ބައި-އިލެކްޝަންތަކުގެ ނަތީޖާ: ސަރުކާރަށް އިތުބާރު، އިދިކޮޅަށް މާޔޫސްކަން

ބައި-އިލެކްޝަންގެ ނަތީޖާ ނުކުތް ގޮތުން ސަރުކާރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އިދިކޮޅު އެމްޑީޕީގެ އާންމު މެންބަރުންގެ މާޔޫސްކަން އިތުރުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އިއްޔެއަކީ ބައި-އިލެކްޝަންތަކުގެ ބޮޑު ދުވަހެކެވެ. ޖުމްލަ ހަތް ބައި-އިލެކްޝަނެއް އިއްޔެ އޮތެވެ. ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކެވެ. ބައި-އިލެކްޝަންގެ ނަތީޖާ ނުކުތް ގޮތުން ސަރުކާރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އިދިކޮޅު އެމްޑީޕީގެ އާންމު މެންބަރުންގެ މާޔޫސްކަން އިތުރުވި އެވެ. 

އިއްޔެ އޮތް ބައިއިލެކްޝަންތައް

  •  ހެންވޭރު ހުޅަނގު ދާއިރާ
  •  މައްޗަންގޮޅި މެދު ދާއިރާ
  •  ހުޅުމާލެ ދާއިރާ
  •  ފ. ބިލެތްދޫ ކައުންސިލް ރައީސް
  •  ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު (އުތުރު)
  •  ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
  •  ރ. ރަސްމާދޫ ކައުންސިލް މެންބަރު (އަންހެން)

ކޮންގުރެސްއަށް ބޮޑު ކާމިޔާބެއް

ބައި-އިލެކްޝަންގެ ނަތީޖާއާއެކު އެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްކަމުގެ ހެއްކެއްކަމަށް ކޮންގުރެސް ޕާޓީ އަދި ސަރުކާރުގެ އިސްވެރިން އަންނަނީ ވިދާޅުވަމުންނެވެ. ތެދެކެވެ. ބައި-އިލެކްޝަންތައް ޖުމްލަކޮށް ކާމިޔާބު ކުރީ އެ ޕާޓީންނެވެ. 

އެގޮތުން މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ހުރިހާ ގޮނޑިއެއް އެ ޕާޓީން އޮތީ ކާމިޔާބުކޮށްފަ އެވެ.  ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމަށް ބޭއްވި ބައި-އިލެކްޝަނުގައި ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީއާއެކު އެ ޕާޓީއަށާއި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް މާލެ ސިޓީ ރައްޔިތުންގެ އިތުބާރު އޮތްކަމަށް ގަބޫލުކުރާނެ ޖާގަ އެބައޮތެވެ. 

 ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލަރަކު އިންތިހާބު ކުރުމާއެކު، ފ. ބިލެތްދޫ ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންތައްވެސް ކާމިޔާބު ކުރީ ކޮންގުރެސް ޕާޓީންނެވެ. 

ނިޒާމަށް އޮތް އިތުބާރާއި ޝައުގުގެ ސުވާލު

ޝައްކެއް ނެތް ގޮތުގައި އިއްޔެ ބޭއްވި ބައި-އިލެކްޝަންތަކުގައި ކޮންގުރެސް ޕާޓީން ހޯދި ކާމިޔާބަކީ ބޮޑު ކާމިޔާބެކެވެ. ނަމަވެސް އެ ކާމިޔާބާއެކު އުފެދޭ ސުވާލުތައްވެސް މަދެއް ނޫނެވެ. އެންމެ ބޮޑު ސުވާލަކީ ނިޒާމަށް އޮތް އިތުބާރާއި، ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އޮތް މިންވަރާމެދު އުފެދޭ ސުވާލެވެ. 

މި ސުވާލު އުފެދެނީ އިންތިހާބުގައި ބައިވެރިވި ރައްޔިތުންގެ ނިސްބަތް މަދުވުމުންނެވެ. ރާއްޖޭގެ އެންމެ ބައިބޯ ޝަހަރުކަމަށްވާ މާލެ ސިޓީގެ ތިން ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވިއިރު މިއިން އެއްވެސް ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ހަތަރު ބައިކުޅަ އެއް ބައި ހަމަވާ މިންވަރަށް މީހުން ވޯޓު ނުދެ އެވެ. 

މާލޭގެ ތިން ދާއިރާގައި ޖުމްލަ 10،296 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި އޮތް މި ބައި-އިލެކްޝަންތަކުގައި ވޯޓު ދިނީ ޖުމްލަ 624 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ 6 އިންސައްތަ މީހުންނެވެ. 

