މަހެއްގެ މައްޗަށް 40 މިލިއަން ރުފިޔާ ވޯކްޕާމިޓް ފީގެ ގޮތުގައި ދައްކަމުން ދިޔަނަމަވެސް މިހާރު މި އަދަދު ހުރީ 60 މިލިއަން ރުފިޔާއާ ގާތުމަ އެވެ.
އިމިގްރޭޝަނުން ގަވައިދު ތަންފީޒު ކުރަން ފެށުމާއެކު ބިދޭސީން ވޯކްޕާމިޓް ފީ ދައްކާ އަދަދު މަހުން މަހަށް އިތުރު ވާން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފި އެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ބަލާއިރު ވޯކްޕާމިޓް ފީ ބަލައިގަތް ނިސްބަތް ދަނީ އިތުރު ވަމުންނެވެ. މިގޮތުން ކުރިން މަހެއްގެ މައްޗަށް 40 މިލިއަން ރުފިޔާ ވޯކްޕާމިޓް ފީގެ ގޮތުގައި ދައްކަމުން ދިޔަ ނަމަވެސް މިހާރު މި އަދަދު ހުރީ 60 މިލިއަން ރުފިޔާއާ ގާތުގަ އެވެ. އެގޮތުން މިދިޔަ މެއި މަހު 59 މިލިއަން ރުފިޔާ ބަލައިގެންފައި ވާއިރު ޖޫން މަހު މި އަދަދު ހުރީ 53 މިލިއަން ރުފިޔާގަ އެވެ.
އިމިގްރޭޝަން ގާނޫނު ތަންފީޒު ނުކުރާތީ ބިދޭސީންގެ ގިނަ ބަޔަކު މިހާތަނަށް ވިސާ ފީ ދައްކާފައެއް ނުވެ އެވެ. ވިސާ ފީއަކީ ގަވައިދުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދައުލަތަށް ބަރާބަރަށް ދައްކަން ޖެހޭ ފައިސާ އެވެ.
ހޯމް ލޭންޑް ސެކިއުޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި ވޯކްޕާމިޓަށް ބަރާބަރަށް ފައިސާ ދައްކަނީ 36 ޕަސެންޓް މީހުންނެވެ.
"ވޯކްޕާމިޓްތަކުގެ ތެރޭން ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ވެސް ގަވައިދުން ފައިސާ ދައްކާފައި އިން ވޯކްޕާމިޓުތަކުގެ އަދަދަކީ މީގެ 50 ޕަސެންޓް. ބަންގްލަދޭޝް ވޯކްޕާމިޓްތަކުގެ އަދަދަކީ 50 ޕަސެންޓް. ގަވައިދުން ބަރާބަރަށް ފައިސާ ދައްކަމުން އަންނަ އަދަދަކީ 36 ޕަސެންޓް،" މިދިޔަ އަހަރު ޑިސެމްބަރު މަހު މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ލައްކައެއްހާ ބިދޭސީން މަސައްކަތް ކުރެ އެވެ. މީގެ ތެރޭން ބޮޑު ބައެއް ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ކަމަށް ދައްކަ އެވެ.