ވާދަވެރި ބައި އިލެކްޝަން ގައި ވާދަކުރީ އެމްޑީޕީއާ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. ކޮންގްރެސްގެ ތިން ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކުރި ހޯދާ ގޮނޑިތައް ކަށަވަރު ކޮށްފި އެވެ.
މިއަދު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް އޮތް އިންތިހާބު ގައި ވޯޓް ނެގީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމަށެވެ.
ވާދަވެރި ބައި އިލެކްޝަން ގައި ވާދަކުރީ އެމްޑީޕީއާ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. ކޮންގްރެސްގެ ތިން ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. އެއީ؛
މާލެ ސިޓީ ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ވަޑައިގެންފަ އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު ވެސް ވަނީ ބާރަށު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާއަށް ކައުންސިލަރަކު އިންތިހާބު ކުުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް ވެސް ކޮންގްރެސްގެ ކެންޑިޑޭޓް ވަނީ ކާމިޔާބު ހޯދާފަ އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކައުންސިލަރަށް ހުންނެވި މުހައްމަދު ދާއޫދު މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ. މިއަދު އޮތް އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް އަހްމަދު އެވެ.
ޅ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވީ ޔާސީން އަބްދުﷲ ވަނީ ނައިފަރު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ. ސަރުކާރު ހިންގާ ކޮންގްރެސްއަށް ނިސްބަތްވާ ޔާސީން އިންތިހާބު ގައި ވާދަ ކުރައްވާ ގޮނޑި ހޯއްދެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ހުވާ ކުރެއްވުމުގެ ކުރީން ކޮންގްރެސް ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.
އެ ދާއިރާގެ ބައި އިލެކްޝަނަށް ވެސް ހުޅުވާލި އެވެ. އިންތިހާބު ބޭއްވުމަށް ނިންމީ މިއަދު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވީއިރު ކުރިމަތިލީ އިންތިހާބު ކުރަން ޖެހޭ އަދަދަށް އެންމެ މީހެއް ކަމަށެވެ. އެއީ ކޮންގްރެސްގެ ޕާޓީގެ ޓިކެޓް ގައި ކުރިިމަތިލި ޅ. ނައިފަރު މުނިމާގެ މުހައްމަދު ސަނީ އެވެ.
މިއީ ކޮންގްރެސްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.