ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 44

ސުހާ އިސް އުފުލާ ބަލައިލީ އަޔާޒްގެ މޫނަށެވެ. އަޔާޒް އާއިި ސުހާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަޔާޒް ހިނިތުންވެލިއެވެ. ސުހާ ރައްދުގައި ދިނީ އޭނާގެ ތުންފަތުން މަޖުބޫރު ކަމާއެކުގައި ނެރުން "ފޭކް" ހިނިތުންވުމެކެވެ.

- އެޕިސޯޑް 44 –

"ސުހާ ކިހިނެއް؟"

ވަގުތު ކޮޅެއްގެ ހިމޭންކަމަކަށްފަހު، އަޔާޒް އަހަައިލިއެވެ.

"ރަނގަޅު!"

ސުހާ ވަރަށް ކުރުކޮށް ޖަވާބު ދިނެވެ.

ނަޒީރާ ވަރަށް މަޑުުމަޑުން ސުހާގެ އަތުގައި ހިފާލިއެވެ. މަޑުން ނީއްދެ ވާހަކަދައްކާށޭ ބުނާ ފަދަ ބީދައަކުންނެވެ.

"އަޔާޒް ކިހިނެއް؟"

ސުހާ އަހައިލިއެވެ.

"އަހަރެން ވެސް ރަނގަޅު.."

އަޔާޒް ގަދަކަމުން ހިނިތުންވެލިއެވެ.

އަޔާޒް ވަރަށް ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ. ކަށިން އިތުރު ހިތްވަރެއް ނެރެލީ ސީދާ މައުލޫޢުއަށް ދިޔުމަށްޓަކައެވެ. އަޔާޒްގެ ކަޅި ވަށައިގެން ހިންގާލިއެވެ. ސުހާގެ މަންމަ އާއި ބައްޕައަށް ހިނިތުންވުމެއް ހަދިޔާއެއް ކޮށްލުމަށްފަހު އަޔާޒް ވާހަކަ ފެށިއެވެ.

"އަހަރެން ބޭނުން ސުހާއާ މެރީ ކުރަން.. މި ކަމަށް ތި އެންމެންގެ ރުހުން ބޭނުން.."

އަޔާޒްގެ ދުލުން ބޭރުކޮށްލި ޖުމުލައިން އެންމެ ބޮޑު އުފަލެއް ލިބުނީ ނަޒީރާ އާއި ޒީމާއަށެވެ. ނަޒީރާ ހީނލަމުން ބަލައިލީ ސުހާގެ ބައްޕަގެ މޫނަށެވެ.

"އަހަރެމެން ރުހި ޤަބޫލު.. ދޯ؟"

ނަޒީރާ އެހެން އަހައިލުމާ އެކު ސުހާގެ ބައްޕަ "އާނ" ބުނެ ބޯޖަހައިލިއެވެ.

"އެކަމު، ރުހުން އަހަން ވީ ސުހާގެ ގާތުން ދޯ؟"

ސުހާގެ ބައްޕަ ސަމާސާ ގޮތަކަށް ހީނލަމުން ބުނެލިއެވެ.

"އަހަރެން ޤަބޫލު ބައްޕާ.."

ސުހާ ބަލައިލީ އޭނާގެ ބައްޕަގެ މޫނަށެވެ.

"އަލްޙަމްދުﷲ.."

ނަޒީރާއަށް ބުނެވުނެވެ.

"ދެ ކުދިން ދޭ ވާހަކަދައްކާލަން.." ނަޒީރާ ބަލައިލީ ސުހާ އާއި އަަޔާޒަށެވެ.

***

ކޮޓަރި ތެރޭގައި ވަނީ ހިމޭންކަމެވެ. އެއްވެސް އަޑެއް ބަޑެއް ނީއްވެއެވެ. ސުހާ އާއި އަޔާޒް އިނީ ސުހާގެ ކޮޓަރީގައެވެ. ދެ މީހުން ތިބީ އެނދުގައި އިށީީންދެގެންނެވެ. އެއްވެސް މީހެއް ވާހަކައެއް ނުދައްކައެވެ. ދޭތެރެ ދޭތެރެއިން އަޔާޒް ސުހާގެ މޫނަށް ބަލާލައެވެ. ސުހާގެ މޫނު މަތިން އަޔާޒަށް ފެންނަމުން ދަނީ އިންތިހާއަށް ހިތާމައެވެ. ހިތްދަތި ކަމެވެ. 

