ރައީސް ވިދާޅުވީ މުޅި މައްސަލަ ހައްލު ކުރުމުގައި އަޅަން ޖެހޭނެ ފިޔަވަޅުތައް އެމަނިކުފާނުގެ މެނިފެސްޓޯ ގައި ހިމަނާފައިވާނެ ކަމަށާ އެކަންކަން ސަރުކާރުން ތަންފީޒު ކުރާނެ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައާ ގޭންގު ކުށްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުން މި ދައުރުގައި އެކަށީގެންވާ ނަތީޖާތަކެއް ނެރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އޮތް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޑްރަގްގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ބިދޭސީންގެ މައްސަލަ ހިމެނޭ ކަމަށެވެ.
މީގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އަކީ މިހާތަނަށް ދުވަހަކު ވެސް ނަތީޖާ ނެރެވިފައިވާ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ. ނަަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކާ އެކު ކައުންސިލްތަކާއި ޖަމިއްޔާތަކާއި މުޅި މުޖްތަމައު ގުޅިގެން އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ މި ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ ނަތީޖާއެއް މިކަމުގައި ނެރުން. މިއީ އެތައް އަހަރެއްވީ މޫލާފައި އޮތް ވަރަށް ބޮޑު މައްސަލައެއް. އެހެން ނަމަވެސް އަޅުގަނޑުމެން ވަރުގަދަ އަޒުމެއްގައި އެއް ނިޔަތެއްގައި މަސައްކަތް ކުރާނަމަ އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ،"
ރައީސް ވިދާޅުވީ މުޅި މައްސަލަ ހައްލު ކުރުމުގައި އަޅަން ޖެހޭނެ ފިޔަވަޅުތައް އެމަނިކުފާނުގެ މެނިފެސްޓޯ ގައި ހިމަނާފައިވާނެ ކަމަށާ އެކަންކަން ސަރުކާރުން ތަންފީޒު ކުރާނެ ކަމަށެވެ.
އަދި ގޭންގު ކުށްތަކާއި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ރައީސް ވިދާޅުވީ މި މައްސަލަތައް ހައްލު ވުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.