ޖަނާޒާގެ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުމަށް އިބޫގެ ޝުކުރު

މަންމާފުޅުގެ ޖަނާޒާގެ ކަންކަމުގައި ސަރުކާރުން ހަމަޖައްސަވައި ދެއްވި އިންތިޒާމުތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ރައީސް ސޯލިހްގެ މަންމާފުޅުގެ ޖަނާޒާގެ ތެރެއިން --

މަންމާފުޅުގެ ޖަނާޒާގެ ކަންކަމުގައި ސަރުކާރުން ހަމަޖައްސަވައި ދެއްވި އިންތިޒާމުތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅު އަވަހާރަވީ އިއްޔެ އެވެ. އެކަމަނާ އަވަހާރަވީ އާލާސްކަންފުޅަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ.

މޫނުފުޅު ދެއްކެވުމާއި ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގަ އެވެ. 

ރައީސް ސޯލިހް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ މަންމާފުޅުގެ ޖަނާޒާގެ ކަންކަމުގައި ސަރުކާރުން ހަމަޖައްސަވައި ދެއްވި އިންތިޒާމުތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި މަންމަގެ ޖަނާޒާގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރު  ޑރ. މުހައްމަދު ޝަހީމް‬⁩ އިސްވެހުންނަވައިގެން ހަމަޖައްސަވައިދެއްވި އެންމެހާ އިންތިޒާމްތަކަށް އަޅުގަނޑާ އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ޖަނާޒާގައި ބައިވެރިވަޑައިގެންދެއްވައި މަންމާފުޅަށް ހެޔޮދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި ތައުޒިޔާ ވިދާޅުވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.

ސޯލިހްގެ އަނބިކަނބަލުން ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހްމަދު ވެސް ވަނީ ޕޯސްޓެއް ކުރައްވާ ޖަނާޒާގެ ކަންކަމަށް އެހީތެރިވެ ދެއްވި އެންމެ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

ރައީސް ސޯލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅުގެ ބޭފުޅުންގެ ތެރެއިން އެމަނިކުފާނުގެ އިތުރަށް މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހާއި، ކުރީގެ ރައީސުންގެ ޕާސަނަލް އެސިސްޓެންޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހިމެނިވަޑައިގަންނަވަ އެވެ.  

ރައީސް ސޯލިހުގެ އާއިލާއަކީ މުޅި ފާދިއްޕޮޅަށް މަޝްހޫރު އާއިލާއަކަށްވާއިރު މޫމިނާއަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އެބޭފުޅުންގެ އާއިލީ ގެކޮޅު ނޫރާނީމާގޭގައި މެހެމާންދާރީ އަދާކުރެއްވި މީހުންނަށް ވަރަށް ހެޔޮފުޅު ބޭކަނބަލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.