އަޔާޒްގެ ޙާލަކީ ވެސް އެއީ އެވެ. ކިތަންމެ ގަދަވެފަ، އެ ލޯތްބާ ދުރަށް ދާން މަސައްކަތް ކުރިޔަސް، އަޔާޒްގެ ދާދި ގާތުގައި ޝަރާގެ ލޯބި ދިރިދިރި ވެއެވެ. އެ ހަނދާންތަކާއި އެ ލޯބީގެ ދާސްތާނުން އަޔާޒަށް އަރައިގަނެވޭނީ ވަރަށް ދުވަހުންކަން އަޔާޒް ޤަބޫލު ކުރަން ބޭނުން ނުވިޔަސް، އެއީ ހަޤީޤަތެވެ. އެކަން އޮޮތް ގޮތެވެ.

އަޔާޒް ކަރުކެހެލިއެވެ. އެ އަޑަށް ސުހާ ބަލައިލީ އަޔާޒަށެވެ. ސުހާގެ ފެންކަޅި ވެފައިވާ ދެލޮލުން އަޔާޒްގެ ހިތުގައި ވަރަށް ގިނަ ސުވާލު ތަކެއް އުފެދިގެން ދިޔައެވެ. ނަމަވެސް އަޔާޒް ބޭނުންވީ ސުހާއާ އެއްވެސް ސުވާލެއް ނުކޮށް، އަޔާޒްގެ ޙަޔާތް ކުރު ގޮތަކަށް ސުހާއަށް ކިޔާދޭށެވެ.

"ސުހާ.." 

އަޔާޒް ގޮވާލިއެވެ. ސުހާ ޖަވާބުގައި ބޯޖަހާލިއެވެ. އަޔާޒް އޭނާގެ ވާހަކަފެށިއެވެ.

"އަހަރެން ކިޔެވީ ދުބާޢީއިން.. ޑޮކްޓަރުކަން.. އަހަރެން އޭރުވެސް އުޅުނީ ޝަރާއާ ލޯބީގެ ގޮޮތުން ގުޅިގެން.. އަހަރެން ޝަރާ ދެކެ ވަރަށް ލޯބިވޭ.. އަހަރެން ނިންމައިގެން ހުރީ ކިޔެވުން ނިމޭ ގޮތަށް ޝަރާއާ މެރީ ކުރަން.. އެގޮތުން އަހަރެން ކިޔެވުން ނިމުން ގޮތަށް ރާއްޖެ އައިސް ޝަރާއާ މެރީ ކުރިން.. މަންމަގެ ނުޤަބޫލުގަ.." އަޔާޒް ހިންދިރުވާލިއެވެ. އޭނާ ގެންދިޔައީ އޭނާގެ ދާސްތާނުގެ ސޮފުޙާ އަކަށް ފަހު ސޮފުޙާއެެއް ފުރޮޅަމުންނެވެ.

"މެރީ ކޮށްގެން މާ ގިނަ ދުވަސް ތަކެއް ނުވަނީސް ޝަރާ ބަލިވެ އިނީ.. އަހަރެން އޭރު މަސައްކަތް ކުރީ ޢާއިލީ ވިޔަފާރީގަ. އަހަރެން ޝަރާއާ އެކު ވަރަށް ގިނަ ފޮނި އުއްމީދު ތަކެއް ދުށިން... އަހަރެން އުއްމީދު ކުރީ ޝަރާ އަކީ އަހަރެންގެ ޙަޔާތަށް އަންނާނެ ހަމައެކަނި ބައިވެރިޔާ ކަމަށް.. ޝަރާއާ ވަކިވާން ޖެހޭނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަން.. އެކަމު ސުހާއަށް އެނގޭތަ؟ އަހަރެންގެ ހިތް ޝަރާ މުޅިން ހަލާކު ކޮށްލައިފި. އަހަރެންގެ އުފާތައް ޝަރާ ފޭރިގަތީ.. އަހަރެން ވީ ތެދުވެރި ލޯބީގެ ނާޖައިސްފައިދާ ޝަރާ ނެގީ.." އަޔާޒަށް އިސްޖަހާލެވުނެވެ. ސުހާއަށް ބަލައިލެވުނީ އަޔާޒަށެވެ.