ވޯޓުލީ ނިސްބަތް

  •  މައްޗަންގޮޅި މެދު: %22.23 2،807 މީހުންގެ ތެރެއިން 624 މީހުން
  •  ހެންވޭރު ހުޅަނގު: %12.8 2،930 މީހުންގެ ތެރެއިން 377 މީހުން
  •  ހުޅުމާލެ ދާއިރާ: %13.80 4،559 މީހުންގެ ތެރެއިން 629 މީހުން

މި އަދަދުތައް މަދުވުމުގެ ސަބަބު ދެނެގަތުމަށް ދިރާސާތަކެއް ހަދަންޖެހެ އެވެ. ފަހަރުގައި ލޯކަލް ކައުންސިލުތަކާމެދު ރައްޔިތުންގެ ޝައުގުވެރިކަން ކުޑަވެފައި މި އިންތިހާބުތަކަކީ ބޭނުންތެރި އިންތިހާބުތަކެއްކަމަށް ރައްޔިތުން ނުދެކެނީ ކަމުގައި ވެދާނެ އެވެ. ނުވަތަ މުޅި ނިޒާމަށް އިތުބާރު ކުޑަވެފައި ސިޔާސީ ކަންކަމަށް ޖުމްލަ ގޮތެއްގައި ޝައުގުވެރިކަން ކުޑަވެފައިވަނީ ކަމަށްވެސް ވެދާނެ އެވެ. 

އެނގޭ ކަމަކީ ބައި-އިލެކްޝަންތަކުގައި އާންމުން ބައިވެރިވާ މިންވަރު މަދުނަމަ ސިޔާސީ މަސްރަހުގެ ބައެއް ހަގީގަތްތައް މުޅިން ސާފުނުވެ ވަންހަނާވެފައި އޮތުމަށް ޖާގަ ލިބޭނެ ކަމެވެ. ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްކަން ނުވަތަ ނޫންކަން މިހައި މަގުބޫލުކަން ކުޑަ ރައްޔިތުންގެ ބައިވެރިވުން ދަށް އިންތިހާބުތަކުން ކަނޑައެޅުމަކީ ރަނގަޅު ގޮތެއްތޯ ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ. 

އިދިކޮޅުގެ ރޭވުންތެރިކަން ނެތްކަމާއި މަގުބޫލުކަން ކުޑަކަން

އިދިކޮޅު އެމްޑީޕީއަކީ އިންތިހާބުތަކަށް އެންމެ ފަރިތަ ޕާޓީކަމަށް އަބަދުވެސް ދައުވާކުރެ އެވެ. ނަމަވެސް އިއްޔެ އޮތް ބައި-އިލެކްޝަންތަކާ ގުޅިގެން ފާހަގަކުރެވުނު އެއް ނުކުތާއަކީ ބައި-އިލެކްޝަންތަކުގެ ތެރެއިން ވޯޓުލާން ނުޖެހި ނިމުނު ބައި-އިލެކްޝަންތަކުގައި ވޯޓު ނަގަން ނުޖެހުނީ އެމްޑީޕީއަށް ކެންޑިޑޭޓުން ނުނެރެވިގެން ކަމެވެ. 

ޅ އަތޮޅު ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު އިންތިހާބު ކުރުމާއި ޅ. ހިންނަވަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވަން ނިންމި ބައި-އިލެކްޝަންތަކުގައި ވޯޓު ފޮށިން ގޮތެއް ނިންމަންނުޖެހި އޮޓޮމެޓިކުން އެ ގޮނޑިތަކަށް މެންބަރުން ހޮވުނީ އެވެ. މުޅިންވެސް ހޮވުނީ ޕީއެންސީ ކެންޑިޑޭޓުންނެވެ. 

ސަބަބަކީ ރާއްޖޭގެ އެންމެ ޒަމާންވީ ޑިމޮކްރެޓިކް މުއައްސަސާ އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށްވާ އެމްޑީޕީއަށް އިންތިހާބުތަކުގައި ވާދަކުރާނެ ކެންޑިޑޭޓުން ނުދެއްކި ހުސްކަމެއްގެ ތެރެއަށް ދިއުމެވެ. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުޑަ އިންތިހާބުތަކެއްގައި ނާކާމިޔާބުވުމަކީ އެ ޕާޓީ މާޔޫސްވާންވީ ކަމެއް ނޫނެވެ. ފަހަރުގައި އެއީ ތެދު ހަގީގަތަކަށްވެދާނެ އެވެ. ނަމަވެސް އެ ޕާޓީއަށް ތިން އިންތިހާބެއްގައި ވާދަކުރާނެ ކެންޑިޑޭޓުން ނުނެރުވުމަކީ ޕާޓީގެ އާންމު މެންބަރުން މާޔޫސްވާނެ ކަމެކެވެ. 

