ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 46

ސުހާގެ ހިތުގައި އެއްވެސް ހާސް ކަމެއް ނެތެވެ. ކުރިއަށް އަންނަން އުޅޭ ތޫފާނުގެ އެއްވެސް ހިލަމެއް ސުހާ އަކަށް ނުވެއެވެ.

- އެޕިސޯޑް 46 –

ސުހާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. އެއްވެސް ޚިލާޔެއް ފިކުރެއް ނެތެވެ. އެއާޕޯޓުގައި އެ މީހުން ތިބި އިރު، އެ އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އީމާ އާއި އޭނާގެ ފިރިމީހާއަށެވެ. ހަވީރު 4 ޖަހަން ގާތް ވެފައި ވަނިކޮށް އީމާ ދަތުރު ކުރި ފްލައިޓް ހުޅުލޭ އެއާޕޯޓަށް ލޭންޑް ކުރިއެވެ.

ސުހާ ހުރީ ފޯނާ ކުޅޭށެވެ. ފޯނަށް ގެއްލިފައިވާ ސުހާއަށް ހޭވެރިކަންވީ އަޔާޒް އޭނާއަށް ގޮވާލުމުންނެވެ. ސުހާއަށް އަތުން އިޝާރަތް ކޮށްލަމުން އެ މީހުން އަންނަ ވާހަކަ އަޔާޒް ބުނެލިއެވެ. ސުހާ ބަލައިލީ ކުރިއަށެވެ. ގޮނޑިބަރީގައި އިށީންދެގެން އިން ސުހާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ސުހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް އޭނާ ހުރެވުނު ތަން ވެސް އޮޅިގެން ދިޔައެވެ. ހީވީ ފައި ދަށުން ބިންގަނޑު ލުހިގެން ދިޔަހެންނެވެ. ބޯ މައްޗަށް ބޮޑު ބުރައެއް ވެއްޓިގެން ދިޔަ ކަހަލައެވެ. 

ސުހާގެ ލޯ މަތިން ފެންނަމުންދާ މަންޒަރު އޭނާއަށް ޤަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ. އީމާއާ އެކުގައި އެ ހުރީ ވާރިޝް އެވެ. ސުހާގެ ހަޤީޤީ ލޯބިވެރިޔާއެވެ. ސުހާ ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. ވާރިޝްއަށް އޭނާ އަދި ނުފެންނާނެތީއެވެ.

ނަމަވެސް ސުހާއަށް ވިސްނާ ނުލެވުނު ކަމަކީ، ސުހާއަށް ވާރިޝްގެ ކިބައިން ފިލެން ނެތް ކަމެވެ. އުޅެން ޖެހޭނީ އެއް ގެއެއްގަ ކަމެވެ. އީމާއާ އެކުގައި ވާރިޝް ހުރުމުން އެއީ އަނެއްކާ އީމާގެ ފިރިމީހާ ބާއޭ ސުހާ އޭނާގެ އަމިއްލަ ނަފުސާ ސުވާލު ކުރިއެވެ. އެހެން އެކަން ވެއްޖެ ނަމަ ސުހާއަށް ވާނެ ގޮތް ވެސް ނޭނގެއެވެ. ސުހާއަށް އާދަޔާ ޚިލާފު ގޮތްތަކެއް ވާން ފަށައިފިއެވެ. ބިރުގަންނަނީ އެވެ. ސުހާ އަޔާޒްއާ ކައިވެނި ކުރިއެއް ކަމަކު، ސުހާގެ ހިތާއި ސިކުނޑީގައި ވަނީ ހަމައެކަނި ވާރިޝްގެ ނަމެވެ. ވާރިޝްގެ ލޯބިން ސުހާއަށް ނުނިކުމެވިގެން އުޅެނިކޮށް، ވާރިޝް އަކީ އަޔާޒްގެ ކޮއްކޮގެ ފިރިމީހާކަން ސުހާ ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟

"ސުހާ... އާދޭ!"

