ވެރިކަން ބަދަލުވިއިރު 280 މިލިއަން ނުދީހުއްޓެވެ. ނަމަވެސް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ނުހުންނާނެ ކަމަށެވެ. ނަމަވެސް ހިސާބުތަކުން ފެންނަނީ އަމީރު އިތުރުފުޅު ހެއްދެވި ކަމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި ފަހުން ކަޅުބިލަ މަހުގެ މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާ ފަހަނަ އަޅައިފި އެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ވަނީ 44،415 މެޓްރިކް ޓަނަށްވުރެ ގިނަ މަސް ވަނީ ކިރުވާފަ އެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި އެންމެފަހުން މަސްވެރިންނަށް ދިން ފައިސާއާއެކު ދޫކުރި ފައިސާގެ އަދަދު ވަނީ އެއް ބިލިއަން ރުފިޔާ ފަހަނަ އަޅާފަ އެވެ. މިފްކޯއިން ދަނީ ނަގުދު ފައިސާ އަދި އޮންލައިންކޮށް ވެސް ފައިސާ ދޫކުރަމުންނެވެ.
މި ހިސާބުތައް ދައްކާ ގޮތުގައި ވެރިކަން ބަދަލުވިއިރު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު 280 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރަ އެވެ. މި ފައިސާއަކީ އޮކްޓޫބަރު 16 އިން ފެށިގެން ނޮވެބަރު 11 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ބޭނި ބަހަަށް ނުދީ ހުރި ފައިސާ އެވެ. މި ފައިސާއަކީ މަހުގެ އަގު 17ރ . އިން 25ރ. އަށް ބަދަލު ކުރުމަށްފަހު ދައުލަތުގެ މާލިއްޔާއަށް ބާރު ބޮޑުވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދީހުރި ފައިސާ އެވެ. އެހެންވެ މި ފައިސާ ދޭން ސަރުކާރަށް ދަތިވުމާއެކު މަސްވެރިން ހާލުގައި ޖެހި ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. ނަމަވެސް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ނުދީ ފައިސާއެއް ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. މި ހިސާބުތަކުން ދައްކާ ގޮތުގައި އަމީރު ހެއްދެވީ ބޮޑު އިތުރުފުޅެކެވެ.
މިފްކޯގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 20 އިން ފެށިގެން އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ މާރިޗު މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހު 8،000 މެޓްރިކް ޓަނަށްވުރެ ގިނަ މަސް ވަނީ މިފްކޯއަށް ގަނެފަ އެވެ. އަދި މި ދުވަހު ކިރުވި ފައިސާއަށް 186 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަަށް ދޫކޮށްފަ އެވެ.
ސަރުކާރުން ވަނީ ބޮއްސުންލާފައިވާ މިފްކޯ ހަމަމަގަށް އަޅުވަން މަސައްކަތް ފަށާފަ އެވެ. މިގޮތުން މިފްކޯގެ އިސްރާފު ކުޑަކޮށް ނުއަގުގައި މަސް ގަތުން ވަނީ ހުއްޓާލާފަ އެވެ. ނުއަގުގައި މަސް ގައުމުގެ ސަބަބުން މިފްކޯއަށް ވަނީ އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުންވެފަ އެވެ. މިހާރު މަސް ގަންނަނީ ދުނިޔޭގެ ބާޒާރާ އެއް ހަމައެއްގަ އެވެ.