ބިމުގެ ދަތިކަން ބޮޑު މާލެ ސަރަހައްދުގައި ބިމަކީ ޖަވާހިރުހާ އަގު ބޮޑު އެއްޗެކެވެ. އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ވެސް އެ ކުންފުންޏަށް 500 މިލިއަން ރުފިޔާވަރު ލިބިފައިވެ އެވެ. މިފަހަރުވެސް 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ރާއްޖޭގެ އެންމެ މުއްސަނދި އެއް ކުންފުންޏަކީ ހުޅުމާލެ ބަލަހައްޓާ، ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އަދި ރާއްޖޭގެ އެންމެ ޕްރޮޕަޓީ ގިނަ ކުންފުނީގެ ތެރޭގައި ވެސް އެޗްޑީސީ ހިމެނޭނެ އެވެ. އެ ކުންފުނިން މި އަހަރު ދެ ބުރެއްގެ މައްޗަށް ހުޅުމާލޭން ބިން ވިއްކައިފި އެވެ. ބިމުގެ ދަތިކަން ބޮޑު މާލެ ސަރަހައްދުގައި ޖަވާހިރުހާ އަގު ބޮޑު މި ބިންތަކުން އެ ކުންފުނިން މި އަހަރު އެކަނި ބިލިއަން ރުފިޔާ މިވަނީ ހޯދާފަ އެވެ. އެންމެ ފަހުން ވިއްކި ބިންތަކަށް އެކިވެސް 500 މިލިއަން ރުފިޔާ ނުވަތަ "ބައި ބިލިއަން ރުފިޔާ" ހޯދާފައިވާނެ ކަމަށް "މި" ނޫހުގެ އަންދާޒާ ނުވަތަ ފޯކާސްޓުން ދައްކަ އެވެ.
އެޗްޑީސީން މި ފަހަރު ވިއްކާފައި ވަނީ ބީޗް ފްރަންޓް ނުވަތަ އެންމެ އަތިރި މައްޗަށްވާ ގޮތަށް 22 ގޯއްޗާއި ބީޗް ސައިޑް، އެއަށް ވުރެ އެތެރެ ފަރާތުން ވިއްކި 55 ގޯޗެކެވެ. ވިއްކަން އިއުލާނުކޮށް ދެ ބުރެއްގެ މަތިން މި ބިންތަކުގެ މުއްދަތު އެޗްޑީސީ އިން ވަނީ އިތުރު ކޮށްދީފަ އެވެ. މި ބިންތަކަށް ކުރިމަތިލީ ފަރާތް ތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި ނަގާފައި ވަނީ އެއް މިލިއަން ރުފިޔާ އެވެ.
ބީލަން އުސޫލުން ބޮޑު އަގު ހުށަހަޅާ ފަރާތްތަކަށް ބިން ގޯތި ލިބޭ މި ބިޑުގައި ބީޗު ފްރަންޓުގެ އަގު ހުރީ ފެށޭ އަގު އަކަފޫޓަކަށް 6،500ރ. އަށެވެ. އަދި ބީޗު ސައިޑުގެ އަގު ފެށުނީ އަގު އަކަފޫޓަކަށް 5،500ރ. އަށެވެ. މި ބިންތަކުގެ ސައިޒު ހުރީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގަ އެވެ.
އަގު ބޮޑު މި ބިންތަކަށް ކުރިމަތިލާފައިވާ ނަން ލިސްޓުގައި ކޮންމެ ވެސް މީހެއްގެ ނަމެއް އޮތް ނަމަވެސް މީގެ ކޮންމެ ބިމެއްގެ ވެސް ހަގީގީ މިލްކުވެރިއަކަށް ވާނީ ކުރިން ވެސް ހުޅުމާލޭން ބިން ގަނެފައިވާ މީހުންގެ ތެރޭން ކޮންމެ ވެސް މީހެއް ކަމަށް ބެލެވެ އެވެ. ރާއްޖޭގެ ރިއަލްއެސްޓޭޓް ވިޔަފާރީގެ ބައެއް މައުލޫމާތުތައް ދައްކާ ގޮތުގައި ގަނޑުކޮށް ފައިސާ ދައްކާފައި ބިން މިލްކު ކޮށްލެވޭނެ މީހުން ރާއްޖޭގައި ނިސްބަތުން ވަރަށް މަދެވެ. މި އަދަދު އެންމެ ގިނަ ވެގެން ވެސް އުޅޭނެ ކަމަށް އަންދާޒާ ކުރެވެނީ 10،000 އިން ދަށުގަ އެވެ. މި ނަމްބަރަކީ ވެސް ސަރުކާރުން އާއްމުކުރި ނަމްބަރެއް ނޫނެވެ. މިއީ ރިއަލްއެސްޓޭޓް ކުންފުނިތަކުން އެޕާޓްމަންޓް ވިއްކަމުންދާ މިންވަރުގެ މައްޗަށް ބަލައި "މި" ނޫހަށް ލިބިފައިވާ ނަމްބަރެވެ.
