ޓްރަމްޕަށް ދިން ހަމަލާ | އަޣުލަބިއްޔަތު ގަބޫލުކުރަނީ ހަލަބޮލިކަމަށް އެމެރިކާ ވެއްޓިދާނޭ

ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ހިމެނޭހެން ސާވޭގެ ބައިވެރިންގެ 80 އިންސައްތަ މީހުންވަނީ އެމެރިކާ ކޮންޓްރޯލުން ނައްޓައިގެން ގޮސް ހަލަބޮލިކަމަށް ވެއްޓިދާނެ ކަމުގައި ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.

ހަމަލާއަށްފަހު ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ޓްރަމްޕު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރޮއިޓާސް

އެމެރިކާ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓެމުންދާކަމަށް އެ ގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރާކަން ރޮއިޓާސް/އިޕްސޮސްއިން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކަައިފި އެވެ. 

އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑު ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު ހެދި މި ސާވޭއިން ދައްކާގައި އެ ހަމަލާއަށްފަހު ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުންގެ މެދުގައި އެންމެ މަގުބޫލީ ޓުރަމްޕެވެ. ނަމަވެސް ހަމަލާގެ ކުރިން ޓުރަމްޕުގެ މަގުބޫލުކަން އޮތް މިންވަރަށްވުރެ އެމަނިކުފާނުގެ މަގުބޫލުކަން ހަމަލާގެ ފަހުން އިތުރުވިކަމަށް އެ ޕޯލްއިން ނުދައްކަ އެވެ. 

ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ހިމެނޭހެން ސާވޭގެ ބައިވެރިންގެ 80 އިންސައްތަ މީހުންވަނީ އެމެރިކާ ކޮންޓްރޯލުން ނައްޓައިގެން ގޮސް ހަލަބޮލިކަމަށް ވެއްޓިދާނެ ކަމުގައި ގަބޫލުކުރާ ކަމަށް ބުނެފަ އެވެ. 

އޮންލައިންކޮށް ހެދި މި ސާވޭގައި އެމެރިކާގެ އެކި ކަންކޮޅުތަކުން 1،202 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ވޯޓުލާން މިހާރު ރަޖިސްޓަރީކޮށްފައިވާ 992 މީހުން ހިމެނެ އެވެ. 

އާދީއްތަދުވަހު ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާއިން އޭނާ ސަލާމަތްވެވަޑައިގަތީ ކިރިޔާ އެވެ. އޭނާގެ އިސްތަށިފުޅަށް އަމާޒުކޮށް ދިން ހަމަލާގައި ވަޒަން ދިޔައީ ކަންފަތްޕުޅުގައި ޖެހިފަ އެވެ. ވަޒަން ކަންފަތްޕުޅަށް އެރުމާއެކު ތިރިވެވަޑައިގަތުމަށްފަހު މޫނުފުޅު ލެއިން ތަތްތެޅިފައިވާ ހާލުކޮޅުގައި ތެދުވެވަޑައިގެން ތާއީދުކުރާ މީހުންނާ މުހާތަބު ކުރައްވައި ހިތްވަރުދެއްވި އެވެ. 

މި ހަމަލާގައި އެއްވުމުގެ ބައިވެރިޔަކު މަރުވެފައިވެ އެވެ. އިތުރު މީހަކަށް ނުރައްކާތެރި އަނިޔާތަކެއް ލިބި ފަރުވާދެމުންދެ އެވެ. ހަމަލާދިން މީހާ ވަގުތުން މަރާލި އެވެ. 

މި ހަމަލާއާއެކު 1960 ގެ ސިޔާސީ ހަމަނުޖެހުން ބޮޑު ދުވަސްވަރުގެ ހަނދާންތައް އެމެރިކާގައި އާވެގެންދިޔަ އެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކަނެޑީ އަވަހާރަކޮށްލުމާއި ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް ވަކާލާތުކުރި ލީޑަރު މާޓިން ލޫތާ ކިންގް ޖޫނިއާ އަދި އެމެރިކާގެ ކުރީގެ ބަންޑާރަނައިބު ރޮބަޓް ކެނެޑީ އަވަހާރަކޮށްލި ހާދިސާތަކުގެ ތެރެއިން ހަލަބޮލިކަން އެ ގައުމަށް ވެރިވި ދުވަސްވަރެވެ. 

ރޮއިޓަސްގެ ސާވޭގެ ބައިވެރިންގެ 84 އިންސައްތަ މީހުން ބުނެފައިވަނީ ހައްދުފަހަނައެޅި މީހުން ނޮވެންބަރުގައި އޮންނަ ރިޔާސީ އިންތިހާބަށްފަހު ހަމަނުޖެހުން ހިންގަފާނެތީ ކަންބޮޑުވާ ކަމަށެވެ. މޭ މަހުގައި ހެދި ސާވޭގައި އެ ކަންބޮޑުވުން ހިއްސާކުރީ ބައިވެރިންގެ 74 އިންސައްތަ މީހުންނެވެ. 

ސިޔާސީ ހަމަނުޖެހުމާއި އަނިޔާވެރިކަން ފެށިދާނެތީ ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެފަދަ ހަމަނުޖެހުމަށް ތާއީދުކުރީ ސާވޭގެ ބައިވެރިންގެ ތެރެއިން މަދު ބަޔެކެވެ. އަމިއްލަ ޕާޓީގެ މީހުން ހިންގާ ހަމަނުޖެހުންތަކަށް ތާއީދުކުރާނެކަމަށް ބުނެފައިވަނީ ސާވޭގެ ބައިވެރިންގެ 5 އިންސައްތަ މީހުންނެވެ. 

އަދި ސިޔާސީ ގަބޫލުކުރުންތަކުގެ ސަބަބުން އެމީހަކު ނިސްބަތްވާ ޖަމާއަތާމެދު އަނިޔާވެރި އަމަލުތަކެއް ހިންގަފާނެ ކަމުގެ އިހުތިމާލު އޮތްކަމަށް ސާވޭގެ ބައިވެރިންކުރެ 67 އިންސައްތަ މީހުން ގަބޫލުކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.