ވޯލްޑް ބޭންކުގެ އިރުޝާދު؛ ރާއްޖޭގެ ޕެންޝަން ނިޒާމު އިސްލާހުކުރަންޖެހޭ

ވޯލްޑް ބޭންކުން ބުނީ ޕެންޝަން ސްކީމުގައި ބައިވެރިވާ މަސައްކަތްތެރިންގެ އަދަދު އިތުރު ނުކުރެވިއްޖެނަމަ، މުސްތަގުބަލުގައި މަސައްކަތްތެރިންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުންނަށް ލިބޭނީ މުސްކުޅިންނަށް ދައުލަތުން ދޭ އިނާޔަތް އެކަނި ކަމަށް

ޕެންޝަން އޮފީހުގެ ހަރަކާތެއްގެ ތެރެއިން

ރާއްޖޭގެ ޕެންޝަން ނިޒާމުގެ މާލީ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ޕެންޝަނުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ. 

ދެކުނު އޭޝިޔާގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އޮތް ގޮތާމެދު އެ ބޭންކުން އެކުލަވައިލާ ޝާއިއުކުރި "ރީތިންކިން ސޯޝަލް ޕްރޮޓެކްޝަން އިން ސައުތު އޭޝިޔާ" ގައި އެ ބޭންކުން ފާހަގަކުރި ގޮތުގައި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވަމުންދާއިރު އެމީހުންނަށް މަދަދުވެރިވުމަށް މިހާރަށްވުރެ ކަވަރޭޖު ރަނގަޅު ފުދުންތެރި ނިޒާމަކަށް ދިވެހި ޕެންޝަނުގެ ނިޒާމު ބަދަލުކުރަންޖެހެ އެވެ. 

ރާއްޖޭގެ ޕެންޝަން ނިޒާމުގައި އުމުރުން 65 އަހަރުވާ ކޮންމެ މީހަކަށް ޕެންޝަނުގެ ގޮތުގައި 5،000 ރުފިޔާ ދެމުންދާކަން އެ ރިޕޯޓުގައި ފާހަގަކުރި އެވެ. އޭގެ އިތުރަށް ސިވިލް ސާވިސް އަދި އަމިއްލަ ވަޒީފާތަކުގައި އުޅޭ ފަރާތްތަކުން ހިއްސާވެ ބައިވެރިވެގެން ޕެންޝަން ލިބޭ ނިޒާމެއް ގާއިމުކޮށްފައި އޮތްކަން ރިޕޯޓުގައި ފާހަގަކުރި އެވެ. 

މިހާރު ޕެންޝަން ނިޒާމު ފަރުމާކޮށްފައި އޮތް ގޮތުން މައިގަނޑު ތިން ގޮންޖެހުމެއް އެ ނިޒާމަށް ކުރިމަތިވެފައިވާ ކަމަށް ވޯލްޑު ބޭންކުން ބުންޏެވެ. 

  • 1.ދިގު ރާސްތާގައި ބޮޑެތި އަދި އިތުރުވަމުން އަންނަ ހަރަދުބަރަދުގެ ހިރާސްތައް
  • 2.ސަރުކާރުގައި މަސައްކަތްކޮށް ރިޓަޔާކުރާ މީހުންގެ 30 އިންސައްތަ މީހުންނަށް މުސްކުޅިންގެ އިނާޔަތާއި ރިޓަޔަމެންޓު ޕެންޝަން ލިބޭތީ އަދުލުވެރިކަމެއް ނެތުން
  • 3.ޕެންޝަނުގެ ކަވަރޭޖުގައި ހިމެނެނީ މަސައްކަތްކުރާ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންކަމާއި، އެމީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ ސިވިލް ސާވިސް މުވައްޒަފުންކަން

ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި މިހާރު ޕެންޝަން ސްކީމުގައި ބައިވެރިވާ މަސައްކަތްތެރިންގެ އަދަދު އިތުރު ނުކުރެވިއްޖެނަމަ، މުސްތަގުބަލުގައި މަސައްކަތްތެރިންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުންނަށް ލިބޭނީ މުސްކުޅިންނަށް ދައުލަތުން ދޭ އިނާޔަތް އެކަންޏެވެ. 

