އައްޑޫ ހޮސްޕިޓަލުން ބައެއް ހިދުމަތްތަކަށް އަގު ދޫކުރީ އެކަށީގެންވާ މިންވަރަށް ނުބަލައި

އޮޑިޓު އޮފީހުން ޝާއިއުކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެ ހޮސްޕިޓާ ފޮޅާ ސާފުކުރުމަށާއި ލޭންޑްސްކޭޕިން މަސައްކަތްކުރުމަށް ހަވާލުކުރި ފަރާތްތަކަށް ފައިސާ ދޫކޮށްފައިވަނީ ހިދުމަތް ނުލިބެނީހެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: އަމްނާ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބައެއް ހިދުމަތްތައް ހޯދުމަށްފަހު ފައިސާ ދޫކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ހިދުމަތް ފޯރުކޮށްދިންކަން ކަށަވަރުނުކޮށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ. 

އޮޑިޓު އޮފީހުން ޝާއިއުކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެ ހޮސްޕިޓާ ފޮޅާ ސާފުކުރުމަށާއި ލޭންޑްސްކޭޕިން މަސައްކަތްކުރުމަށް ހަވާލުކުރި ފަރާތްތަކަށް ފައިސާ ދޫކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ހިދުމަތް ނުލިބެނީހެވެ.  

ހޮސްޕިޓަލުގެ ލޭންޑްސްކޭޕިން މަސައްކަތް ހަވާލުކުރި އެއްބަސްވުމުގައި ހޮސްޕިޓާ ގޯތި ތެރޭގައި ހުރިހާ ފެންގަނޑުތައް މަހަކު ދެފަހަރު ސާފުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

ދެ އަހަރު ދުވަހަށް ހެދި އެއްބަަސްވުމުގައި ހޮސްޕިޓަލުގެ ގޯތީގެ ތެރޭގައި ހަދާފައިވާ ފެންގަނޑު ސާފުކޮށް އެތަނުގައި ހެދިފައިހުރި ލޮޓަސް ފަދަ ގަސް/ވެޔޮ ނަގަައި، އެތަކެތި އުކައި ނަގައި ސާފުކުރަންޖެހޭ ކަމަށެވެ. 

ނަމަވެސް އޮޑިޓު އޮފީހުން ބެލި ބެލުމުގައި 25 ފެބްރުއަރީ 2022 އިން ފެށިގެން 31 މާޗު 2022 އާ ދެމެދުގައި ހޮސްޕިޓާ ގޯތި ތެރޭގައި ހުރި ފެންގަނޑު ސާފުކޮށްފައިނުވާކަން ފާހަގަވި ކަމަށާއި، އެ މުއްދަތުގައި ކޮންޓްރެކްޓަރަށް ބަރާބަރަށް ފައިސާ ދޫކޮށްފައިވާތީ އެ ފައިސާގެ ތެރެއިން 121،264 ރުފިޔާ އަކީ އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ލިބުމުން ދޫކުރި ފައިސާކަމަށް ނުބެލެވޭނެ ކަމުގައި އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

އޭގެ އިތުރަށް ހޮސްޕިޓާ ފަޅާ ސާފުކުރަން 2020 ގައި ދެ އަހަރުގެ މުއްދަތަކަށް ބަޔަކާއެކު ހެދި އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު 497،140 ރުފިޔާ ހަރަދުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކުރި އެވެ. އެ އެއްބަސްވުމުގެ ދަށުން ހޮސްޕިޓާ ސާފުކުރުމަށް ދުވާލަކު ޖުމްލަ 47 މުވައްޒަފުން މަސައްކަތަށް ނެރެންޖެހެ އެވެ. 

އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ދުވާލަކު 47 މުވައްޒަަފުން ނެރެން ޖެހުނު ނަމަވެސް 15 ދުވަހުގެ ޑިއުޓީ ރޯސްޓާއާއި މުވައްޒަފުންގެ ހާޒިރީއަށް ބެލުމުން ދުވާލެއްގެ މައްޗަށް އެވެރެޖުކޮށް މަސައްކަތަށް ނެރެފައިވަނީ 25 މުވައްޒަފުންކަން ސާފުވި އެވެ. 

އެއީ ދުވާލެއްގެ މައްޗަށް މަސައްކަތަށް ނެރެން އެއްބަސްވެފައިވާ މުވައްޒަފުންގެ އަދަދަށްވުރެ 22 މުވައްޒަފުން މަދު އަދަދެއްކަން ފާހަގަކޮށް، އޮޑިޓު އޮފީހުން ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތަށް މުވައްޒަފުން ނުނެރުނު ނަމަވެސް އެއްބަސްވުމުގައި ކަނޑައެޅި އަގު ބަރާބަރަށް ހޮސްޕިޓަލުން ދައްކާފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.