ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 45

"އަހަރެން ވެސް ބޭނުން ވަނީ ތި ގޮތް.. މި ވޭނީ ޚިލާޔުތަކުން ދުރަށް ދާން.. އަހަރެން މި ކަމުގަ ވަރުބަލި ވެއްޖެ.." އަޔާޒްގެ އަތް މަތީގައި ސުހާ އޭނާގެ އަނެއް އަތް ބާއްވާލިއެވެ.

- އެޕިސޯޑް 45 –

ވަގުތުކޮޅަކު ސުހާ އާއި އަޔާޒް ކޮޓަރީގައި ވާހަކަދައްކަން ތިއްބެވެ. އެ މީހުންގެ މުސްތަޤުބަލާ މެދުގައި އެ ދެމީހުން ވާހަކަދެއްކިއެވެ. ލޯބީގައި ދެ މީހުން ތިބީ އެއް ޙާލެއްގައި ކަމުން ދެ މީހުން ވެސް ތިބީ އެކަކު އަނެކަކުގެ އެހީތެރިކަން ބޭނުން ވެފައެވެ. ސުހާ އާއި އަޔާޒް ވެސް ބޭނުންވީ ކައިވެނީގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމާށެވެ. އަދި ޙަލާލު ގުޅުމަކުން ދެ މީހުން ގުޅި، ދެމީހުންގެ ލޯބީގެ ހިތްދަތި ދާސްތަނުން އަރައިގަނެވޭ ކަމަށް އުއްމީދު ކުރިއެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ޒީމާގެ މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ. އަދި މާދަމާގައި ސުހާ އާއި އަޔާޒް ރަން ކިޔަން ހަމަޖެހިފައި ވާތީ އެކަމުގެ އުފާ ޒީމާއަށް ބަޔާން ކުރަން ދައްޗެވެ. އޭނާ ހުރީ ކޮޅުނެތް ކޮޅަށް އުފާވެފައެވެ. ހިތްހަމަ ޖެހިފައެވެ. އޭނާގެ ހުރިހާ އުއްމީދެއް އެކީ އެކައްޗަކަށް ހާސިލު ވެގެން ދިޔަފަދައެވެ.

ޔޫކޭގައި މި ވަގުތު ހުރީ އީމާ އާއި ވާރިޝްއަށް އަޔާޒްގެ ކައިވެނީގެ ޚަބަރު ލިބުނެވެ. އެކަމާ އީމާ އިންތިހާއަށް އުފާވިއެވެ. އެ ކައިވެނިން ދޮންބެ އަށް އުފާވެރި ކަމެއް ލިބުން އެއީ އީމާގެ ދުޢާ އެވެ. ނަމަވެސް އީމާއަށް އަދި ވާރިޝްއަށް ނޭނގި އޮތް ކަމަކީ އަޔާޒް ކައިވެނި ކުރަނީ ވާރިޝްގެ ކުރީގެ ލޯބިވެރިޔާއާ ކަމެވެ. ސުހާ އާއި އަޔާޒްގެ ކައިވެންޏަށްފަހު އީމާގެ ފިރިމީހާ އާ އެކުގައި ސުހާ ވެސް އުޅޭނެކަން އެއީ އެމީހުންނަށް އަދި ފޮރުވިފައިވާ ހަޤީޤަތެވެ. އެއް ހިޔާވެހި ކަމެއްގެ ތެރޭގައި ކުރިއަށް ނަގަން އޮތް ބިޔަ ބޮޑު ރާޅުގެ ހިލަމެއް  ސުހާ އަކަށް އަދި ވާރިޝްއަކަށް ވެސް ނުވެއެވެ.

***

ދުވަސްތައް ދައުރުވަމުން ދެއެވެ. ދުވަހަކަށްފަހު ދުވަހެކެވެ. އަޔާޒް އާއި ސުހާގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ ޙަފްލާ ބޭއްވީ ވަރަށް ކުޑަކޮށެވެ. ހަމަ އެކަނި ދެ ފަރާތުގެ ޢާއިލާއަށް ދައުވަތު ދީގެންނެވެ. ކައިވެނީގެ ޙަފްލާ ވަރަށް ބޮޑުކޮށް ބާއްވަން ޒީމާ އާއި ނަޒީރާ ބޭނުން ވިއެވެ. ނަމަވެސް އެކަމަށް އެއްބަސް ނުވީ އަޔާޒް އާއި ސުހާ އެވެ. އެހެންކަމުން ކުޑަ ގޮތަކަށް ކައިވެނީގެ ޙަފްލާގެ ކަންތައް ނިމިގެން ދިޔައެވެ.

