ޓޫރިސްޓުންގެ ނަމްބަރު އުފުލިފައި ؛ ދެ މިލިއަން ޑިސެމްބަރު މެދަށް

މިހާރު އެވްރެޖުކޮށް ދުވާލަކު އަންނަނީ 5،000 މީހުންނެވެ. މި އަދަދު އަންނަ މަހުން ފެށިގެން އިތުރުވާނެ އެވެ. އަދި ނޮވެމްބަރު މަހު ޕީކަށް ދާން ފަށާނެ އެވެ.

ޓޫރިސްޓުންތަކެއް މޫދުގައި : ޓޫރިޒަމްގެ ނަމްބަރު އިތުރުވާން ވަނީ ފަށާފަ -- މިރާ

ޖުލައި މަސް ފެށުމާއެކު ޓޫރިސްޓުން އަންނަ އަދަދު އިތުރުވެ، ދެ މިލިއަން ޓޫރިސްޓުންގެ ޓާގެޓަށް ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާނެ ކަމަށް ޔަގީނާ ގާތަށް ބެލެވިއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މި ވަގުތު ރާއްޖެއަށް އައިސްފައިވަނީ 1.1 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރުގެ ޓޫރިޒަމް ޓާގެޓަކީ ދެ މިލިއަން މީހުންނެވެ. މިއަދަދު ހަމަކުރަން އިތުރު 800،000 ޓޫރިސްޓުން ބޭނުންވެ އެވެ. މި އަހަރު ބާކީ ފަސް މަސް އޮތްއިރު މި ވަގުތު ކޮންމެ ދުވަހަކު އަންނަނީ އެވްރެޖުކޮށް 5،000 މީހުންނެވެ.  

ދެ މިލިއަންގެ އަންދާޒާއަކީ ޑިސެމްބަރު 28

"މިރާ" ގެ އަންދާޒާ ދައްކާ ގޮތުގައި މި އަދަދު އެރައިވަލް އި ހުރެއްޖެނަމަ ޑިސެމްބަރު މަހު 750،000 މީހުން އަންނާނެ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި އޮކްޓޫބަރު އަދި ނޮވެމްބަރު އަދި ޑިސެމްބަރު މަހު ޕީކްއަށް އަރަންފަށާނެ އެވެ. މިހާރުގެ ޓްރެންޑް ދައްކާ ގޮތުން ޑެއިލީ އެރައިވަލް 6،000 މީހުންނާ ގާތް ކުރާނެ އެވެ. މި އަދަދަށް އަރައިފިނަމަ ދެ މިލިއަން ވަނަ ޓޫރިސްޓަށް ރާއްޖޭން މަރުހަބާ ކިޔާނީ ޑިސެމްބަރުގެ 20 އާއި 28 އާ ދެމެދުގަ އެވެ. 

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ތިން ގައުމަކުން އަންނަ މީހުންގެ އަދަދު ވަނީ ލައްކައަކަށް އަރާފަ އެވެ. 

ޓޫރިސްޓުން ގިނައިން އަންނަ ތިން ގައުމު

  •  ޗައިނާ - 143,036
  •  ރަޝިއާ - 118,291
  •  އިނގިރޭސި ވިލާތް - 100,313
ދުނިޔެ ދައްކާ ގޮތް - ޔޫއެން ޓޫރިޒަމްގެ އަންދާޒާ ދައްކާ ގޮތުގައި މި އަހަރު ދުނިޔޭގެ ޓޫރިޒަމް ކޮވިޑުގެ ކުރީގައި އޮތް ހާލަތަށް ދާނެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ކޮވިޑުގެ ކުރީގައި އޮތް މިންވަރުގެ 97 ޕަސެންޓަށް ވަނީ ގޮސްފަ އެވެ. އަދި އޭޝިއާ ސަރަހައްދުގެ ޓޫރިޒަމްގެ ހާލަތު ވަނީ ކޮވިޑުގެ ކުރީގައި ހުރި މިންވަރަށް 84 ޕަސެންޓް ރިކަވާ ވެފަ އެވެ. 

މި ކުރިއެރުން އަންނަ ސަބަބަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަން މި އަހަރު މުޅިން ރަނގަޅުވާނެ ކަމަށް ބެލެވި ޑިމާންޑް ބޮޑުވުމާއި ވައިގެ ގުޅުން އިތުރުވުމާއި ޗައިނާ އާއި އޭޝިއާގެ އެހެން ބޮޑެތި މާކެޓްތައް ކުރިއަށް އޮތްތަނުގައި ވެސް ރަނގަޅުވުމެވެ. 

އދ. އިން ހެދި ސާވޭގައި ބައިވެރިވި ޓޫރިޒަމް ތަޖުރިބާކާރުންގެ 62 ޕަސެންޓެއްހާ މީހުންވެސް ގަބޫލު ކުރަނީ މިގޮތަށެވެ. ޕޮޒިޓިވް ނިޝާންތަކެއް ދެއްކި ނަމަވެސް ގޮންޖެހުންތައް ވެސް ގިނަ އެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވުން އިންޓަރެސްޓް ރޭޓް މަތިވުމާއި، ތެލުގެ އަގު އުފުލިގެން ދިއުމުގެ އިތުރުން ދަތުރުފަތުރާއި އެކޮމޮޑޭޝަންގެ ހަރަދު ބޮޑުވުމަކީ މިކަމަށް ހުރި ގޮންޖެހުން ތަކެވެ. މީގެ އިތުރުން ޖިއޯ ޕޮލިޓިކްސްގެ ވާދަވެރި ކަމާއެކު މެދުއިރުމަތި އަދި ރަޝިއަން ރީޖަންގައި ކުރިއަށްދާ ކުރިމަތިލުންތަކުގެ އަސަރު ވެސް ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.