ކުރިއަށް އޮތް ހަތަރު ދަހަރުގައި ރާއްޖޭގެ އިސްރަށްވެހިންގެ އާބާދީ ނުވަ ގުނަ އިތުރުވާނެ ކަަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. އަދި އިސްރަށްވެހިން އިތުރުވުމަކީ ޕެންޝަން ނިޒާމަށް ބާރުބޮޑުވާނެ ކަމެއްގެ ގޮތުގައި އެޖަމްއިއްޔާއިން ފާހަގަކުރެ އެވެ. 

ދުވަސްވީ މީހުން އިތުރުވާ ސަބަބުތަކުގެ ތެރޭގައި  އެވެރެޖުކޮށް މީހުން ދިރިތިބޭނެކަމަށް ބެލެވޭ މުއްދަތު އިތުރުވުމާއި، ދަރިމައިވާ ނިސްބަތް މަދުވުން ފާހަގަކޮށްފައިވެ އެވެ. އޭގެ ސަބަބުން ދެ ކަމެއް ކުރިމަތިވާނެ ކަމުގައި ވޯލްޑް ބޭންކުން ލަފާކުރެ އެވެ. އެއީ؛ 

  •  މުސްކުޅިވެ ގައިބާރުދެރަވެ މަސައްކަތް ނުކުރެވޭ މީހުންނަށް އެހީތެރިވާންޖެހޭ ގޭބީސީތައް އިތުރުވުން
  •  މުސްކުޅިވުމުގެ ސަބަބުން ކުރިމަތިވާ ނާޒުކުކަން ތަހައްމަލުކުރާ މީހުން އިތުރުވުން

މުޅި ޕެންޝަން ނިޒާމަށް ސަރުކާރުގެ ބަޖެޓުން ޖކުރާ ހޭދަ 40 އަހަރު ތެރޭގައި ޖީޑީޕީގެ 5 އިންސައްތައަށް އަރާނެކަމަށާއި، އެ އަންދާޒާގައި މިނިމަމް ވޭޖު ކަނޑައެޅުމުން ޕެންޝަނުގެ ހަރަދުތަކަށް އައި ބަދަލުތަކަށް ރިއާޔަތްކޮށްފައިނުވާނެ ކަމުގައި ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

އަދި އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާ މިންވަރަކުން އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދިނުމަށް ދައުލަތުން ކުރާ ހޭދަވެސް އިތުރުވާނެ ކަމުގަައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

މި ނުރައްކާތައް ފާހަގަކޮށް ވޯލްޑް ބޭންކުންވަނީ ދެ އިސްލާހެއް ގެނައުމަށް ހުށަހަޅާފައެވެ. ފުރަތަމަ އިސްލާހަކީ ޕެންޝަނުގެ ގޮތުގައި ދޭ ފައިސާގެ އަދަދު ކޮންސިއުމާ ޕްރައިސް އިންޑެކް ނުވަތަ އިންފުލޭޝަނާ ގުޅުވުމާއި ޕެންޝަނުގެ ގޮތުގައި ދޭ ފައިސާގެ އަދަދު 5،000 ރުފިޔާގައި ހިފަހެއްޓުމެވެ. 

އޭގެ އިތުރަށް ޕެންޝަން ފައިސާގެ ތެރެއިން މިންވަރެއް އަންއެޕްލޯއިމެންޓު އިންޝުއަރޭންސް ނުވަތަ ވަޒީފާއެއް ހޯދަމުންދާ މީހުންނަށް އެހީތެރިވުމަށް ހާއްސަކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕެންޝަން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި، މޯގޭޖު ޑައުންޕޭމެންޓުތައް ނުވަތަ ގެދޮރު ގަތުމަށް ދައްކަންޖެހޭ ޑައުންޕޭމެންޓުތަކަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ހެދުމަށް އެ އިދާރާއިން ލަފާ ދިނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.