ސުހާ އާއި އަޔާޒްގެ ގުޅުން ކައިވެނީގެ މަތިވެރި ގުޅުމަކުން ގުޅިގެން ދިޔަ ނަމަވެސް، އެދެމީހުންގެ ހިތުގައި ލޯތްބެއް ނެތެވެ. އެއީ ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތެވެ. އަޔާޒްގެ ހިތުން ޝަރާގެ ނަން ފިލުވާ ނުލެވިގެން އުޅޭ އިރު، ސުހާގެ ހިތުން ވާރިޝްގެ ނަން ފިލުވާ ނުލެވުނެވެ. ތާއަބަދު ސުހާގެ ސިކުނޑީގައި ހިނގަމުން ދަނީ ވާރިޝްގެ ނަމަވެ. ވާރިޝްގެ ޚިޔާލުތަކެވެ. ވާރިޝް ކޮބައިބާއެވެ؟ ވާރިޝް އަދިވެސް ސުހާ ދެކެ ލޯބިވާނެ ބާއެވެ؟ ވާރިޝްއަށް ސުހާއާ ނުލާ ދިރިއުޅެން ފަސޭހަ ވާނެ ބާއެވެ؟ މިއީ ހައްތަހާ ވެސް ސުހާގެ ހިތަށް އަރާ ފައިބަމުން ދިޔަ ޚިޔާލު ތަކާއި ފިކުރު ތަކެވެ. ޖަވާބު ނުލިބޭ ސުވާލުތަކެވެ.

***

"ޝަރާ... ޝަރާ.." 

ޝަރާއަށް ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލެވުނީ ލީޒާގެ އަޑަށެވެ. ލީޒާގެ މޫނުމަތިން ހީވަނީ ވަރަށް ބޮޑު ޚަބަރެއް ދޭން އުޅުންހެންނެވެ.

"ކިހިނެއްވީ ލީޒާ؟" 

ޝަރާ އެނދުން ތެދުވެ ލީޒާގެ ގާތަށް ދިޔައެވެ. ޝަރާ ހުރީ ހައިރާން ވެފައެވެ. އެއީ ލީޒާ ހުއްޓުން އަރާ ކަހަލަ ގޮތަކަށް ހުރުމުންނެވެ.

"ކަމެއް ވީތަ؟" 

ޝަރާ ހާސްވާ ގޮތް ވިއެވެ.

"ޝަރާ.. ޝަރާ.. އަޔާޒް މެރީކޮށްފި.. " 

ލީޒާގެ ޖުމުލައާ އެކުގައި ޝަރާގެ ދެލޮލަށް ހީވީ ރާޅެއް ޖެހިހެންނެވެ. ކުއްލިއަކަށް ޝަރާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ނަމަވެސް ޝަރާ ހުރީ ހިނިތުންވެލައިގެންނެވެ. އިންތިހާއަށް ބޮޑު ހިތްދަތިކަމެއް ޝަރާއަށް ލިބުނެވެ. މިހާ އަވަަހަށް އަޔާޒްގެ ހިތުން ޝަރާގެ ނަން ފޮހެލީތީއެވެ. ޝަރާއަށް ލިބުން ހިތްހަމަޖެހުމަކީ އަޔާޒްގެ ޙަޔާތަށް އުއްމީދެއް ގެނެސްދެވުނީމައެވެ.

ލީޒާ މަޑުމަޑުން ޝަރާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

"ދެރަ ނުވާތި! މިއީ ޝަރާ ބޭނުން ވެގެން ވީ ކަމެއް.. އެހެން ވީމަ ޝަރާ ވާނެ ކެތްކުރަން.. ޝަރާގެ ހިތްވަރުގަދަކަން ދައްކަންވީ ވަގުތު މީ.." 

ލީޒާ ހިނިތުންވެލަމުން ޝަރާއަށް ބަލާލިއެވެ. ޝަރާ އޭނާގެ ދެލޮލުން ކަރުނަތައް ފޮހެލަމުން ހިނިތުންވެލީ "އަލްޙަމްދުﷲ" ކިޔާލަމުންނެވެ. ޝަރާ ބޭނުންވި ގޮތަށް އަޔާޒަށް އުފާވެރި ޙަޔާތެއް ހޯދައިދެވުނީމައެވެ.

***

3 މަސް ފަހެވެ. އަޔާޒް އާއި ސުހާގެ ދިރިއުޅުމުގައި މަޑުމަޑުން އުފާވެރިކަން އަންނަން ފަށައިފިއެވެ. އަޔާޒްގެ ހިތުގައި ސުހާއަށް ކޮންމެވެސް ވަރެއްގެ ޖާގައެއް ދެވިއްޖެއެވެ. ސުހާއަށް ވެސް ވީ އެހެންނެވެ. ސުހާގެ ހިތުގައި އަޔާޒަށް ޚާއްސަ މަޤާމެއް ދެވިއްޖެއެވެ. ނަމަވެސް އެއީ ލޯބި ކަމެއް އަދިވެސް އެދެމީހުންނަށް ޔަޤީން ނުވެއެވެ. ކައިވެނީގެ ގުޅުމަށްފަހު، އެދެމީހުންގެ މެދުގައި ޖިންސީ ގުޅުމެއް ހިނގައިގެން ދިޔައީ ވެސް ވަރަށް ފަހުންނެވެ.

***

މިއަދަކީ ރާއްޖޭން ބޭރުގައި ހުރި އީމާ އާއި ވާރިޝް މާލެ އަންނަން ހަމަޖެހިފައިވާ ދުވަހެވެ. އެދެމީހުން މާލެ އަންނާތީ އެއާރޕޯޓަށް ދިޔުމަށް ސުހާ ގެއިން ނުކުތީ އެގޭ އެންމެންނާ އެކުގައެވެ. ސުހާގެ ހިތުގައި އެއްވެސް ހާސް ކަމެއް ނެތެވެ. ކުރިއަށް އަންނަން އުޅޭ ތޫފާނުގެ އެއްވެސް ހިލަމެއް ސުހާ އަކަށް ނުވެއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.