ފަހަތަށް އެނބުރިގެން ހުރި ސުހާ ސިއްސައިގެން ދިޔައީ އަޔާޒްގެ އަޑަށެވެ. ސުހާ ބިރުން ރޫރޫ އަޅަނީއެވެ. ވާރިޝްއާ ކުރިމަތިލާނެ ހިތްވަރެއް ސުހާގެ ނެތެވެ. ނަމަވެސް ކުރިމަތިލުން ނޫން އިތުރު ގޮތެއް ސުހާ އަކަށް މި ވަގުތު ނެތެވެ. ނޭވާ ހިފަހައްޓާލަމުން ސުހާ އެނބުރުނީ އެ މީހުންނަށް މޫނު ވާ ގޮތަށެވެ.

ވާރިޝްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ވާރިޝްއަށް ވީ ގޮތް ވެސް ނޭނގުނެވެ. ސުހާއަށް ބަލާލުމާ އެކުގައި ވަށައިގެން ތިބި މީހުންގެ މޫނަށް އޭނާ ބަލައިލީ، ވާރިޝްގެ ލޯ މަތިން ފެނުން މަންޒަރު އެއީ ޙަޤީޤަތެއްތޯ ކަަށަވަރު ކުރާށެވެ.

"ސުހާ.. ލަދުން ހުންނަ އެއްޗެއް ނޫނޭ.. މީ ކޮއްކޮގެ ފިރިމީހާ.. ވާރިޝް.."

އަޔާޒް ހިނިތުންވެލަމުން ސުހާއަށް ވާރިޝް ތަޢާރަފް ކޮށްދިނެވެ. ސަލާމް ކޮށްލަން ވާރިޝް ދިއްކޮށްލި އަތުގައި ސުހާ ހިފާލިއެވެ. އެވަގުތު އެ ދެ މީހުންގެ ކަޅި ވަނީ އަމާޒް ވެފައެވެ. ދެ މީހުންގެ ފަރާތުން ވެސް ފެންނަނީ ހައިރާން ކަމެވެ. ހާސް ކަމެވެ. މިއީ ކޮންފަދަ އިއްތިފާޤެއް ބާއޭ ހިތަށް އަރާފައެވެ. މިއީ އެ މީހުންގެ ތަޤުދީރުގައި ލިޔެވިފައިވާ ކޮންފަދަ ބާބެއް ބާއޭ ހިތަށް އަރާފައެވެ. މީހުންގެ ތެރޭގައި ޝައްކެތް ވެދާނެތީ ވަރަށް އަވަހަށް ސުހާ ގޮސް އަޔާޒްގެ އަތުގައި ހިފާލަމުން އަޔާޒްގެ ދާދި ގާތުގައި ހުއްޓެވެ.

ރޭގަނޑުގެ ހިމޭން ވަގުތެވެ. ސުހާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނާގެ ސިކުނޑި ފުރި ބާރު ވެފައި ވަނީ ވާރިޝްގެ ހަނދާން ތަކުންނެވެ. އެ ދެމީހުންގެ ލޯބިލޯބި މާޒީން އެތަކެއް ސަފުޙާއެއް ނިއުޅަމުން، އުކަމުން ސުހާ ގެންދިޔައެވެ. އެއީ މި އުނޑުބަޅުކުރެއްވި ހިސާބުގައި އޭނާ ލޯބިވި ހަމައެކަނި މީހާއެވެ. ކައިވެންޏަށްފަހު ދިރިއުޅުމުގެ ކަންކަން މަޑުމަޑުން ހަމައަކަށް އެޅެމުން ދަނިކޮށް، ވާރިޝް ފެނުމުން ސުހާ މުޅިން ބަދަލު ވެއްޖެ ކަމުގެ އިޙްސާސް އަމިއްލަ އަށް ވެސް ކުރެވެން ފަށައިފިއެވެ.

