ފެނަކައިގެ މައްސަލަތަަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން ޝާމިލު ވިދާޅުވީ ފެނަކައިގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތައް އާދަޔާ ހިލާފަށް ގިނަ ކަމަށެވެ.
ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އާދަޔާ ހިލާފަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށާއި، މިހާރުވެސް ބޮޑު ހަ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އޭސީސީން މިފަދައިން ބުނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ފާހަގަކުރެވިފައިވާ މައްސަލަތަކާ އެ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މިއަދު ހާޒިރުކުރުމުން އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލުގެ ދެއްކެވި ވާހަކަފުޅުގަ އެވެ.
ފެނަކައިގެ މައްސަލަތަަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން ޝާމިލު ވިދާޅުވީ ފެނަކައިގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތައް އާދަޔާ ހިލާފަށް ގިނަ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރުމަށް އާދަޔާ ހިލާފަށް ގިނަ ވަސީލަތާއި ވަގުތު ކޮމިޝަނުން ހޭދަނކުރަންޖެހުނު ކަމށްވެސް އޭނާ ވިދާޅުވި އެވެ.
"ޖުމްލަކޮށް ދަންނަވަންޏާ ފެނަކަ ކޯޕަރޭޝަންގެ މިދިޔަ މެނޭޖުމެންޓާ ގުޅޭ ގޮތުން ޝަކުވާ އާދަޔާ ހިލާފަށް ގިނައިން ލިބިފައި އެބަހުރި. ދެން އެ ޝަކުވާތަކުގައި އަޅުގަނޑުމެންގެ ވަގުތާއި މުވައްޒަފުންނާއި ހިއުމަން ރިސޯސް ހޭދަކުރަންވެސް ޖެހުނު،" ޝާމިލު ވިދާޅުވި އެވެ.
ފެނަކައިގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ މައްސަލަތައް އިތުރުވުމާ ގުޅިގެން އެ މައްސަލަތައް ބެލުމުގައި ހާއްސަ ވަކި އިންތިޒާމެއްގެ ތެރެއިން މަސައްކަތްކުރަން ނިންމައި، އެ ނިޒާމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުން ބައެއް ކާމިޔާބީތައް ލިބިފައިވާ ކަމުގައި ޝާމިލު ވިދާޅުވި އެވެ.
ޝާމިލު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން މިހާރުވެސް ފެނަކައިގެ ކުރީގެ ވެރިންނަށް ތުހުމަތުވާ ބޮޑު ހަ މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ. ހަ މައްސަލަކަމުގައިވީ ނަމަވެސް އޭގެ ތެރޭގައި އެއްބާވަތުގެ މައްސަލަތައް އެއްކޮށްލާފައިވާ ކަމަަށްވެސް އޭނާ ވިދާޅުވި އެވެ.
މިސާލަކަށް ފެނަކައަށް ފައިދާވާން އޮތް ކަމެއްގައި ވަކި ގޮތަކަށް އަމަލުކޮށްގެން އަމިއްލައަށް ނާޖައިޒު ފައިދާ ހޯދަން މަސައްކަަތްކޮށްފައިވާ މައްސަލަތައް އެއްކޮށްގެން ބަލަމުންދާ ކަމުގައި އޭސީސީން ބުންޏެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރުމަށް ބޭނުންވާ މައުލޫމާތުތައް ފެނަކައަށް ވަދެ ހޯދާފައިވާކަމަށްވެސް ކޮމިޝަނުން ބުންޏެވެ.