ރައީސް މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ވަނީ އެ މަޝްރޫއުއަށް އެހީތެރިވެ ދެއްވާނެ ކަން ހާމަ ކުރައްވާފަ އެވެ.
މާލެއާ ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ލެޓާ އޮފް އެކްސްޗޭންޖެއް ގައި މިއަދު ސޮއިކޮށްފި އެވެ.
އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާ ބުނި ގޮތުގައި ޗައިނާގެ ބެއިޖިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައި ލެޓާ އޮފް އެކްސްޗޭންޖު ގައި ދިވެހި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ސޮއި ކުރައްވާފަ އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާ) ގެ ޗެއާމަން ލިއޯ ޒައޯހުއި އެވެ.
މާލެއާ ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ވަނީ އެ މަޝްރޫއުއަށް އެހީތެރިވެ ދެއްވާނެ ކަން ހާމަ ކުރައްވާފަ އެވެ. އެ ގޮތުން ޗައިނާ އިން ދިނުމަށް ނިންމި ހިލޭ އެހީން އެ މަޝްރޫއު ކުރިއަށް ގެންދަން ކަނޑައެޅުއްވި އެވެ.
ޗައިނާ އިން ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ހަމަޖައްސަވައި ދެއްވާ އެކަން އިއުލާނު ކުރައްވާފަ އެވެ.
އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާ ބުނި ގޮތުގައި މިއަދު ސޮއިކުރެވުނު ލެޓާ އޮފް އެކްސްޗޭންޖަށް ފަހު އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށޭނެ އެވެ. މިއީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ފުރިހަމަ ކުރަން ޖެހޭ ފުރަތަމަ މަރުހަލާ އެވެ.