ނަމަވެސް ސުހާގެ ހިތުގައި އަބަދުމެ ވާ ޝަކުވާއެއް އެބަ އޮތެވެ. ސުހާ ދޫކޮށްފައި ވާރިޝް ދިޔައީ ކީއްވެ ހެއްޔެވެ؟ ވީނުވުނީއެއް ނޭނގި ވާރިޝް ވަކިވީއެވެ. އެ ސުވާލުގެ ޖަވާބު ސުހާ ބޭނުން ވެއެވެ. އެޔަށްފަހު، ސުހާއަށް ވެސް އެހެން މީހަކާ އެކުގައި ދިރިއުޅެން ފަސޭހަ ވާނެއެވެ. ޖަވާބު ނުލިބޭ ސުވާލެއްގައި، ސުހާގެ މުޅި ޙަޔާތް ހުއްޓިފައި އޮންނާކަށް އޭނާ ވެސް ބޭނުން ނުވާނެއެވެ.

ވާރިޝްގެ ޙާލަކީ ވެސް އެއީ އެވެ. ވެފައިވާ ވަރުބަލި ކަމާއެކުގައި ވެސް ވާރިސްގެ ދެލޮލުން ނިދީގެ އަސަރުތައް އެއްކޮށް ފިލައިގެން ގޮސްފައިވާ ފަދައެވެ. ސުހާގެ ހަނދާންތަކުން ވާރިޝްގެ ސިކުނޑި ދިޔައީ ފުނި ޖެހެމުންނެވެ. ސުހާއަށް ދެވުނީ ވަރަށް ބޮޑު އަނިޔާއެއްކަން ވާރިޝް ޤަބޫލު ކުރެއެވެ. އެއީ ސުހާއަށް ލިބެން ވާނެ އަނިޔާއެއް ނޫނެވެ. ސުހާއަށް އެ އަނިޔާ ލިބެން ހައްޤެއް ނޫނެވެ. ވާރިޝް ދެކެ ސުހާ ވީ އިންތިހާ ލޯބީގެ ބަދަލުގައި ވާރިޝްއަށް ދެވުނީ ހިތްދަތިކަމެކެވެ. 

ނަމަވެސް އެއީ ވާރިޝް ބޭނުން ވެގެން ނިންމި ނިންމުމެއް ނޫނެވެ. ރާއްޖޭން ބޭރުގައި ވާރިޝް ހޭދަ ކުރި ކޮންމެ ސިކުންތަކީ ސުހާގެ ހަނދާންތަކާ އެކުގައި ހޭދަވި ވަގުތެކެވެ. ނަމަވެސް ވާރިޝް ސުހާ ދޫކޮށްލީ އެއީ އެވަގުތު ސުހާއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވާރިޝްއަށް ޤަބޫލު ކުރެވުނީމައެވެ.

ސުހާ ހަނދާންތަކުން އުނދަގޫ ކުރާ ވަރުން އެންމެފަހުން ވާރިޝް އެނދުން ތެދުވިއެވެ. ވާރިޝް ގޮސް ހުއްޓުނީ ޑްރެސިންޓޭބަލް ކުރިމަތީގައެވެ. އަދި ލޯގަނޑުން މޫނު ބަލާލިއެވެ.

"ދެން އަހަރެން ކިހިނެއް ސުހާ ދޫކޮށްލާނީ؟ ދެން ކިހިނެއް ސުހާގެ ހަނދާން ތަކުން އަހަރެން ދުރަށް ދާނީ؟" ވާރިޝް އޭނާގެ ޟަމީރަށް އިވޭ ވަރަށް ސުވާލުކޮށްލިއެވެ. (ނުނިމޭ)

ކޮމެންޓް

1
450
މީހެއް
1 month ago

ހާދަ ކުރޭ 1 މިނެޓް ވެސް ނުވާނެ. އެކަމް މި ބައި ވެސް ވަރަށް ރީތި. މި އަށް ވުރެ ދިގު ކޮށްލަނިކޮށް ވަރަށް ރީތި ވާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.