ދައުލަތް ހިންގުމުގައި ކަންކަން ހިނގާ ގޮތުގެ ފުރިހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށް ވެސް ގާސިމް މިއަދުގެ ބަހުސްގެ ތެރޭގައި ފާހަގަ ކުރެއްވެވި އެވެ.
ދައުލަތުގެ ބަންޑާރަ ނައިބު ނީންނަވާ ގޮތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އެކުލަވާލުމާ ރައްޔިތުންގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނުރުހޭ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ހިނގަނީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށެވެ. ބިލުގެ ސްޕޮންސަރަކީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފެވެ.
ބަހުސްގައި ބައިވެރިވެ ވަޑައިގެން ގާސިމް ވިދާޅުވީ، ބާ ކައުންސިލްގެ އެކްސްކޯގައި ބަންޑާރަނައިބު ނުހިމަނާ ގޮތަށް އެކްސްކޯ ބާއްވަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާމެދު އެ މަނިކުފާނުގެ ހިޔާލުތަފާތު ކަމަށެވެ. -- ގާސިމްގެ ވިސްނުންފުޅު އެހެން އޮތް ނަމަވެސް ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ސުޕަ މެޖޯރިޓީ ސަރުކާރުގެ އެ އިސްލާހަށް ތާއީދު ކުރެ އެވެ.
ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވެވި ގާސިމް ވިދާޅުވީ އަދުލުއިންސާފު ގާއިމު ކުރެވޭނީ އެފަދަ ބަދަލަކުން ކަމަށް ދެކެ ވަޑައި ނުގަންނަވާ ކަމަށާއި އެކްސްކޯގައި ބަންޑާރަނައިބު ހިމެނެން ޖެހޭނެ ކަމަށެވެ.
އަދި ދައުލަތުގެ ބަންޑާރަނައިބު އެކްސްކޯގައި އިންނެވުމަކީ ކަންކަން ގޯސްކޮށް ހިނގާނެ ސަބަބެއް ކަމަށް ގަބޫލުފުޅު ކުރައްވާ ހިތްޕުޅު ނުވާ ކަމަށެވެ. މީގެ އިތުރުން ދައުލަތް ހިންގުމުގައި ކަންކަން ހިނގާ ގޮތުގެ ފުރިހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށް ވެސް ގާސިމް މިއަދުގެ ބަހުސްގެ ތެރޭގައި ފާހަގަ ކުރެއްވެވި އެވެ.