ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 9

ލައިލާ ބަލައިލީ މީކާލްގެ ދެލޮލަށެވެ. ލައިލާ ބޭނުންވީ މީކާލްގެ ދުލުން އޭނާގެ މައިންބަފައިންގެ ގާތުގައި ކައިވެނީގެ ވާހަކަ ދައްކުވާށެވެ.

- އެޕިސޯޑް 9 –

"އަސްލުވެސް ތަ؟"

މީކާލް ބަލައިލީ ލައިލާއަށެވެ. ލައިލާގެ މައިންބަފައިން އެ ކައިވެންޏަށް އެއްބަސް ނުވާނެކަން އެނގޭ ހިނދު، އެ ގޮތަށް ލައިލާ އެހުމުުން މީކަލަށް ޤަބޫލު ކުރަން ދަތިވީއެވެ. މީކާލްއަށް އިޙްސާސް ވީ އެއީ ލައިލާ ސަމާސާ ކޮށްލަން ބުނެލި އެއްޗެއް ކަމަކަށެވެ. އަދި ވަކިން ޚާއްސަކޮށް ލައިލާގެ ގޭގައި މީކާލް ހުރިކަން އޭނާގެ މައިންބަފައިންއަށް އަންގަން ލައިލާއަށް ނުކެރޭނެ ކަމަށް މީކާލަށް ޤަބޫލު ކުރެވުނީއެވެ.

"އާނ! އަސްލުކޮށް.. ތެދުވޭ! އަހަރެމެން ކައިވެނި ކުރާ އިރު، މައިންބަފައިންނާ ވާހަކަ ވެސް ދައްކަން ޖެހޭނެ މީކާލް.. މައިންބަފައިން ރުހުނަސް، ނުރުހުނަސް ވާހަކަދެއްކިކަން އޮންނާނެތާ!"

ލައިލާ ބުނެލިއެވެ. މީކާލް އެނދުން ތެދުވެ ވަރަށް އަވަސްކޮށް ތައްޔާރުވެލިއެވެ. ކޮޓަރިން ނުކުތީ މީކާލް އާއި ލައިލާ އެއްކޮށެވެ. އެދެމީހުން ހިނގާފައި ގޮސް ނުކުތީ ގޭގެ ފެންޑާއަށެވެ. މުނީރާ އާއި ކާސިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެދެމީހުންގެ ލޯކުރިމަތިން ފެންނަމުންދާ މަންޒަރު ޤަބޫލު ކުރާކަށް އެދެމީހުންނަށް އެއްވެސް ޙާލެއްގައި ފަސޭހައެއް ނުވިއެވެ. ކާސިމަށް ބޭޢިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. މުނީރާ ވެސް ކާސިމާ އެކުގައި ކޮޅަށް ތެދުވިއެވެ. ލައިލާ އިސްޖަހާލިއެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަން ނަގައިލީ މީކާލް އެވެ.

"އަހަރެން ބޭނުން ވާހަކަ ދައްކާލަން.."

މީކާލް ބުނެލިއެވެ. މުނީރާ ބަލައިލީ ކާސިމަށެވެ. އަދި މަޑުމަޑުން ކާސިމްގެ އަތުގައި ހިފާލިއެވެ. ހަމަޖެހޭށޭ ބުނާފަދަ ބީދައަކުންނެވެ. ކާސިމްގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް ބިންވަޅު ނެގެމުން ދިޔައެވެ. ކުރިމަތީގައި މީކާލް އެހުރީ ހެޔޮ ސިއްޙަތުގައެވެ. އޭނާގެ ކިބައިން އެއްވެސް ވަރަކަށް ބަލި ފާޑެއް ނުޖަހައެވެ. އެކަމާ ކާސިމް ހައިރާންވިއެވެ.

ކާސިމް އާއި މުނީރާ އިށީންނީ ޖޯލީގައެވެ. އެއާއެކުގައި މީކާލް އާއި އެކުގައި ލައިލާ ވެސް އައިސް އެމީހުންގެ ތެރޭގައި އިށީންނެވެ.

"އަހަރެން ވަރަށް ލޯބިވޭ ލައިލާ ދެކެ! ލައިލާ ވަރަށް އުފަލުގަ އަހަރެން ގެންގުޅޭނަން.. ލައިލާއަށް ދެރައެއް ނުދޭނަން.. ލައިލާއަށް މުޅި އުމުރު ދުވަހު އަހަރެން ބަލާނަން.. އަހަރެން މީ ތި ހީކުރާހާ ނުބައި މީހެއް ނޫން... ކުރިއާ ޚިލާފަށް އަހަރެން ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފިން.. ލައިލާއާ މެރީކޮށްގެން ލައިލާގެ މަންމަ އާއި ބައްޕަ ލަދު ގަންނާނެ އެއްވެސް ކަމެއް، އެއްވެސް އަޑެއް އަހަރެންގެ ފަރާތުން އިވުނަކަ ނުދޭނަން.. އަހަރެން ބޭނުން ލައިލާ އާ މެރީ ކުރަން.."

