ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކަކީ ފްރޯޑާއި ބުލީން ހިމެނޭހެން ސައިބާ ކްރައިމްތައް ހުއްޓުވުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެހެން މިހާރު ގެންނަންޖެހޭ ބަދަލުތަކެއް ކަމުގައި ޓޮމް ވިދާޅުވި އެވެ.
ޒަމާނާ ފައިހަމަވާ ގޮތަށް ފުލުހުންނަށް ތަމްރީނު ދީ އެ އިދާރާގައި ވަސީލަތްތައް ގާއިމު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވި އެވެ.
ސައިބާ ކްރައިމްތައް ތަހުގީގުކޮށް އެފަދަ ކުށްތައް ހުއްޓުވުމުގައި ތަހުގީގީ އިދާރާތަކުން އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް ސަރުކާރުން ހުށަހަޅާފައިވާ ޖިނާއީ އިޖުރާއާތުގެ ގާނޫނު އިސްލާހުކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ޓޮމް ވިދާޅުވީ ދުނިޔޭގައި އިންޓަނެޓުގެ ޒަރީއާއިން ހިންގަމުންދާ ކުށްތައް ރާއްޖޭގެ މާހައުލަށް ފުޅާވެ ފެތުރެމުންދާ ކަމަށެވެ.
އެ ބަދަލުތަކާ ފައިހަމަކުރާ ގޮތަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އަދާހަމަކުރުމަށްޓަކައި ރާއްޖޭގެ ގާނޫނުތަކަށް އަބަދުވެސް ބަދަލުތައް ގެންނަންޖެހޭ ކަން ޓޮމް ފާހަގަކުރެއްވި އެވެ. ކުށްވެރިން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކުށް ކުރާނެ އައު ގޮތްތައް ހޯދަމުންދާއިރު، އެނގިގެން ނުވަތަ ނޭނގިވެސް ގިނަ ބަަޔަކު މީސްމީޑިއާގެ އެކި މަންސަތަކުގައި އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޮމް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުތަކަކީ ފްރޯޑާއި ބުލީން ހިމެނޭހެން ސައިބާ ކްރައިމްތައް ހުއްޓުވުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެހެން މިހާރު ގެންނަންޖެހޭ ބަދަލުތަކެކެވެ.
ބިލު ދިރާސާކުރުމުގެ މަރުހަލާގައި މި ބިލު އިތުރަށް ފުރިހަމަކުރުމަށްޓަކައި ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި އައިޓީ ދާއިރާގެ މާހިރުންގެ ބައިވެރިވުން އޮންނާނެހެން މަސައްކަތްކުރުމުގެ މުހިއްމުކަން ތޯރިގު ފާހަގަ ކުރެއްވި އެވެ.
ޒަމާނާއެކު ކުށްތަކަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގަމުންދާ ކުށްތައް އިތުރުވަމުންދާއިރު، އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރައްވައި، ޓޮމް ވިދާޅުވީ ދައުލަތުގެ ތަނަވަސްކަން ހުރި މިންވަރުން ފުލުހުންނަށް ތަމްރީނު ފޯރުކޮށްދެެމުންދިޔަ ނަމަވެސް އެ އިދާރާއަށް ތަމްރީނުގެ ބޭނުންތެރިކަން ބޮޑު މިންވަރާމެދު ރައްޔިތުންގެ މަޖިލީހުންވެސް ވިސްނަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން ފުލުހުންނަށް ރައްކާތެރިކަން ލިބުމާއި އަނބުރުވެރިކަމާއެކު ދިރިއުޅުމަށް ބޭނުންވާ އާމްދަނީ ލިބުމުގެ މުހިއްމުކަންވެސް އޭނަ ފާހަގަކުރެއްވި އެވެ.