ރައްޔިތުންގެ ބައިވެރިވުން ކުޑަޔަސް ބޮޑަސް އިންތިހާބުތަކުގައި ވިދިވިދިގެން ބަލިވުމަކީ ސިޔާސީ ޕާޓީއަކަށް ތަހައްމަލުކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި އެފަދަ ބައްޔަކީ އެ ޕާޓީއެއްގެ އާންމު މެންބަރުންގެ އިތުބާރު ޕާޓީގެ ލީޑާޝިޕަށް އިއާދަކުރަން ގޮންޖެހުން ބޮޑުވާނެ ކަމެކެވެ. 

އެއަށްވުރެ ބޮޑަށް ޕާޓީގެ ލީޑާޝިޕާމެދު އިތުބާރު ކުޑަވާނެ ކަމަކީ އިންތިހާބުތަކަށް ކެންޑިޑޭޓުން ނުނެރެވުމެވެ. އިންތިހާބުތަކުގައި ޕާޓީ ތަމްސީލުކުރާނެ ކެންޑިޑޭޓުން ނުނެރެވުމަކީ ޕާޓީގެ ލީޑާޝިޕަށް އިންތިޒާމުވެގެން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގަން ނޭނގުން ނުވަތަ އެކަމުގައި ފެއިލުވުމެވެ. އެހެންކަމުން ކޮންގުރެސްއަށް ލިބުނު ކާމިޔާބަކީ މާބޮޑު ކަމެއް ނޫންކަމަށް ދައްކަވާއިރު އެމްޑީޕީގެ ލީޑާޝިޕުން މިކަމަށް ވިސްނަވައިލައްވަންޖެހޭނެ އެވެ. 

ސަރުކާރަށް ރަނގަޅު މެސެޖެއް

ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބުނީ ރަނގަޅު މެސެޖެކެވެ. ރައްޔިތުން ހަވާލުކުރި އަމާނާތް އަދާކުރުމުގައި ސަރުކާރަށް ދައްޗެއް ތުރާލެއް ކުރިމަތިވާނެ ކަމެއް ރައްޔިތުންގެ ފަރާތުން ނުފެންނާނެ ކަމުގެ މެސެޖެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީއާއި ކައުންސިލުތަކުން ހުސްވެފައި ހުރި ހުރިހާ ގޮނޑިއެއް ކޮންގުރެސްއަށް ދެނީ ކަންކަން ހާސިލުވުމުގެ އުންމީދުގަ އެވެ. 

އެހެންކަމުން ސަރުކާރަށް އޮތީ ބަހަނާ ގިނަނުކޮށް ރައްޔިތުންނަށް ކަންކަން ކޮށްދިނުމެވެ. ރައީސްގެ ރިޔާސީ ވައުދުނާމާގައި ހިމެނޭ އެންމެ ވައުދެއްވެސް އުނިކުރުމެއް ނެތި ހުރިހާ ވައުދެެއް ފުއްދެވުމަށް ބޭނުންފުޅުވާ ސިޔާސީ ބާރުވެރިކަން ރައްޔިތުން އެދަނީ ރައީސަށް ދެމުންނެވެ. 

އެހެންކަމުން ރައްޔިތުން ދެން އުންމީދުކުރާނީ ކަންކަން ހާސިލުވާތަން ފެނުމަށެވެ. އެކަންކަން ނުހިނގާނަމަ މިހާރަށްވުރެ ބޮޑަށް ނިޒާމާމެދު އޮތް އިތުބާރު ފަނޑުވާނެ އެވެ. ޑިމޮކްރެޓިކް ނިޒާމުގައި ރައްޔިތުންގެ ޝާމިލުވުން ކުޑަވާނެ އެވެ. ނުވަތަ ސަރުކާރާ ދެކޮޅުވުމުގެ ރޫހެއް އުފެދި ފެތުރި ސަރުކާރު ބަލިވުމަކީވެސް ވެދާނެ ކަމެކެވެ. 

އިންތިހާބުތަކުގައި ރައްޔިތުންގެ ބައިވެރިވުން މަދުވުމަކީ، ޑިމޮކްރަސީއާމެދު ރައްޔިތުންގެ އިތުބާރު ކުޑަވުމަކީ ސަރުކާރަށް އަދި އިދިކޮޅަށްވެސް ކުރިމަތިވާނެ މައްސަލައެކެވެ. އެ މައްސަލައިގެ ހައްލަކީ ޕާޓީތަކަށް އިތުބާރު އިއާދަކުރުމާއެކު ނިޒާމުގައި ރައްޔިތުންގެ ޝާމިލުވުން ބޭއްވުމުގެ ޝައުގުވެރިކަން އުފެއްދުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.