މި ބަދަލާއެކު ސެންޓްރަލް ޕާކު ވަށައިގެންވާ މައި މަގަށް ނިކުންނަ ހުރިހާ އުޅަނދެއް ވެސް އަޅަން ވާނީ ވައަތަށެވެ. އެޗްޑީސީން ވަނީ އެ މަގުން ދަތުރުކުރާއިރު އެކަމަށް ސަމާލު ވުމަށް އެދިފަ އެވެ.
ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެޗްޑީސީން ވަނީ ފަށާފަ އެވެ.
ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެ ކުންފުނިން ބުނީ ސެންޓްރަލް ޕާކު ވަށައިގެންވާ މައި މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަށް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެ ކަމަށް ވެސް ބުންޏެވެ.
މި ބަދަލާއެކު ސެންޓްރަލް ޕާކު ވަށައިގެންވާ މައި މަގަށް ނިކުންނަ ހުރިހާ އުޅަނދެއް ވެސް އަޅަން ވާނީ ވައަތަށެވެ. އެޗްޑީސީން ވަނީ އެ މަގުން ދަތުރުކުރާއިރު އެކަމަށް ސަމާލު ވުމަށް އެދިފަ އެވެ.
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ އެވެ. އެގޮތުން، ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ އެވެ.
އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ވައްބުރު -- ރައުންޑެބައުޓްސް ގާއިމްކޮށް އަދި ބައެއް ސަރަހައްދުތަކުގައި ސައިން ބޯޑުތައް ބަހައްޓާނެއެވެ.
މަގުތަކަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް، ސައިން ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އަމާޒަކީ މި އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ވެސް ބުންޏެވެ.
އެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.