ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ހަ މަސް ތެރޭގައި ބާއްވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވައި އާ މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ. އޭގެ ސަބަބުން އަހަރަކު ގިނަ ބައި-އިލެކްޝަންތަކެއް ބާއްވަން ޖެހެ އެވެ.
މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ފަރާތުން މި ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު އެވެ. އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބާއްވަން ޖެހޭނީ ގޮނޑި ހުސްވާތާ އެންމެ ގިނަވެގެން 183 ދުވަސް ނުވަތަ ހަ މަސް ދުވަހުގެ ތެރޭގަ އެވެ.
އޭގެ އިތުރުން، ކައުންސިލް މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގައި ބާކީ އަހަރެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިހުތިޔާރު ކުރުން ލާޒިމް ނޫން ކަމަށް އިސްލާހުގައިވެ އެވެ.
ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އަދި، ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.
ބައި-އިލެކްޝަންތައް ބޭއްވުން މަދު ކުރުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅާފައިވާއިރު، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މި ގާނޫނަށް މިފަދަ އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހުގައި ވަނީ އަހަރަކު އެއްފަހަރު ބައި-އިލެކްޝަންތައް ބާއްވާ ގޮތަށެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ނިންމާފައެއް ނުވެ އެވެ. ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު އަހަރަކު އެއްފަހަރު ބާއްވަން ގާނޫނު އިސްލާހުކޮށްފައިވެ އެވެ.