ރެހޮބޮތު ބީޗްގައި ހުންނަ ބައިޑަން ޗުއްޓީ ހޭދަކުރައްވާ ގެކޮޅަށް އެމަނިކުފާނުގެ އެންމެ އަރިސް އެހީތެރިންނާއި މުވައްޒަފުން އެއްކުރެއްވުމަށްފަހު ތާރީހީ ނިންމެވުމުން ނިންމެވިއިރު އެމަަނިކުފާނު ހުންނެވީ ކޮވިޑް-19އަށް ޕޮޒިޓިވްވެވަޑައިގެންނެވެ.
މި އަހަރުގެ ނޮވެންބަަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމެވި ނިންމެވުމަކީ ތާރީހީ ނިންމެވުމެކެވެ. ނަމަވެސް އެ ނިންމެވުމަކީ ޕްރެޝަރު ބޮޑުވެ އިތުރު ހިޔާރެއް ފެނިވަޑައި ނުގަތުމުން ނިންމެވި ނިންމެވުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ބައިޑަންގެ ނިންމެވުމަކީ ނިމުނު މަހު ބޭއްވި ރިޔާސީ ބަހުސްގައި އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނު ބަލިކަށިކަމާއި އުމުރުފުޅުން ދުވަސްވުމުގެ އަސަރުތަކުން މީހުންގެ ސަމާލުކަން ދުރުކޮށް، އަނބުރާ ވާދަވެރިޔާ ކުރީގެ ރައީސް ޑޮނާލްޑް ޓުރަމްޕަށް އަނބުރައިލެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވުމުން، ނިންމެވި ނިންމެވުމެއްކަމަށް ބައިޑަންގެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅަކު ނަން ހާމަނުކުރުން ޝަރުތުކުރައްވައި ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެއްވާފައިވެ އެވެ.
ރެހޮބޮތު ބީޗްގައި ހުންނަ ބައިޑަން ޗުއްޓީ ހޭދަ ކުރައްވާ ގެކޮޅަށް އެމަނިކުފާނުގެ އެންމެ އަރިސް އެހީތެރިންނާއި މުވައްޒަފުން އެއްކުރެއްވުމަށް ފަހު ތާރީހީ ނިންމެވުން ނިންމެވިއިރު އެމަަނިކުފާނު ހުންނެވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެވަޑައިގެން އާލާސްކަންފުޅާ އެވެ.
އެ ނިންމެވުން އެމަނިކުފާނު އިއުލާނު ކުރެއްވީ ސިޓީއަކުންނެވެ. ވީޑިއޯ މެސެޖެއްގެ ޒަރީޔާއިން ނިންމެވުން ހާމަ ކުރެއްވުމުގެ ބަދަލުގައި ސިޓީއަކުން އެކަން ހާމަ ކުރެއްވިއިރު އެ ސިޓީ ލިޔުއްވުމުގައި އެހީތެރިވެވަޑައިގަތީ އެމަނިކުފާނުގެ ޗީފް ސްޓްރެޓެޖިސްޓް މައިކް ޑޮނިލޮން އެވެ. އެ ނިންމެވުމާ ގުޅިގެން ދެން ކުރިމަތިލައްވަން ޖެހޭ އެހެނިހެން ކަންކަން ތަރުތީބު ކުރެއްވުމުގައި އިސްކޮށް އުޅުއްވީ ބައިޑަންގެ އެންމެ އަރިސް މުސްތަޝާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސްޓީވް ރިޗެޓީ އެވެ.
އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވުމަށް ފަހު ބައިޑަން އެ ނިންމެވުން ފުރަތަމަ އެންގެވީ ތިން ބޭފުޅަކަށެވެ. ނައިބު ރައީސް ކަމާލާ ހެރިސް އާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖެފްރީ ޒިއެންޓްސް އަދި ކެމްޕެއިނުގެ ޗެއާ-ވުމެން ޖެން އޮމެލީ ޑިލޮންއަށެވެ. އެ މަނިކުފާނުގެ މުވައްޒަފުންގެ ތެރެއިން ގިނަ ބޭފުޅުންނަށް އެ ނިންމެވުން ހިއްސާ ކުރެއްވީ ރަސްމީކޮށް މީސްމީޑިއާގައި ނިންމެވުން އިއުލާނު ކުރެއްވި ފަހުންނެވެ.
ފަހަތަށް ޖެހިވަޑައިގެންނެވިކަން އިއުލާނު ކުރައްވައި މީސްމީޑިއާއަށް ސިޓީ މީސްމީޑިއާގައި ހިއްސާ ކުރެއްވުމުގެ މިނެޓެއްހާއިރު ކުރިން އެމަނިކުފާނުގެ ކެމްޕެއިނުގައި މަސައްކަތް ކުރައްވާ އިސް މަސްއޫލުވެރިންނާ ވީޑިއޯ ކޯލުގެ ޒަރީއާއިން ބައްދަލު ކުރައްވައި ސިޓީ ވިދާޅުވެ ދެއްވި އެވެ. އަދި އެ ބޭފުޅުން މިހާތަނަށް އެމަނިކުފާނަށް ކޮށްދެއްވި ހިދުމަތް ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
އޭގެ އިރުކޮޅެއް ފަހުން ޒިއެންޓްސް ވަނީ ވައިޓްހައުސްގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި ބައިޑަންގެ ނިންމެވުމުގެ މައުލޫމާތު ހާމަ ކުރައްވާފަ އެވެ. އަދި ކެބިނެޓުގެ މެންބަރުންނާ ގުޅުއްވައި އެ ބޭފުޅުންނާ ބައިޑަންގެ ނިންމެވުމުގެ މައުލޫމާތު ހިއްސާ ކުރެއްވީ ވެސް ޒިއެންޓްސް އެވެ.
އެއަށްފަހު ބައިޑަން ގިނަ ވަގުތު ހޭދަ ކުރެއްވީ ޑިމޮކްރެޓް ޕާޓީގެ އިސްވެރިންނާ ގުޅުއްވައި ދެން ޕާޓީން އަމަލު ކުރަންވީ ގޮތާމެދު މަޝްވަރާ ކުރެއްވުމަށެވެ. ފަހަތަށް ޖެހިވަޑައިގަތުމާއެކު ބައިޑެން ވަނީ އެމަނިކުފާނުގެ ނައިބުރައީސް ކަމާލާ ހެރިސްއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ. އަދި ބެލެވޭ ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ނޮވެންބަރު މަހު އިންތިހާބުގައި ވާދަކުރައް ވާނީ ކަމާލާ އެވެ.