މިނިސްޓަރު ވަނީ ގަރާޖު ނެތި ހަދާފައިވާ ގަރާޖު ސިޓީތަކުގެ ބޭނުމެއް މިހާރަކު ނުހިފޭނެ ކަމަށް ވިދާޅުވެފަ އެވެ.
ގަރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުމާއި އެހެނިހެން ވިޔަފާރި ކުރުމަށް ގަރާޖް ރަޖިސްޓްރީ ކުރުން ނިމުމަކަށް ގެންނަވާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ގްރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މާލޭގެ ގިނަ ގަރާޖުތަކުގެ ވެރިފަރާތަށް އެނގުމެއްނެތި ގިނަ އަދަދުތަކަށް އެ ގަރާޖުތަކަށް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ގަރާޖު ނެތް ގިނަ ގެތަކުގެ ގޭގެ ވެރިފަރާތަށް އެނގުމަކާނުލާ ގަރާޖު ހުރިކަމުގެ ނަމުގައި ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އަދި ވިދާޅުވީ ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު ހަމަ އެ ޖާގަ ފިހާރައެއް، ގުދަނެއް ނުވަތަ އެހެނިހެން ވިޔަފާރިއެއް ކުރުމަށް ރަޖިސްޓްރީވުމުގައި އެއްވެސް ހުރަހެއް ނެތުމުން އެތައް ބަޔަކު އެކަމުގެ ނާޖަައިޒު މަންފާ ހޯދާ ކަމަށެވެ. އަދި ވިދާޅުވީ ދެވަނަ ބޭނުމަކަށް އެއްތަނެއް ރަޖިސްޓްރީ ކުރެވޭކަން އެނގޭނެ ނުވަތަ ބެލޭނެ ނިޒާމެއް މިހާރަކު ނެތް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ޖާގަ އަދި އިކޮނޮމިކް މިނިސްޓްރީއިން ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭ ތަންތަން އެއް ވިއުގައެއްގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު މައުލޫމާތު ވަގުތުން ވަގުތަށް ހިއްސާ ކުރެވޭނެ އިންޓަރގްރޭޓަޑް އިންފޮރމޭޝަން ސިސްޓަމެއް ގާއިމުކޮށް އެކަން ހުއްޓުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ސިސްޓަމު ގައި ގަރާޖެއްގެ ގޮތުގައި ހުރި ތަނެއް ވިޔަފާރިއަކަށް ރަޖިސްޓްރީ ކުރަން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅައިފި ނަމަ އެއީ މިހާރުވެސް ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ތަނެއްކަން އެނގިގެން ދާނެ އެވެ. އަދި ހަމަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހެޅޭ ގަރާޖު އެޑްރެސްތައް އެއީ ކޮން ބޭނުމެއްގައި ކަނޑައެޅި ރަޖިސްޓްރީވެފައިވާ ތަނެއްކަން ވަގުތުން ބެލޭނެ އެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ގަރާޖު ނެތި ހަދާފައިވާ ގަރާޖު ސިޓީތަކުގެ ބޭނުމެއް މިހާރަކު ނުހިފޭނެ ކަމަށް ވިދާޅުވެފަ އެވެ.
ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ރަޖިސްޓްރީ ކޮށްދިނުމުގެ ސަބަބުން، އާދަޔާ ހިލާފަށް މާލެ ސަރަހައްދަށް އުޅަނދުތައް ގިނަވެ، ގްރޭޓާ މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު އާންމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށް ވަނީ ގޮސްފައި ކަމަށް ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރުމުގެ ގޮތުން ރަޖިސްޓްރޭޝަން އަށް ހުށައަޅާ އަޅަނދުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސްކުރުމުގެ ކުރިން ގާނޫނުގައިވާ ގޮތުގެ މަތިން ގަރާޖުގެ ސައްހަކަމާއި އަދި ކޮންސެންޓް ވެރިފިކޭޝަން ފުރިހަމަ ކުރަން 2024 ޖަނަވަރީގައި ވަނީ ފަށާފައެވެ. މި ބަދަލުތައް ގެނެވުނު ހިސާބުން މާލެ ސަރަހައްދަށް ރަޖިސްޓާ ކުރެވެމުން ދިޔަ އުޅަނދުތަކުގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދަށް ކާރު ރަޖިސްޓާ ކުރަމުން ދިޔަ އަދަދު އަހަރުން އަހަރަށް ދިޔައީ އިތުރުވަމުން ކަމަށެވެ. 2023 ވަނަ އަހަރު މަހެއްގެ މައްޗަށް 122 ކާރު މާލެ ސަރަހައްދަށް ރެޖިސްޓާ ކޮށްފައިވާ ކަމަށާ ނަމަވެސް މި އަދަދު %76 ދަށްކޮށް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެޖިސްޓާ ކުރެވިފައިވަނީ މަހަކު 30 ކާރު ކަމަށް ވިދާޅުވި އެވެ.