ބްރިޖާއި ހައިވޭ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ޓޯލް ފީއެއް ނެގުމުގެ މުހިންމު ކަމުގެ ވާހަކަ އޭރުން ފެށިގެން ދެކެވެ އެވެ.
ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މިރޭ ހާމަކޮށްފި އެެވެ.
ސަރުކާރުން އެކަން ހާމަކުރީ ރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާ ގައެވެ.
މިރޭ އޮތް ޖަލްސާ ގައި އެ ޕްރަގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތަފްސީލު ހިއްސާ ކުރުމަށް ހާއްސަ ރިޕޯޓެއް ނެގެސްދީފައިވެ އެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ "މާލެ ފެހި" ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.
އެ މަސައްކަތް ކުރާނީ ދައުލަތުގެ ކަމާގުޅުން ހުރި ހުރިހާ އިދާރާއަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށާ ޓޯލް ފީއާ ގުޅޭ ދިރާސާ ހެދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ބުންޏެވެ.
މާލެއާ ހުޅުލެ ގުޅުވާލާފައިވާ ސިނަމާލެ ބްރިޖާއި ބްރިޖުން ފެށިގެން ހުޅުމާލެއާ ހަމައަށް އޮތް ހައިވޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށާ ނިންމާފައި އޮތް މަޝްރޫއު އެކެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު / އެންމެ އަވަސް އެއް މަޝްރޫއު އެވެ. އަދި އެއީ މުޅި މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް ގިނަ ލުއިތަކެއް ލިއްބައިދިން މަޝްރޫއު އެކެވެ.
ބްރިޖާއި ހައިވޭ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ޓޯލް ފީއެއް ނެގުމުގެ މުހިންމު ކަމުގެ ވާހަކަ އޭރުން ފެށިގެން ދެކެވެ އެވެ. ނަމަވެސް ސިޔާސީ ގޮތުން އެއީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާނެ ކަމަކަށް ވުމުން މިހާތަނަށް އެކަން ކުރަން ނުކުރިފައި އޮތީ އެވެ.
މާލެއާ ވިލިމާލެ ގުޅުވާލާ ބްރިޖުގެ މަސައްކަތުގެ 40 ޕަސެންޓް މަަސައްކަތް ވެސް މިހާރު ވަނީ ނިމިފަ އެވެ.