މާލޭގައި ދުވަހަކު ނޫޅޭ މީހުން ފްލެޓް ލިސްޓްގައި، އެ މީހުންނަށް ދީގެން ނުވާނެ: ސަައިފް

ކައުންސިލްގެ މިއަދުގެ ބައްދަލްވުމުގައި ވަނީ ފްލެޓަށް ޝަރުތު ހަމަވާ މީހުންނަށް ލަސްނުކޮށް ފްލެޓް ހަވާލު ކުރުމަށް ގޮވާލާ ނިންމުމެއް ފާސްކޮށްފަ އެވެ.

މާލޭގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެމްޑީޕީގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މުޅި ލިސްޓަށް ފްލެޓް ދީގެން ނުވާނެ ކަމަށް މާލޭގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ކައުންސިލަރު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ. ސައިފް ވިދާޅުވީ މާލޭގައި ދުވަހަކު ނޫޅޭ މީހުން ހިމަނައިގެން ރައީސް ސޯލިހްގެ ސަރުކާރުން އާންމުކުރި ލިސްޓަށް ފްލެޓް ދީގެން ނުވާނެ ކަމަށެވެ.

ނަމަވެސް ފްލެޓް ލިސްޓް އިވެލުއޭޓް ކުރުން މިހާރު މާ ބޮޑަށް ލަސްވެއްޖެ ކަމަށެވެ.

"އަޅުގަނޑު ހިތުން އަދި ނުގަވާއިދުން ލިސްޓްގައި ނަންތަކެއް ހިމެނިފައި ހުއްޓަސް ގިނަ ވާނީ ރަނގަޅަށް ހިމެނިފައި ހުރި ނަންތަކެއް. އަދި ހައްގުވެރީންގެ ނަންތައް ހިމެނިފައި އޮތްލެއް ގިނަވާނެ އޭގެ ނުގަވައިދުން ގޮސްފައި ހުރި ސްލޮޓްތަކަށް ވުރެ. އެެހެންވީމަ އޭގައި ޝައްކެއް ނެތް މިންވަރަށް ހުރި ބޭފުޅުންނަށް އަވަހަށް ފްލެޓް ހަވާލު ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ސައިފް ވިދާޅުވި އެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލްވުމުގައި ވަނީ ފްލެޓަށް ޝަރުތު ހަމަވާ މީހުންނަށް ލަސްނުކޮށް ފްލެޓް ހަވާލު ކުރުމަށް ގޮވާލާ ނިންމުމެއް ފާސްކޮށްފަ އެވެ.

ރައީސް އިބްރާހީމުގެ ވެރިކަމުގައި އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ފުލެޓު އެޅުމުގެ މަސައްކަތް ފެށި ނަމަވެސް އެއިން އެއްވެސް މަޝްރޫއެއް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނިންމައިނުލެވެ އެވެ. އެ 4،000 ފުލެޓުގެ މަސައްކަތް ނުނިމެނީސް ފުލެޓު ދިނުމަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނުކޮށް ޝަރުތު ހަމަވާ 9،000 އަށްވުރެ ގިނަަ މީހުންނަށް ފުލެޓު ލިބޭނެކަން އިއުލާނުކުރި އެވެ. އަދި އެއިން 4،000 މީހުންނަށް އެއިރު އަޅަމުން އައި ފުލެޓުތައް ދިނުމަށް ނިންމައި އިއުލާނުކުރި އެވެ.

ނަމަވެސް އެ ފުލެޓުތައް ދިނުމަށް ކަނޑައެޅި ލިސްޓުގައި މައްސަލަތަކެއް އުޅޭތީ އޭސީސީން އެ ފުލެޓުތައް ދޫކުރުން ހުއްޓުވައި، އެ ލިސްޓުގައި މައްސަލަ އުޅޭ ފަރާތްތައް ފާހަގަކޮށް ހައުސިން މިނިސްޓްރީއަށް ލިސްޓެއް ދިނެވެ. ސަރުކާރުންވަނީ އޭސީސީން ފާހަގަކުރި މައްސަލަތައް ބެލުމަށްފަހު ފުލެޓު ހައްގުވެރިންނަކީ ކޮބައިކަން ކަނޑައެޅުމަށް ކޮމިޓީއެއް އެކުލަވައިލާފަ އެވެ. އެ ކޮމިޓީގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލުތަކެއް މިހާތަނަށް ސަރުކާރުން ހާމަނުކުރެ އެވެ.

ސަރުކާރުން މިހާރު ބުނަނީ އެ ފްލެޓްތައް ނިމޭނީ ވެސް އަންނަ އަހަރު މެދަށް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.