ދިވެހިބަހުގެ އެކެޑަމީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒު ގީލާނީ އެވެ.
ދިވެހިބަހުގެ އެކެޑަމީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒު ގީލާނީ އެވެ. އަދި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ދެގައުމުގެ ދެމެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުމަށްޓަކައި ވަރަށް ހާއްސަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި އުމްރާނީ ތަރައްގީގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގައި ވެސް ޕާކިސްތާނުގެ އެހީތެރިކަމާއެކު ކުރެވިފައިވާ އަދި ކުރެވެމުންދާ ކަންކަން ފެންނަން އެބަހުރި ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި މިއަދު އެކެޑަމީއަށް މިދެވުނު އެހީއަކީ ރާއްޖޭގެ ތަރިކައާ ސަގާފަތުގެ ދާއިރާއަށް ވެދެވޭ އެހީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައަމަތުގައި ޕާކިސްތާނާ ރާއްޖެއާ ދެމެދު އޮތް ގުޅުން ގިނަ ދާއިރާ ތަކަކުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެހީއާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަޒީރު އާދަމް ނަސީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ބަހުގެ އެކެޑަމީގެ އުންމީދުތައް ހާސިލުކުރުމުގައި މިއީ މިހިނދަށް ވަރަށް ބޭނުންތެރި އެހީއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހީންނަށް ލިބިފައިވާ އަދި ލިބެމުންދާ އެހީއަކީ އަގުނުކެރެވޭނެ އެއްޗެއް ކަމަށާ އެކަމަށްޓަކައި އެންމެހައި ދިވެހީންގެ ނަމުގައި ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.