މި އެކްޝަން ޕްލޭނަކީ އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ އިރުޝާދުނާމާއަކަށް ނުވަތަ މަގުޗާޓަކަށްވާނެ ކަމުގައި ސައީދު ވިދާޅުވި އެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ކްރިއޭޓާ އިކޮނޮމީއެއް އުފެއްދުމަށް ބޭނުންވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވައިލާ ނިންމަައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާވަނީ ކްރިއޭޓާ އިކޮނޮމީއަށް ބޭނުންވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވައިލާ ނިންމާފައިވާ ކަމަށެވެ.
މި އެކްޝަން ޕްލޭނަކީ ރައީސް މުއިއްޒުގެ ނިންމެވުމެއްގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށާއި، އެއީ އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ އިރުޝާދުނާމާއަކަށް ނުވަތަ މަގުޗާޓަކަށްވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އެކްޝަން ޕްލޭނުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ކްރިއޭޓަރުންނަށް ހިތްވަރުދީ އެމީހުން ކުރިއެރުވުމެވެ. އަދި ކޮންޓެންޓު އުފެއްދުން އިތުރުކޮށް އިގުތިސާދުގެ ކުރިއެރުމާއި ވިލުންތެރިކަން އިތުރުކުރުމަށް އުފެއްދުންތެރިކަމަށް ހިތްވަރުދިނުން ކަމަށެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިގުތިސާދީ ސިޔާސަތުތަކުގެ ތެރޭގައި އޮންލައިން ޕޭމެންޓު ގޭޓްވޭތަކަށް އެކްސެސްވެވޭނެ މަގުތައް ފަހިކުރުމާއި ޒުވާން އުފެއްދުންތެރިންނަށް އީ-ކޮމާސް ޕްލެޓުފޯމުތަކުގައި ސެލާ އެކައުންޓުތައް ހެދޭނެ މަގުފަހިކުރުން ހިމެނެ އެވެ.
އަދި އޭގެ އިތުރަށް ޒުވާނުންނަށް ބައިނަލްއަގުވާމީ އޮންޑިމާންޑު ވަޒީފާގެ ބާޒާރުގައި ބައިވެރިވެވޭނެ މަގުފަހިކުރުމަށް ފައިވާއާއި އަޕްވޯކް އަދި ފްރީލެންސާ ފަަދަ މަންސަތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރާއި އިލްމު ފޯރުކޮށްދިނުމަކީވެސް ރައީސްގެ ސިޔާސަަތެކެވެ.
މި ސިޔާސަތުތައް ތަންފީޒުކުރުމުން ރާއްޖޭގެ އިގުތިސާދު އިތުރަށް ފުޅާވެ، ރާއްޖޭގެ ޒުވާނުންނަށް އާމްދަނީ ހޯދާނެ އިތުރު ފުރުސަތުތައް ފަހިވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.