ޗައިނާ، ރަޝިޔާ ފަތުރުވެރިން ލައްކައިން މައްޗަށް؛ އިނގިރޭސިންވެސް ލައްކައަކާ ގާތަށް

ޖުލައި މަހުގެ ފުރަތަމަ 15 ދުވަހު އެވެރެޖުކޮށް ދުވާލަކު 5،545 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާތީ އިނގިރޭސި ފަތުރުވެރިންގެ އަދަދު މި ހަފުތާގެ ނިޔަލަށް ލައްކައަކަށްވުރެ މަތިވާނެ ކަމުގައި ބެލެވެ އެވެ.

މާފުށީގައި ޓޫރިސްޓުންތަކެއް: ޓޫރިޒަމަށް ދަނީ ކުރިއެރުން ލިބެމުން -- މުހައްމަދު އަފްރާހު | މިރާ

ޗައިނާއާއި ރަޝިޔާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މަތިވެ ކުޑަ ދުވަަސްކޮޅެއްގެ ތެރޭގައި އިނގިރޭސި ފަތުރުވެރިންގެ އަދަދުވެސް ލައްކައަށްވުރެ މަތިވާނެކަން ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ. 

ދުވާލަކު އެއްފަހަރު ޓުއަރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 1،092،366 (އެއް މިލިއަން ނުވަދިހަ ދެހާސް ތިންސަތޭކަ ތިރީސް) ފަތުރުވެރިން އައިސްފައިވެ އެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން 136،728 ފަތުރުވެރިން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނައީ ރަޝިޔާއިން އައި ފަތުރުވެރިންނެވެ. އެގައުމުން 114،981 ފަތުރުވެރިން އައިސްފައިވެ އެވެ. 

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ގައުމަކީ އިނގިރޭސިވިލާތްކަމަށްވާއިރު އެ ގައުމުން 98،775 މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. ޖުލައި މަހުގެ ފުރަތަމަ 15 ދުވަހު އެވެރެޖުކޮށް ދުވާލަކު 5،545 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާތީ އިނގިރޭސި ފަތުރުވެރިންގެ އަދަދު މި ހަފުތާގެ ނިޔަލަށް ލައްކައަކަށްވުރެ މަތިވާނެ ކަމުގައި ބެލެވެ އެވެ. 

އިނގިރޭސިވިލާތުގެ އިތުރަށް ޖަރުމަންވިލާތާއި އިޓަލީވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު ޖުލައި މަހުގެ ނިޔަލަށް ލައްކައަކަށްވުރެ މައްޗަށް ދާނެ ކަމުގައި އަންދާޒާކުރެވެ އެވެ. ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީން 83،460 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 81،895 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. 

ފާއިތުވި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުކަމަށްވާ އިންޑިއާއިން މި އަހރުގެ މިހާތަނަށް އައީ 67،399 ފަތުރުވެރިންނެވެ. އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށްފަހު މިހާރު އަންނަނީ އިތުރުވަމުންނެވެ. 

ސަރުކާރުގެ އަމާޒު 2 މިލިއަނަށް ސަރުކާރުން މި އަހަރު އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމާއެކު މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެކަމަށް މާހިރުން ލަފާ ކުރައްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.