ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަގާމު އޯލީއަށް ލިބިވަޑައިގަތުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާއަށް މަރުހަބާ ވިދާޅުވުމާއެކު، ނޭޕާލާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގާތް ގުޅުމެއް އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.
ނޭޕާލުގެ އާ ބޮޑުވަޒީރު ޚަދްގާ ޕްރަސާދް ޝަރްމާ އޯލީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރުކަމަށް އޯލީ އިންތިހާބުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ޕުޝްޕާ ކަމާލް ދަހާލްގެ އިތުބާރުނެތްކަމަށް ފާސްކޮށް އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން މުޅިން އައު ސިޔާސީ އިއްތިހާދެއް އުފެއްދެވެމުންނެވެ.
ނޭޕާލުގެ ރައީސްގެ އޮފީހުން އާދީއްތަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުފުޅުން 72 އަހަރުގެ އޯލީ މަގާމުގެ ހުވައިކުރައްވާނީ ހޯމަ ދުވަހު ކަމަށެވެ. މިއީ އޯލީއަށް ނޭޕާލުގެ ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ހަތަރުވަނަ ފަހަރެވެ.
ހުކުރުދުވަހު ދަހާލްގެ ސަރުކާރު ވެއްޓުނީ އޯލީގެ ޕާޓީ ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް ޔުނިފައިޑް މާކްސިސްޓް ލެނިނިސްޓް ޕާޓީއާއި އެގައުމުގެ މެދުމިން ވާތުފިޔައިގެ ޕާޓީ ނޭޕާލީ ކޮންގުރެސް ޕާޓީ ގުޅިގެން އައު އިއްތިހާދެއް އުފެއްދުމާ ގުޅިގެންނެވެ.
އޯލީ ބޮޑުވަޒީރުކަމަށް ހަމަޖެހުނު ނަމަވެސް ފުރަތަމަ އޭނާއަށް ކުރިމަތިވެވަޑައިގަންނަވާނެ ގޮންޖެހުމަކީ ބަރުލަމާނުގައި ނަގާ އިތުރުބާރު އޮތްތޯ ބެލުމުގެ ވޯޓެވެ. އިއްތިހާދުގައި ހިމެނޭ ދެ ޕާޓީއަށް މިވަގުތު މަޖިލީހުން އިތުބާރު އޮތްކަމަށް ފާސްކުރަން ބޭނުންވާ ދެބައިކުޅަ އެއްބައި އަޣުލަބިއްޔަތު ލިބެ އެވެ.
އަލަށް އުފެއްދި އިއްތިހާދުން އެއްބަސްވެފައިވަނީ 2027 ވަނަ އަހަރު ބާއްވާ އާންމު އިންތިހާބާ ޖެހެންދެން އޯލީއާއި ނޭޕާލީ ކޮންގުރެސް ޕާޓީގެ ރައީށް ޝާ ބަހާދުރް ޑިއުބާ ބައްސަވައިގެން ބޮޑުވަޒީރުގެ މަގާމު ފުރުއްވުމަށެވެ.
ރަސްކަމާ ދެކޮޅު ހަރަކާތުގެ ތެރެއިން ފުރާވަރުގައި ސިޔާސީ ދާއިރާއާ ގުޅިވަޑައިގެންނެވި އޯލީވަނީ ޖަލުގައި 14 އަހަރު ހޭދަކުރައްވާފަ އެވެ. އޭނާ ކޮމިއުނިސްޓު ޕާޓީއާ ގުޅިވަޑައިގަތީ ޖަލުން މިނިވަންވެ ވަޑައިގެން 1987 ވަނަ އަހަރު އެވެ.
ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަގާމު އޯލީއަށް ލިބިވަޑައިގަތުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާއަށް މަރުހަބާ ވިދާޅުވުމާއެކު، ނޭޕާލާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގާތް ގުޅުމެއް އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.
އިތުރަށް ރައީސް ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް އެއްބާރުލުން ދިނުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރު އޯލީއާއެކު މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.