އެމްއެމްއޭއިން ބުނީ ތަޖުރިބާކާރުންގެ އަލީގައި އޮންސައިޓް އެގްޒެމިނޭޝަނުން ދެއްކި ގޮތުގައި ބީއެމްއެލް ސިސްޓަމްގައި އެއްވެސް މައްސަލައެއް ނެތެވެ.
ސްކޭމްތައް ހިންގަނީ ބޭންކުގެ ސިސްޓަމް ކޮމްޕްރޮމައިޒްވުން - ސިސްޓަމަށް ވަދެގެން - ނޫންކަން މަރުކަޒީ ބޭންކުން ހެދި ޓެކްނިކަލް ތަހުގީގަށް ޔަގީން ކުރެއްވިއްޖެ އެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ އެސްއޯއީ ކޮމެޓީގައި މިއަދު މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވި ގޮތުގައި ބޭންކުގެ ސިސްޓަމްގައި އެއްވެސް ބަލިކަމެއް ހުރި ތޯ ބަލަން ބޭރުގެ ތަޖުރިބާކާރުންގެ އަލީގައި އޮންސައިޓް އެގްޒެމިނޭޝަނެއް ވަނީ ހަދާފަ އެވެ. މި ތަހުގީގުން އެނގުނު ގޮތުގައި ބޭންކުގެ ސިސްޓަމްގައި އެއްވެސް މައްސަލައެއް ނެތްކަން ވަނީ ޔަގީން ކުރެވިފަ އެވެ.
"ސިސްޓަމްތަކުގެ އެއްވެސް ވަލަނަރަބިލިޓީއެއް ފާހަގަ ކުރެވިފައެއް ނެތް. ސިސްޓަމްސް ބްރީޗިންއަކުން ނޫން މިކަން [ސްކޭމް] މި ހިންގަނީ. ސައިމް ސްކޭމްގެ އިޝޫސް ހުރިހާ ދިމާލެފައި ދުނިޔޭގައި ކުރިއަށްދޭ މި ޗޭންޖަސް ގެންނައިރު ސްކޭމަރުން ވެސް ބަދަލުވަމުންދޭ،" އިމާދު ވިދާޅުވި އެވެ.
އޭނާ އަދި އިތުރަށް ވިދާޅުވި އެވެ؛
"ސްކޭމްގެ މައްސަލާގައި އިންސްޓްރަކްޝަންތަކެއް ރިސްކް މެނޭޖުމަންޓް ގައިޑްލައިނެއް ދީފައިވާނީ. މީގެ އިތުރުން ސައިބަ ރެޒިލިއަންސް ފްރޭމް ވޯކެއް އެބަ ހަދަން. އެ ބޭންކްތަކަށް ހިއްސާ ކުރާނީ،"
ރާއްޖޭގައި ސްކޭމްތައް އާއްމުކޮށް ހިންގަނީ ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުންނެވެ. މިގޮތުން ފްލެޓު ހޯދުމާއި މެޑިކަލް ކަންކަމުގައި އަންނަ ސްކޭމް ކޯލްތަކުގެ މަޅީގައި ޖެހި ގިނަ ބައެއްގެ އަތުން ވަނީ ފައިސާ ގެއްލިފަ އެވެ. މިފަދަ މައްސަލަތަކުގައި އެތައް މިލިއަން ރުފިޔާއެއް މިހާތަނަށް ގެއްލިފައިވެ އެވެ.