ވޭންސްއަކީ 2016 ވަނަ އަހަރު ޓްރަމްޕު ނޫން ކޮންމެ ގޮތެއްވެސް ރަނގަޅުކަމަށް ވިދާޅުވި ބޭފުޅެކެވެ. ނުރައްކާތެރި ނާގާބިލު ބޭފުޅެއްގެ ގޮތުގައި ޓްރަމްޕު ސިފަ ކުރެއްވި ވޭންސްގެ އަނބިކަނބަލުން އުޝާ ޗިލުކުރީ ވޭންސްވެސް ޓްރަމްޕަށް ފާޑުވިދާޅުވި އެވެ.
އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑް ޓްރަމްޕުގެ ރަނިން މޭޓެއްގެ ގޮތުގައި ސެނެޓާ ޖޭޑީ ވޭންސް އިހުތިޔާރު ކުރެއްވިކަން ހޯމަދުވަަހު އޭނާ އިއުލާނު ކުރެއްވި އެވެ. އުމުރުން 39 އަހަރުފުޅުގެ ވޭންސްއަކީ ސެނެޓުގައި ފުރަތަމަ ދައުރު ގުނުއްވަމުން ގެންދަވާ ޒުވާނެކެވެ.
ވޭންސް އުފަންވެވަޑައިގަތީ އޮހާއޯގެ އާދައިގެ އަވަށެއްކަމަށްވާ މިޑްލްޓައުންގަ އެވެ. އޭނާގެ އާއިލާއަކީ ވަރަށް ނިކަމެތި އާއިލާއެކެވެ. މަންމައަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެކެވެ. ބައްޕަ އޭނާ ތުއްޕުޅުއިރު އާއިލާ ދޫކޮށް ދިޔައީ އެވެ.
އިރާގު ހަނގުރަމަގައި މެރިންސްގައި މަސައްކަތް ކުރައްވައި އަސްކަރިއްޔާއަށް ހިދުމަތް ކުރެއްވުމަށްފަހު، އޮހާއޯ ސްޓޭޓް ޔުނިވާސިޓީން ފުރަތަމަ ޑިގުރީ ހާސިލު ކުރައްވައި ޔޭލް ލޯ ސުކޫލުން ގާނޫނީ ދާއިރާއިން ތައުލީމު ހާސިލު ކުރެއްވުމަށްފަހު ސިލިކަން ވެލީގައި ވެންޗާ ކެޕިޓަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
2016 ވަނަ އަހަރު އޭނާގެ އަމިއްލަ ހަޔާތްޕުޅުގެ ތަފުސީލުތައް ހިމަނުއްވައިގެން ނެރުއްވި ހިލްބިލީ އެލެޖީއަކީ ނިއުޔޯކުޓައިމްސް ބެސްޓް ސެލާއެކެވެ. އޭނާގެ މަގުބޫލުކަން ބޮޑުވީ އެ ފޮތުގެ ސަބަބުންނެވެ.
އެ ފޮތުގެ ސަބަބުން ވޭންސްއާއި ޓްރަމްޕު އާއިލާއާ ގާތްގުޅުމެއް އުފެދުނެވެ. ޓްރަމްޕުގެ ދަރިކަލުން ޑޮނާލްޑް ޓްރަމްޕު ޖޫނިއާއާއި ވޭންސްގެ މެދުގައި އުފެދުނު އެކުވެރިކަން މިއަދާ ހަމައަށްވެސް ދިގުލައިގެން ގޮސްފައިވެ އެވެ.
ރައީސް ޓްރަމްޕަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބަށްފަހު ވޭންސް އަނބުރާ އޮހާއޯއަށް ވަޑައިގެން އޯޕިއޮޑާ ދެކޮޅަށް މަސައްކަތްކުރާ ޗެރިޓީއެއް ގާއިމު ކުރެއްވި އެވެ. އަދި ލެކްޗާ ދެއްވުމަށް ފައްޓަވައި އޭނާގެ އަމިއްލަ ހަޔާތްޕުޅުގެ ވާހަކަތައް މީހުންނާ ހިއްސާ ކުރައްވަން ފެއްޓެވި އެވެ.
2022 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ވޭންސް ވާދަކުރެއްވީ ޓްރަމްޕުގެ ތާއީދާއެކު އެވެ. ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު އިންތިހާބުވެސް ބޮޑު އަޣުލަބިއްޔަތުން ކާމިޔާބު ކުރެއްވި އެވެ.
ވޭންސްއަކީ 2016 ވަނަ އަހަރު ޓްރަމްޕު ނޫން ކޮންމެ ގޮތެއްވެސް ރަނގަޅުކަމަށް ވިދާޅުވި ބޭފުޅެކެވެ. ނުރައްކާތެރި ނާގާބިލު ބޭފުޅެއްގެ ގޮތުގައި ޓްރަމްޕު ސިފަ ކުރެއްވި ވޭންސްގެ އަނބިކަނބަލުން އުޝާ ޗިލުކުރީ ވޭންސްވެސް ޓްރަމްޕަށް ފާޑުވިދާޅުވި އެވެ.
ނަމަަވެސް 2021 ވަނަ އަހަރު ޓްރަމްޕާ ބައްދަލުވެވަޑައިގަތުމުގެ ކުރިން ވޭންސްގެ ވިސްނުންފުޅު ބަދަލުވި އެވެ. ރައީސްގެ މަގާމުގައި ޓްރަމްޕު ހާސިލު ކުރެއްވި ކާމިޔާބީތައް ފާހަގަކުރައްވައި ޓްރަމްޕަށް އޭނާ ތާއީދު ކުރެއްވި އެވެ.
ކޮންޒަވޭޓިވް ތިންކު ޓޭންކު ހެރިޓޭޖު ފައުންޑޭޝަނުން ފާހަގަކުރި ގޮތުގައި ވޭންސްއަކީ ހާރިޖީ ސިޔާސަތުން ފެށިގެން ގޮސް އިގުތިސާދީ ސިޔާސަތުތަކާއި އިޖުތިމާއީ މައްސަލަތަކުގައި ކޮންޒަވޭޓިވް ފިކުރަށް ތާއީދު ކުރައްވާ ލީޑަރެކެވެ.
އޭނާގެ ވޯޓު ރެކޯޑަށް ބަލާއިރު ހުރިހާ މައްސަލައެއްގައިހެން އޭނާ ވޯޓު ދެއްވާފައިވަނީ ޓްރަމްޕަށް ތާއީދު ކުރާ މީހުން އާންމުކޮށް ގަބޫލުކުރާ އުސޫލުތަކާ އެއްގޮތަށް ކަމުގައި ހެރިޓޭޖު ފައުންޑޭޝަނުން ބުނެ އެވެ.