ފިލްޒާ ލަފާ ދެއްވާފައިވަނީ މަޖިލީހުގެ މެންބަރުން މަގާމުގެ ހުވައިކުރައްވާތާ 90 ދުވަސް ނުވަތަ ތިން މަސް ތެރޭ އެ މެންބަރެއްގެ މިލްކިއްޔާތުގައި ހިމެނޭ މުދަލާއި ފައިސާގެ މާލީ ބަޔާން މަޖިލީހުގެ އިދާރައަށް ހުށަހަޅަން ލާޒިމު ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުހުލަތު އަވަަސްކުރުމަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އައު މަޖިލިސް އިންތިހާބުވުމަށްފަހު މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް އެ ކޮމިޓީން އަންނަނީ ކުރަމުންނެވެ. ކުރިން ގަވާއިދުގައި އޮންނަނީ މެންބަރުންނާއި އަނބިން/ ފިރިންގެ މާލީ ބަޔާން މަޖިލީހަށް ހުށަހަޅަންޖެހެނީ ހުވައިކުރައްވާތާ އެއް އަހަރު ދުވަސް ފަހުންނެވެ.
އަދި މިހާރު އަމަލުކުރަމުންދާ ގަވާއިދުގައި އޮންނަ ގޮތުން މާލީ ބަޔާން ހުށަހަޅަންޖެހެނީ ކޮންމެ އަހަރެއްގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ.
މިހާރު ގަވާއިދު އޮތް ގޮތުން މި އަހަރުގެ މޭ މަހުގައި ހުވައިކުރެއްވި 20 ވަނަ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ އަންނަ އަހަރުގެ އޯގަސްޓު މަސް ނިމުމުގެ ކުރިންނެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ މާލީ ބަޔާންތައް ހުށަހެޅުމާ ގުޅޭ ގޮތުން ގަވާއިދުގައި އޮންނަ މާއްދާ އިސްލާހު ކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވާފައިވާ ލަފާ އިއްވާފައިވެ އެވެ.
ފިލްޒާ ލަފާ ދެއްވާފައިވަނީ މަޖިލީހުގެ މެންބަރުން މަގާމުގެ ހުވައިކުރައްވާތާ 90 ދުވަސް ނުވަތަ ތިން މަސް ތެރޭ އެ މެންބަރެއްގެ މިލްކިއްޔާތުގައި ހިމެނޭ މުދަލާއި ފައިސާގެ މާލީ ބަޔާން މަޖިލީހުގެ އިދާރައަށް ހުށަހަޅަން ލާޒިމު ކުރުމަށެވެ.
އަދި އެއަށްފަހު ކޮންމެ އަހަރަކު އެއްފަހރު މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދުގައި ހިމެނުމަށްވެސް ފިލްޒާ ލަފާ އެރުވި އެވެ.
މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ފިލްޒާގެ ލަފައާ އެއްގޮތަށް މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމާ ގުޅޭ މާއްދާ ބަދަލުކުރުމަށެވެ.