ދިވެހިރާއްޖޭ ގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި ހަތް ލެޕްޓޮޕް ހަދިޔާ ކޮށްފި އެވެ.
މި ސާމާނު ހަދިޔާ ކުރުމަށް މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީ އެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ތަކެއްޗާ ހަވާލުވެލެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ދިވެހިރާއްޖެ އާއި ޕާކިސްތާނާއި ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ދިވެހިރާއްޖެއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަބަދުވެސް ޕާކިސްތާނު ދެމި އޮންނާނެ ކަމަށެވެ.
މީގެ އިތުރުން އިސްލާމީ ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޕާކިސްތާނުގެ ފަރާތުން ދިވެހިރާއްޖެ އަށް، ހާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޕާކިސްތާނު ސަފީރަށް ޝުކުރު ދަންނަވާފައެވެ.