މީކާލް ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އޭނާ ބުނެ ނިންމާލީ ހިތުދަސްކޮށްފައިވާ ފިލައެއް ކިޔާ ނިންމާލި ބީދައިންނެވެ. ލައިލާއަށް ބަލައިލެވުނީ މީކާލްގެ މޫނަށެވެ. މުނީރާއަށް ބަލައިލެވުނީ ކާސިމްގެ މޫނަށެވެ.

ކާސިމްގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ކޮންކަމެއްކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ކާސިމް އިތުބާރު ކުރީ ބަތާންއަށެވެ. ކާސިމް ހެދި ސިހުރަށް އޭނާ އިތުބާރު ކުރީއެވެ. އެކަން އެގޮތަށް މިރޭ ވެގެން ދާނެކަމުގެ ޔަޤީންކަން ކާސިމްގެ އެބަ އޮތެވެ. ކާސިމް ކޮޅަށް ތެދުވިއެވެ. މީކާލްއަށް ބަލަހައްޓައިގެން ހުރެއެވެ. އެވަގުތު ވެސް ކާސިމް ހުރީ ހިނިތުންވެލައިގެންނެވެ. މަޑުމަޑުން ކާސިމް ހިނގާފައި ގޮސް މީކާލްއާ ޖެހިގެން ހުރި ޖޯލީގައި އިށީންނީ މީކާލްއާ ސަލާމް ކޮށްލުމަށް ފަހުގައެވެ. އެންމެން ވެސް ތިބީ ހައިރާން ވެފައެވެ.

"ތީ އަހަރެން ބޭނުންވާ ގޮތަކީ.. އަހަރެންގެ މި ހުރިހާ ދުވަހުގެ ކަންބޮޑުވުމަކީ ރަށު ތެރޭގައި ދެކެވޭ ވާހަކަތައް.. އެ ވާހަކަތަކަށް މީކާލްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭތީ.. ބައްޕަމެންނާ ވާހަކަ ނުދައްކާތީ.. މިއަދު ބައްޕަ މިހުރީ ވަރަށް އުފަލުން.. ތިގޮތަށް އައިސް ބައްޕަމެންނާ ވާހަކަދައްކާލާ، ތި ދިން ޔަޤީންކަން.. ވަރަށް އުފާވެއްޖެ! ބައްޕަ ރުހި ޤަބޫލު.." ކާސިމްގެ ވާހަކަތަކުން މުނީރާ އިންތިހާއަށް ރުޅިއައެވެ. ކާސިމް ޤަބޫލު ވިޔަސް އެ ކައިވެންޏަށް މުނީރާގެ ހިތް ސާފެއް ނޫނެވެ. މީކާލް ފަދަ ނުބައި މީހަކު ދައްކާލާ ވާހަކައަކަށް ކާސިމް ހެއްލޭނެ ކަމަށް ދުވަހަކު ވެސް ޤަބޫލެއް ނުކުރަން ކަމަށް މުނީރާ އޭނާގެ ހިތާ ހިތާ ބުނެލިއެވެ.

ލައިލާއަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެކެވެ. ލައިލާ ވަރަށް އުފަލުން ހުރެ ކާސިމްގެ ގައިގައި "ބައްޕާ"އޭ ގޮވާ ބައްދާލިއެވެ. މުޅި ތަނަށް އުފާވެރި ކަމުގެ ޢީދެއް އައި އިރު މުނީރާ ހުރީ ބުދެއްހެން ގަނޑުވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައެވެ.

ދުވާލުގެ އަލިކަން ފިލައި، ރޭގަނޑުގެ އަނދިރިކަމުން ދުނިޔެ ބައްދާލައިފިއެވެ. ކާސިމް ދެކެ ހިތްހަމަނުޖެހިގެން ލައްކަ އެއްޗެހި މުނީރާ ކިޔައިފިއެވެ. ނަމަވެސް ކާސިމް ކަމުގެ ޙަޤީޤަތް މުނީރާއަށް ސިއްރު ކުރީއެވެ. ސަބަބަކީ މިރެއަކީ މީކާލްގެ ޙަޔާތުުގެ އެންމެ ފަހު ރޭކަމުގައި ކާސިމް ނިންމައިގެން ހުރީމައެވެ.

ގަޑިން ރޭގަނޑު 12 ޖަހައިފިއެވެ. ފޯނުން އެތައް އިރަކު މީކާލްއާ ވާހަކަދައްކަން އޮތުމަށްފަހު، ލައިލާ ނިދޭތޯ މަސައްކަތް ކޮށްލިއެވެ.

މަޑުމަޑުން ލައިލާގެ ދެލޯ މެރެމުން ދިޔައެވެ. އިސާހިތަކު ލައިލާއަށް ނިދިއްޖެއެވެ.

"ލައިލާ.."

"ލައިލާ..." ލައިލާއަށް ކުއްލިއަކަށް އޭނާގެ ދެލޯ ހުޅުވާލެވުނެވެ. (ނުނިމޭ)

ކޮމެންޓް

1
450
ދަައިތަ
1 month ago

ހާދަ ކުރޭ....1 މިނެޓު ތެރޭ ނިމިއްޖެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.