ބެނާޖީ ވިދާޅުވީ ނިކަމެތިެފައިވާ ބަޔަކު ބެންގާލުގެ ދޮރުގައި ޓަކިޖަހައިފިނަމަ އެބަޔަކަށް އެހީތެރިވެ ހިޔާވަހިކަން ފޯރުކޮށްދެެއްވާނެ ކަމަށެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ވެސްޓް ބެންގާލަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައްވާނެކަމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރު މަމާތާ ބެނާޖީ ވިދާޅުވެއްޖެ އެވެ.
އޭނާގެ ޕާޓީ ޓްރިނަމޫލް ކޮންގުރެސް ޕާޓީގެ ފަރާތުން ޝަހީދުންގެ ދުވަހު ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ބެނާޖީ ވިދާޅުވީ އޭނާއަށް ބަންގުލަދޭޝުގައި ހިނގަމުންދާ ކަންކަމާމެދު ވާހަކައެއް ނުދެއްކެވޭނެ ކަމަށެވެ. އަދި އެކަންކަމާމެދު އިންޑިއާއިން ގެންގުޅޭނެ ސިޔާސަތެއް ކަނޑައަޅައި ދައްކަންޖެހޭ ވާހަކަައެއް ދައްކާނީ މަރުކަޒީ ސަރުކާރުންކަން ފާހަގަކުރެއްވުމާއެކު ބެނާޖީ ވިދާޅުވީ ނިކަމެތިެފައިވާ ބަޔަކު ބެންގާލުގެ ދޮރުގައި ޓަކިޖަހައިފިނަމަ އެބަޔަކަށް އެހީތެރިވެ ހިޔާވަހިކަން ފޯރުކޮށްދެެއްވާނެ ކަމަށެވެ.
ހަމަނުޖެހުން ހިނގަމުންދާަ ގައުމުތަކާ އިންވެގެން ހުންނަ ގައުމުތަކުން ރެފިއުޖީންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުން ބައިނަލްއަގުވާމީ މުއާހަދާތަކާއި އދގެ ގަރާރުތަކުން ލާޒިމުކުރާކަން ފަހަގަކުރައްވައި ޗީފް މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އިންޑިއާގެ އައްސާމުގައި ހަމަނުޖެހުންތައް ބޮޑުވިއިރު އައްސާމު މީހުންނަށްވެސް ބެންގާލުން ރައްކާތެރިކަން ފޯރުކޮށްދިން ކަމަށެވެ.
މީސްމީޑިއާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި މަމާތާ ވިދާޅުވީ ބަންގުލަދޭޝުގައި ކިޔަވަމުންދާ އެތައް ސަތޭކަ ދަރިވަރުންނެއް އަނބުރަ ބެންގާލަށް އަންނަމުންދާ ކަމަަށެވެ. ބަންގުލަދޭޝުން އަނބުރާ އަންނަ ބެންގާލުގެ ރައްޔިތުންނަށް އަދި ހާއްސަކޮށް ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބެންގާލުގެ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އަދި ބަންގުލަދޭޝުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އޭނާގެ ޕާޓީ އެކްޓިވިސްޓުން އިންތައް ފަހަނައަޅައި ނުދިއުމަށް ބެނާޖީވަނީ އަންގަވާފަ އެވެ.
އިންޑިއާއާއި ބަންގުލަދޭޝުގެ މެދުގައި އޮންނަ 4،096 ކިލޯމީޓަރުގެ ބޯޑަރުގެ 2،216 ކިލޯމީޓަރުގެ ސަރަހަައްދަކީ ވެސްޓް ބެންގާލާއި ބަންގުލަދޭޝްގެ މެދުގައި އޮންނަ ބޯޑަރެވެ. ބަހަވީ ގޮތުންނާއި ސަގާފީ ގޮތުން ބަންގުލަދޭޝާއި ބެންގާލަކީ ލާމެހިފައިވާ ސަރަހައްދުތަކެކެވެ.
އިންޑިއާގެ ބޯޑަރުތަައް ބަލަހައްޓާ ބޯޑާ ސެކިއުރިޓީ ފޯސްއިން ބުނި ގޮތުގައި ފާއިތުވި ހަތަރު ދުވަހު 1،062 ދަރިވަރުންވަނީ ބަންގުލަދޭޝް-އިންޑިއާ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އެތެރެވަފަ އެވެ.
އެ ދަރިވަރުންގެ ތެރެއިން 901 ދަރިވަރުންނަކީ އިންޑިއާއަށް ނިސްބަތްވާ ދަރިވަރުންނެވެ. ބާކީތިބި ދަރިވަރުންގެ ތެރޭގައި ބޫޓާނާއި ނޭޕާލު އަދި ބަންގުލަދޭޝަށް ނިސްބަތްވާ ދަރިވަރުން ހިމެނެ އެވެ.
ބޯޑާ ސެކިއުރިޓީ ފޯސްއިން ބުނެފައިވަނީ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އެތެރެވުމަށް ބޭނުންވާ ދަރިވަރުންނަށް ރައްކާތެރިކަމާއެކު ބޯޑަރު ހުރަސްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިންޑިއާގެ ބޯޑާ ފޯސްއިން ބަންގުލަދޭޝްގެ ބޯޑާ ފޯސްއާއެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.