ތާރީހު ނުދެކޭހާ މިންވަރަށް ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން މަސައްކަތް ކުރާނަން: ރައީސް

"ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް ރާއްޖޭގެ އެކި ކުޅިވަރުތައް ގެންދިއުމަކީ އަޅުގަނޑުމެން އެންމެން ބޭނުންވާ ގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ އެކު ބޭއްވި ބައްދަލްވުން

ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ "ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެން ދިއުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައެވެ.

މީގެއިތުރުން ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަގްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ އެކު ބޭއްވި ބައްދަލްވުން

އަދި ވިދާޅުވީ މިސަރުކާރުން ކުޅިވަރު ތަރައްގީ ކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުން ހާއްސަ ކަމެއް ދެއްވައިގެން އިންގީލާބީ ބަދަލެއް ކުޅިވަރުގެ ދާއިރާއަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް ރާއްޖޭގެ އެކި ކުޅިވަރުތައް ގެންދިއުމަކީ އަޅުގަނޑުމެން އެންމެން ބޭނުންވާ ގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން ކަނޑައަޅާ މިއަދު ވަނީ ދިދަ ހަވާލުކޮށްފަ އެވެ. އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނީ ޓީޓީގެ ގައުމީ ޗެމްޕިއަން އަދި ދިވެހި ކުޅިވަރު ތާރީހު ގައި އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓު ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމެވެ.

އޮލިމްޕިކްސް ގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުން ކަނޑައަޅާ ދިދަ ހަވާލު ކުރުން

މި ދެ އެޓްލީޓުންނަށް މިއަދު ވަނީ ދިދަ ހަވާލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ގައި އެ އެތުލީޓުންނަށް ދިދަ ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 5 ކޮންޓިންޖެންޓް އެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާ ފަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.