މުނައްވަރު ވިދާޅުވި ގޮތުގައި މިނިވަން މުވައްސަސާތަކުގެ އިތުބާރު ގާއިމް ކުރަން ޖެހެ އެވެ. ގޯހުން ދާނަމަ އޭނާ ނުރުހުން ފާޅުކުރައްވާނެ އެވެ. ރަނގަޅު ކަންކަމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެ އެވެ.
ސަރުކާރުން ބުނި ނަމަވެސް އުސޫލުތަކުން ބޭރުން ގަވައިދުތަކާއި ގާނޫނުތަކާ ހިލާފަށް ކަމެއް ދާނަމަ އެކަމާ ދެކޮޅުވެސް ހައްދަވާނެ ކަމަށް އަދި އިސްތިއުފާދޭން ޖެހިއްޖެނަމަ އެކަން ކުރައްވަން ވެސް ޖެހިލުންވެވަަޑައި ނުގަންނަވާނެ ކަމަށް އާ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ވަކި ކުރުމަށްފަހު އަލަށް މަގާމާ ހަވާލުވެވަޑައިގަންނަވާ އާ ގަވަރުނަރު މުނައްވަރު އިންޓަވިއު ކުރަން މަޖިލީހުގައި މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއްގައި ފުރިހަަމަ އެއްބާރުލުން ލިބޭނެ އެވެ.
ނަމަވެސް ރައްޔިތުންނާއި ގައުމަށް ގެއްލުވެދާނެ އެއްވެސް ކަމެއްގައި ސަރުކާރުން އެންގި ނަމަވެސް އަމަލު ނުކުރައްވާނެ ކަމުގެ ޔަގީންކަން ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި މުނައްވަރު ދެއްވި އެވެ.
ސަލީމްގެ ސުވާލު - އެމްއެމްއޭގެ ގަވަނަރުގެ މަގާމު ހަވާލުވާ ހިސާބުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ތޯ ނޫނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ތޯ މަސައްކަތް ކުރެވެނީ އަޅުގަނޑުގެ މައްސަލައަކީ. މަނިކުފާނު މަސައްކަތް ކުރައްވާނީ ގައުމުގެ ދިފާއުގައި ތޯ ؟ ނޫނީ އެއިރެއްގައި އޮންނަ ސަރުކާރަކުން ބުނާނާ ގޮތަކަށް ތޯ ؟ ގޯހުން ކަންތައް ދިޔަ ނަމަވެސް، އެމްއެމްއޭ އިން ބުނާ އެއްޗެއް ގަބޫލު ނުކޮށްފިނަމަ އިސްތިއުފާ ދެއްވުމުގެ ހިތްވަރު މަނިކުފާނުގެ ކިބައިގައިހުންނާނެ ތޯ؟
މިހެން މިބުނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި އެބައޮތް ސަރުކާރަށް ކުރިން ލަފާ ދިނީމޭ އެކަމަކު ގަބޫލެއް ނުކުރިއޭ. އެކަމަކު ހާޝިމް އެ މަގާމުގައި ދެމިހުންނެވީމަ.
މުނައްވަރު ވިދާޅުވި ގޮތުގައި ގަބޫލުކުރާ އުސޫލުތަކެއް ހުންނާނެ ކަމަށާ އެކަންކަމުގައި އަބަދުވެސް ހިފަހައްޓާނެ އެވެ. އެމްއެމްއޭގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު އެތަނުން އިސްތިއުފާ ދެއްވީވެސް އެއިރުގެ ހާލަތު އޮތްގޮތުން އެމްއެމްއޭގެ ތެރޭން ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް ގަބޫލު ނުކުރެވިގެން ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ގެއްލުންވާނަމަ މަޝްވަރާ ވެސް ދޭނަން. އެކަމާ ނުރުހުން ވެސް ފާޅު ކުރާނަން. އިސްތިއުފާ ދޭން ޖެހިއްޖެނަމަ އިސްތިއުފާ ވެސް ދޭނަން. އެއީ އެންމެ މުހިންމު ވާޖިބަކަށް ވާނީ ހާއްސަކޮށް މިނިވަން މުވައްސަސާއެއްގެ ގާނޫތަކެއް އޮވޭ. އެކަމަކު މިވާގޮތަކީ އެއިރެއްގައި އޮންނަ ގޮތަކަށް ހުރިހާކަމެއް ވެގެންދަނީ. ހުރިހާކަމެއް ނިމުނީމަ ދެން އަރާ ވާހަކަ ދައްކަނީ،" މުނައްވަރު ވިދާޅުވި އެވެ.