މި އަހަރު ގެންނަ ބޯޓުގެ ދަތުރުތައް ފިނި މޫސުގައި ފަށާނެ އެވެ. މި ބޯޓުގައި 3 ކުލާސް ހުންނާނެ އެވެ، އެއީ ބިޒްނަސް ކުލާހާއި ޕްރިމިއަމް އިކޮނޮމިކް ކުލާހާއި އިކޮނޮމިކް ކުލާހެވެ. މި ބޯޓުން 264 ފަސިންޖަރުން އުފުލޭނެ އެވެ.
ގައުމީ އެއާލައިންގެ ދަތުރުތަކުގައި މި އަހަރު އިތުރު ބޮޑު ބޯޓެއް ގުޅޭއިރު އަންނަ އަހަރުވެސް ބޮޑު ބޯޓެއްގެ ދަތުރު ފަށާނެ ކަމަށް ބުނެފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އުދުހުންތައް ދުނިޔެއަށް ފުޅާކުރަން ކުރަމުންދާ މަަސައްކަތުގެ ދަށުން އެ ކުންފުނިން މިއަދު ހަވީރު ވަނީ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަރުކާގެ ބޯޓެއް ގެންނަން ހަވާލުކޮށްފަ އެވެ. މި ބޯޓު ގެންނަން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ބޮޑެތި އެއާލައިންތަކަށް ބޯޓު ފޯރުކޮށްދޭ ޓްރޫނޯޑް ކުންފުންޏާއެވެ.
މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މީގެކުރިން ވެސް ބޯޓު ގެންނަން މަސައްކަތްތަކެއް ކުރެވުނު ކަމަށާ ނަމަވެސް އެކަމުގައި ހަގީގީ ކުލަ ޖެއްސިފައި ނެތް ކަމަށެވެ. ނަމަވެސް މި މަސައްކަތުގައި ހަގީގީ ކުލަ ޖެހިގެން ގޮސްފައި ވަނީ މިވަނީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކުރެވުނު މަސައްކަތްތަކުން ކަމަށެވެ،
މިނިސްޓަރު ވިދާޅުވީ މިއީ ފެށުމެއް ކަމަށާ ބޮޑެތި ބޯޓު ފަހަރު އޮޕަރޭޓް ކުރުމުގެ ކެޕޭސިޓީ އައިލެންޑް އޭވިއޭޝަންގައި އެބަހުރި ކަމަށާ އިތުރު ބޯޓުތައް ވެސް އިތުރު ކުރެވޭނެ ކަމަށެވެ. އަދި މި ބޯޓާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށާއި ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މޯލްޑިވިއަން އަށް ބޮޑު ބޯޓެއް ގަންނަން ތައްޔާރުވާއިރު އެންމެފަހުން ސިންގަޕޫރުގައި އޮތް އެއާޝޯއަށް ސަރުކާރުގެ އިސް ވަފުދެއް ގޮސްވަނީ މި މަރުކާގެ ބޯޓުތައް ބަލާފަ އެވެ.
ގައުމީ އެއާލައިން އުދުއްސާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒް ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާ ބޯޓު ހޯދުމުގެ ހުއްދަ ވަޒީރުގެ މަޖިލީހުން ނިންމެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކަމަށާ މި ނިންމެވުމާއެކު މިފަދަ މަތިންދާބޯޓުގެ ދަތުރުތައް ފެށުމުގެ މަސައްކަތްތައް ފެށިކަމަށެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެވުމަކީ ގައުމީ އެއާލައިން ދުނިޔޭގެ ވާދަވެރިކަމަށް ނުހުންނަން ހުޅުވޭނެ ދޮރަކަށްވާނެ އެވެ.