއިމު ކުރުމަށް ވައުދުވި އެވެ.
ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ވެސް ފުރަތަމަ އެކަން ކުރަން ފަސްޖެހުނެވެ. އިރާނާ އަލުން ސިޔާސީ ގުޅުން ގާއިމު ކުރީ ސައުދީ-އިރާން ގުޅުން ރަނގަޅުވެ ސައުދީން އަލުން އިރާނާއެކު ސިޔާސީ ގުޅުން ގާއިމު ކުރުމުންނެވެ. އެހެން ކަމުން މާޗު 10، 2023 ސޯލިހްގެ ސަރުކާރުން އަލުން އިރާނާ ގުޅުން ގާއިމު ކުރުމުގެ ފަހަތުގައި ވަނީ ވެސް ސައުދީގެ ރުހުން އެކަމަށް ލިބުން ކަަމަށް ބެލެވޭނެ ޖާގަ އޮތީ ހުޅުވިފަ އެވެ.
ޔާމީންގެ ސަރުކާރުން އިރާނާ ގުޅުން ކަނޑާާލީ އަދި ސޯލިހްގެ ސަރުކާރުން އިރާނާ އަލުން ގުޅުން ގާއިމު ކުރީވެސް ސައުދީގެ ރުހުމާއި ނުފޫޒު އެކަމުގައި އޮވެ އެވެ.