އަޅުގަނޑުމެންގެ ގައުމުގައި ބޭރު ގައުމެއްގެ ސިފައިން މިހާރަކު ނުތިބޭނެ. އެއީ ވަރަށް ސާފު ކަމެއް. ޔުނީފޯމް ލައިން ވެސް ނުލާ ވެސް ނުތިބޭނެ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު ނުތިބޭނެ ކަމަށް ބުނެ ސަރުކާރާއި ރައީސް މުއިއްޒު ދައްކަވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ ވާދަވެރީން ދައްކަވާ ވާހަކަތަކަށް އެމަނިކުފާނު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ހުރިހާ ސިފައިން ފައިބައިގެން ގޮސް މިހާރު ތިބީ މުޅީން ވެސް ސިވިލިއަނުން ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް މުޅި އެ އޮޕަރޭޝަންގެ ފުރިހަމަ ތަފްސީލެއް ސަރުކާރުން ނުދެ އެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ސިވިލިއަނުން ގޮތުގައި ވެސް އަލުން ރާއްޖެ ފޮނުވީ އިންޑިއާގެ ރިޓަޔާޑް ސިފައިންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި އަދި ވެސް ގާއިމުވެ އެބަ ތިއްބެވެ. ބޭލުނީ އެ މީހުން އަޅާ އުޅުނު ޔުނީފޯމް އެކަންޏެވެ.
އިންޑިއާ ސިފައިން އަދިވެސް ރާއްޖޭގައި ތިބި ކަމަަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ ރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިންގެ އެކަކު ވެސް މިހާރު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. ހެލްކޮޕްޓަރާއި ޑްރޯން ދުއްވަން ތިބީ ސިވިލިއަނުން ކަމަށާ އެއީ ސިފައިން ނޫން ކަމަށް ވިދާޅުވި އެވެ.
އަދި އިންޑިއާ ސިފައިންގެ މައްސަލަ ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ތެރެއިން މަޝްވަރާކޮށްގެން ހައްލު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ބޭރު ގައުމެއްގެ ސިފައިން މިހާރަކު ނުތިބޭނެ. އެއީ ވަރަށް ސާފު ކަމެއް. ޔުނީފޯމް ލައިން ވެސް ނުލާ ވެސް ނުތިބޭނެ،" އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަަށް ވިދާޅުވާ ލީޑަރުންނަށް ރައްދު ދެއްވާ ރައީސް ވިދާޅުވި އެވެ.