ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 10

ލައިލާގެ ދުލުން ގޮވަމުން ދިޔައީ ބަތާންގެ ނަމެވެ. ބަތާންގެ ކޮންމެ ހަރަކާތްތަކަށް ލައިލާ ލެނބިގެން ދިޔައީ ލައިލާގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ.

- އެޕިސޯޑް 10 –

"ކާކު ތީ؟" 

ލައިލާއަށް ވަގުތުން އެނދުން ތެދުވެވުނެވެ. ވަށައިގެން މުޅި ކޮޓަރިތެރެއަށް ލައިލާ ކަޅި ހިންގާލިއެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ކޮޓަރިތެރެއަކުން ފެންނާކަށް ނެތެވެ.

"ލައިލާ" މިފަހަރު އަޑު އައީ ސީދާ ލައިލާގެ ކަންފަތް ދަށުންނެވެ. ފުންމައިގެން އެނދުން ތެދުވެ ލައިލާ ގޮސް ހުއްޓުނީ ކޮޓަރީގެ މެދެއްހާ ހިސާބުގައެވެ. އޭރު ލައިލާ ބިރުން ތުރުތުރު އަޅަނީއެވެ. އަނެއްކާ ވެސް އެ އަޑެއް ލައިލާއަށް އިވުނެވެ. މިފަހަރު އަޑު އައީ އެނދުގައި އަޅާފައިވާ ބެޑު ޝީޓު ދަށުންނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ލައިލާއަށް ބަލައިލެވުނީ އެނދަށެވެ. ބެޑް ޝީޓް ދަށުގައި މީހެއް އޮތްކަން ކޮޓަރީގެ ފަނޑު އަލީގެ ތެރެއިން ވެސް ލައިލާއަށް ޔަޤީން ކުރެވުނެވެ. ލައިލާ ފަހަތަށް ފިޔަވަޅު ނަގަމުން ދިޔައީ ވަރަށް މަޑުންނެވެ. އަދި ގޮސް ކުއްލިއަކަށް ހުރެފައި ކޮޓަރީގެ ލައިޓް ޖައްސާލިއެވެ.

ލައިލާގެ ހަށިގަނޑަށް ސަވާރުވެފައިވާ ބިރުވެރިކަން ދެގުނަ ވެގެން ދިޔައެވެ. ބެޑް ޝީޓް ދަށުގައި އޮތް މީހާ ތެޅެމުން ދިޔައެވެ. އެ މަންޒަރު ބަލަން ލައިލާއަށް ހުރެވުނީ ބިރުން ހިތް ރޫޅޭ ވަރުވެފައެވެ. ލައިލާ އަށް މަޑުމަޑުން ރޮވޭ ގޮތް ވިއެވެ.

"ތީ ކާކު؟" 

ލައިލާ އަށް އަހާލެވުނެވެ. ބިރުން ފިތްކަނޑައިގެންދާ ޙާލުގައި ލައިލާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ.

"އަހަރެން..." 

އެ އަޑުން ކޮޓަރި ތެރެ ހީވީ ފަޅައިގެން ދިޔަހެންނެވެ. އެހާ ވެސް އަޑު ބާރެވެ. އަދި އެހާމެ ބަރު އަޑެކެވެ.

"އާދޭ!" 

އަނެއްކާ ވެސް އެ ބަރު އަޑު ހޮނު ގުގުރިއެއް ފަދައިން ކޮޓަރި ތެރޭގައި ގުގުމާލިއެވެ. ލައިލާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ބިރުން ހަދާނެ ގޮތް ނޭނގިފައިވާ މީހެއް ފަދައިން ލައިލާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

"އާދޭ އާދޭ! އާދޭ އާދޭ!" 

ލައިލާއަށް ފަހަތަށް ޖެހެމުން ގޮސް ކޮޓަރީގެ ދޮރަށް ޖެހެގަނެވުނެވެ. އަދި ވަރަށް އަވަސްކޮށް ދޮރު ހުޅުވާލަން ލައިލާ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ލައިލާއަށް ކާމިޔާބެއް ނުވިއެވެ. އުޅެ އުޅެ ލައިލާއަށް އެކަމެއް ނުވިއެވެ. އެވަގުތު ބެޑް ޝީޓް ދަށަށް ހީވަނީ ބިންހެލުމެއް އައިސްގެން އުޅޭހެންނެވެ. އެ މީހަކު އޭގެ ތެރޭގައި އޮވެ ތެޅެ ފޮޅޭތަން ލައިލާއަށް ފެންނަމުން ދިޔައެވެ.

"ހެޔޮނުވާނެ! ތީ ކާކު؟ އަހަރެން ސަލާމަތްކޮށްދީ!" 

ލައިލާއަށް ގިސްލާ ރޮވެނީއެވެ.

"އާދޭ! އަހަރެން ސަލާމަތްކޮށްދީ! އޭރުން ކަލޭ ވެސް ސަލާމަތް ވާނެ.." 

ބެޑްޝީޓު ދަށުގައި އޮތް މީހާ ބުނެލިއެވެ. އެ އަޑަކީ އެއްވެސް އިންސާނަކަށް އަޑު އަހާލަން ފަސޭހަ ވާނެ އަޑެއް ނޫނެވެ. އެހާ ވެސް ބިރުވެރި، ނާމާން އަޑެކެވެ.

ލައިލާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ކިތަންމެ ބިރުގަތްފާ ވީނަމަވެސް، ދެ ޚިޔާލެއްގައި ހުރެ ލައިލާ ނިންމީ އެކަމާ ކުރިމަތިލާށެވެ. ކިތަންމެ ބޮޑު ނުރައްކަލެއް ކުރިއަށް އޮތް ނަމަވެސް، އެއީ ކާކުތޯ ބަލާ، އެއީ ކިހިނެއްވާ ކަމެއްތޯ ބަލައިލަން ލައިލާއަށް މަޖުބޫރު ވެއްޖެ ކަމުގެ އިޙްސާސް އޭނާއަށް ވިއެވެ. ލައިލާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނެގިއެވެ. އެވަގުތު ވެސް ބެޑްޝީޓު ދަށުގައި އޮތް މީހާ ތެޅެ ފޮޅެނީއެވެ. ލައިލާ ފަހަރަކު ފިޔަވަޅެއް ކުރިއަށް ނަގަމުން ދިޔައެވެ. ލައިލާ އަޅާ ކޮންމެ ފިޔަވަޅަކާ އެކުގައި ލައިލާގެ ހިތުގެ ވިންދު ހީވަނީ ރޭހެއް ޖަހަމުންދާ ހެންނެވެ.

ލައިލާ ގޮސް ހުއްޓުނީ އެނދާވީ ދިމާލުގައެވެ. އަދި ބަލައިލީ އެނދަށެވެ. ކުއްލިއަކަށް ބެޑްޝީޓު ދަށުގައި އޮތް މީހާ ހިމޭން ވިއެވެ. ލައިލާއަށް ކަޅި ޖަހާ ނުލާ ބަލަން ހުރެވުނީ އެނދާ ދިމާލަށެވެ. ވަގުތުކޮޅަކު ލައިލާއަށް ހުރެވުނީ ހިމޭން ވެވިފައެވެ. މުޅި ކޮޓަރިއަށް ކަޅި ހިންގާލާފައި، ލައިލާ އަނެއްކާ ވެސް އެނދާ ދިމާލަށް ބަލައިލިއެވެ.

ނޭވާ ހިފަހައްޓާލާފައި ބެޓްސީޓްގެ ކަނެއްގައި ލައިލާ ހިފާލިއެވެ. އަދި ކުއްލިއަކަށް ހުރެފައި ބެޑްޝީޓް ދަމައިގަތެވެ. ލައިލާއަށް ބޭއިޙްތިޔާރުގައި ފަހަތަށް ޖެހެވުނެވެ. ލައިލާގެ ދެލޯ ބޮޑުވެފައިވާ ވަރުން ހީވަނީ އޭނާގެ ކަޅި ވެއްޓިދާނެ ހެންނެވެ. އެނދުމަތީގައި އެއްވެސް ފޭރާމެއް ނެތި އޮތީ މީކާލްއެވެ. މީކާލްގެ މޫނުމަތި ހުރީ ވަރަށް ބިރުވެރި ސިފައެއްގައެވެ.

"ނޫން... ނޫން.." 

އެމީހާގެ ދެލޯ ހުޅުވާލުމާއެކުގައި ލައިލާއަށް އަޑުން އަޑު ނަގާ ރޯންފެށުނެވެ. ބަނޑުހައިވެފައިވާ މިނިކާވަގެއް ފަދައިން އެމީހާ ކުއްލިއަކަށް އެނދުން ފުންމައިގެން ތެދުވެ، ލައިލާގެ ކަރުގައި ދަތް އެޅިއެވެ. ލައިލާއަށް އިތުރަށް ދެއްކޭނެ އެއްވެސް ބާރެއް ނެތެވެ. ލައިލާ ލައިގެން ހުރި ފޭރާން ވީދާލުމަށްފަހު، ލައިލާ ގޮވައިގެން އެމީހާ ވަނީ ފާޚާނާއަށެވެ. އަދި ފެންމާގަނޑު ޖައްސާލަމުން ފާޚާނާގެ ފާރަަށް ލައިލާ ތަތްކޮށްލިއެވެ. އެއާއެކުގައި ލައިލާއަށް ލިބެން ފެށީ ބުނެދޭން ނޭނގޭ ފަދަ އަރާމެކެވެ. ގަދަ ދައްކަމުން ދިޔަ ލައިލާގެ ހަރަކާތްތަކަށް ކުއްލިއަކަށް ހިމޭންކަން އައެވެ. އެ އަރާމަށް ލައިލާ ލެނބިގެން ދިޔައެވެ.

ލިބެމުން ދިޔަ އަރާމުން ލައިލާ ދީވާނާ ވަމުން ދިޔައެވެ. އެ މަސްތީ އަރާމަކީ ދުވަހަކުވެސް ލައިލާއަށް ލިބުން ފަދަ އަރާމެއް ނޫނެވެ. އެއީ އާދަޔާ ޚިލާފު އަރާމެކެވެ. މުޅިން ތަފާތު އިޙްސާސެކެވެ. ލައިލާ ދިޔައީ އެ އަރާމަށް އާދޭސް ކުރަމުންނެވެ. ކަރު ބުޑުން ފެލެމުން ދިޔައީ އެ ލިބުން އަރާމުތަކުން މޮޔަވާ ވަރުންނެވެ.

"ބަތާން.. ބަތާން.." 

ލައިލާގެ ދުލުން ގޮވަމުން ދިޔައީ ބަތާންގެ ނަމެވެ. ބަތާންގެ ކޮންމެ ހަރަކާތްތަކަށް ލައިލާ ލެނބިގެން ދިޔައީ ލައިލާގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. (ނުނިމޭ)


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.