"ހަލާލް ދެމަފަރިންގެ ދާންމަތި ޝަރާ މުޑުދާރުކޮށްލީ، ހިލޭ ފިރިހެނަކާ އެކު.. އެއީ ޝަރާގެ ލޯބިވެރިޔާކަން ވެސް އެރޭ އަހަންނަން އެނގުނީ.." އަޔާޒް ހިތް ހީވަނީ ކުދިކުދި ވެދާނެ ހެންނެވެ. ސުހާއަށް މަޑުމަޑުން އަޔާޒްގެ އަތުގައި ހިފާލެވުނެވެ. ވަރަށް ބޮޑަށް ނުކެރިފައި އިނދެގެންނެވެ. އަޔާޒް ބަލައިލީ ސުހާއަށެވެ. ސުހާ ދެފަރާތަށް ބޯ ހޫރާލިއެވެ. ނުރޯށޭ ބުނާ ފަދަ ބީދައަކުންނެވެ.

"އަހަރެންގެ ދިރިއުޅުން ވެސް ވަރަށް ބަދުނަސީބު.. އެކަމު ކެތްކޮށްގެން މި ހުންނަނީ ދުނިޔޭގަ.. ނޭވާ ހިނގަންޏާ، ދިރިހުންނާނެއޭ މީހުން ބުނެއެއްނު؟" ސުހާގެ އަޑުގައި އެއްވެސް އޮމާން ކަމެއް ނެތެވެ.

"އަހަރެން ވެސް މީހެއް ދެކެ ވަރަށް ލޯބިވިން.. ކައިވެނި ކުރާ ވާހަކަދައްކާފަ އޮއްވާ، އޭނާ އަހަރެން ދޫކޮށްލީ. އަހަރެންގެ އެއްވެސް ކުށެއް ނެތި.. ވީ ނުވީއެއް ނޭނގި އޭނާ އަހަރެން ދޫކޮށް ދިޔައީ.. މިއަދާ ހަމައަށް މި ވޭތުވި ދިޔަ ކޮންމެ ދުވަހެއް އަހަރެން ހޭދަ ކުރީ އޭނާގެ ހަނދާނުގަ.. މި ކޮޓަރީގަ.. އެކަނި އޮވެ ރޯލަ ރޯލަ.. އަހަރެން ވެސް ބޭނުން މިކަމުން ސަލާމަތް ވާން.. ރީތި ދިރިއުޅުމެއް އަހަރެން ވެސް ބޭނުންވޭ.." ސުހާގެ އަޑު ތުރުތުރު އަޅައެވެ.

"ސުހާ.. މީ ދެ މީހުންނަށް ވެސް ދެ މީހުންގެ އެހީތެރިކަން ވަރަށް ބޭނުން ވަގުތެއް.. މައިންބަފައިންގެ ރުހުމާއެކު ވެވޭ ކައިވެނި ތަކުގަ ބަރަކާތް އިތުރުވާނެ.. އިންޝާﷲ.. އަހަރެން ބޭނުން މި ޚިލާޔުތަކުން ދުރަށް ދާން.. ވީ އެންމެ އަވަހަކަށް ސުހާއާ މެރީ ކުރަން.." އަޔާޒް މަޑުމަޑުން ސުހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

"އަހަރެން ވެސް ބޭނުން ވަނީ ތި ގޮތް.. މި ވޭނީ ޚިލާޔުތަކުން ދުރަށް ދާން.. އަހަރެން މި ކަމުގަ ވަރުބަލި ވެއްޖެ.." އަޔާޒްގެ އަތް މަތީގައި ސުހާ އޭނާގެ އަނެއް އަތް ބާއްވާލިއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.