ބޮޑު އަގުގައި ވިއްކި ގޯތިތަކުގެ ތެރޭން ބީޗް ފްރަންޓްގެ 22 ގޯއްޗަށް ކުރިމަތިލީ 18 ފަރާތަކުންނެވެ. މި ބިންތަކަށް އެންމެ ބޮޑު ބޮޑު އަގު ޖެހީ އަކަ ފޫޓަކަށް 8،251ރ އެވެ. މި އަގު ހުށަހެޅީ އިސްމާއިލް ފައިސަލްގެ ނަމުގައި ބިޑް ހުށަހެޅި މީހެކެވެ. މި އަގުން އަންދާޒާއެއް ހަދާނަމަ އަގު ބޮޑު މި ގޯތީގެ އަގު އުޅޭނީ 20 މިލިއަން ރުފިޔާ އަށެވެ. އަދި އަންދާޒާއެއް ހަދާލާއިރު މުޅި ޖުމްލަ ހުރިހާ ބިމެއް ވިއްކައިގެން ބީޗް ޕްރަންޓުން އެޗްޑީސީއަށް 228 މިލިއަން ރުފިޔާވަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ބީޗް ފްރަންޓަކީ އެންމެ ބޮޑު އަގު ލިބޭ އޭރި އެވެ. މީގެ އިތުރުން އެޗްޑީސީ އިން ބީޗް ސައިޑު ނުވަތަ ބީޗް ފްރަންޓަށްވުރެ އެތެރެ ސައިޒުން ވެސް ގޯތި ވިއްކި އެވެ. މި 55 ގޯއްޗަށް 27 މީހުން ކުރިމަތިލި އެވެ. މި ބިންތަކަށް އެންމެ ބޮޑު އަގެއް ޖެހީ އަކަފޫޓަކަށް 6،060ރ. އެވެ. މި އަގު ޖެހީ މުހައްމަދު އަބްދުއްރަހުމާން ކިޔާ މީހެކެވެ. މި އަގު ބޮޑު ގޯތީގެ އަގަކީ 15 މިލިއަން ރުފިޔާ އެވެ. މި ބިންތަކުގެ އެޗްޑީސީ އަށް ޖުމުލަ 290 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ހުޅުމާލޭން ގޯތި ނުވަތަ ބިން ވިއްކަން މިއަހަރު ފުރަތަމަ އިއުލާނު ކުރުމުން ވަރަށް ފޯރިގަދަވި އެވެ. ގިނަ ބަޔަކު ބިން ގަންނަން ހުށަހެޅި އެވެ. އެ ފަހަރު ބީޗު ސައިޑު ނުވަތަ އެންމެ އަތިރިމަތިން 34 ގޯތި ވިއްކި އެވެ. އެފަހަރު ބީޗް ސައިޓުގެ ބޮޑު އަގެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 9،700ރ. އެވެ. އެފަހަރު ބިޑް ފެށޭ އަގު މި ފަހަރަށް ވުރެ ދަށެވެ. ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި އެ ފަހަރު 179 ފަރާތަކުން އަގު ހުށަހެޅި ސަބަބަކީ މި އެވެ.
އެ ފަހަރު ބީޗް ފްރަންޓުން ވިއްކީ ބިންތަކަށް 200 އަށްވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެފަހަރު ބިމެއްގެ އަގު ހުރީ 1،801.87 އަކަފޫޓާއި 2،048.48 އަކަފޫޓާއި ދެމެދެގަ އެވެ. އެ ފަހަރު "އޮޅިގެން" އަކަފޫޓަކަށް 10،000ރ. ވެސް ހުށަހެޅި އެވެ. އަދި މި ބިންތަކަށް އެ ފަހަރު މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު އަކަފޫޓަކަށް 9،112.99ރ ގެ އަގެއް ހުށަހެޅި އެވެ. އެ ފަހަރު ވެސް 500 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އެޗްޑީސީން ހޯދި އެވެ. އެހެންވެ މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މިއަހަރު ބިން ވިއްކަން ހުޅުވާލި ދެ ބުރުމުގެ މަތިން އެ ކުންފުންޏަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ވާނީ ހޯދިފަ އެވެ.