ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 43

ސުހާ އާއި އަޔާޒްގެ ލޯބީގެ މަންޒަރު ކުރަހަމުން ދާއިރު، ޒީމާއަށް ސުހާ ގެނެވެން މި އުޅެނީ، ސުހާގެ ހަޤީޤީ ލޯބިވެރިޔާ ކަމަށްވާ ވާރިޝް ވެސް ދިރިއުޅޭ ގެއަށް ކަމެއް ޒީމާއަކަށް ނޭނގެއެވެ.

- އެޕިސޯޑް 43 –

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ހެނދުނު ހެނދުނާ ޒީމާ ތެދުވެ، އަވަސްވެ ގަތީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. އީމާ އާއި ވާރިޝް ޔޫކޭއަށް ރޭގަ ފުރުމުން، ގޭތެރެއިން އެކަމުގެ ފަޅުކަން ދިޔައީ ފެންނަމުންނެވެ. އެވަގުތު ވެސް ޒީމާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އަޔާޒްގެ ކައިވެނީގެ ޕްލޭން ތަކެވެ. އެ ވާހަކަ ނަޒީރާއާ ދައްކަން ޒީމާ ގަސްތުކޮށްގެން ހުރީ އެމީހުންނަށް "ޕްރައިވަސީ" ލިބޭނެ ފަދަ ރެސްޓޯރެންޓަކަށް ގޮހެވެ.

"ދަރިފުޅާ! އަޔާޒް.. ތެދުވޭ.. މަންމަ ހުންނާނެ ސައި ހަދާފަ.."

ޒީމާ ގޮވާލުމާއެކު އަޔާޒް އޭނާގެ ދެލޯ ހުޅުވާލިއެވެ. އޭނާގެ ދެ ލޮލުން އަދިވެސް ފެންނަނީ ވަރުބަލި ކަމެވެ. ހަމަ ނިދި ނުލިބޭތީއެވެ. ހަނދާން ކުރަން ބޭނުން ނުވިޔަސް، ޝަރާގެ ހަނދާންތައް އަޔާޒަށް އިންތިހާއަށް އުނދަގޫ ކުރުވައެވެ. ދެލޯ މަރާލިޔަސް އަޔާޒަށް ފެންނަނީ ޝަރާއެވެ. ޝަރާގެ ރީތި ހީނލުމެވެ.

އަބަދުވެސް އަޔާޒްގެ ނަފުސު އޭނާއަށް ޝަކުވާ ކުރެއެވެ. މަލާމާތް ކުރެއެވެ. "ޝަރާ އެގޮތަށް ކަންތައް ކުރީ އަޔާޒްގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟" މިއީ އަބަދުވެސް އަޔާޒްގެ އަމިއްލަ ނަފުސު އޭނާއަށް ކުރިމަތި ކުރުވަމުން ދިޔަ ސުވާލެކެވެ.

ނަމަވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭތީ އެކަމުގެ އުނދަގޫ އޭނާގެ ހިތާއި ސިކުނޑީގައި ތާއަބަދުވެއެވެ.

ގަޑިން ހެނދުނު 10 ޖެހި އިރު، ޒީމާ އާއި ނަޒީރާ އިނީ ރެސްޓޯރެންޓެއްގައެވެ. ޒީމާގެ މޫނުމަތިން ކޮންމެެވެސް ބޮޑު އުފަލެއް ލިބިފައިވާކަން ނަޒީރާއަށް ޔަޤީން ކުރެވުނެވެ.

"ކިހިނެއްވީ؟ ހާދަ އުފާވެފަ؟"

އެންމެ ފަހުން ނަޒީރާއަށް އަހާލެވުނެވެ.

"ކީއްވެ އުފާ ނުވާންވީ؟ އަހަރެމެންގެ... އުއްމީދުގަ ކުލަ ޖެހެއްޖެ.. އަޔާޒް އަހަރެންގެ ގާތުގަ އިސްވެ ރޭގަ އަހައިފި.. އިންނާނެ މީހެއް ހޯދައި ދޭން."

ޒީމާއަށް އުފަލުން ވާހަކަ ދެއްކެނީ ވެސް ހަމަ ކިރިޔާއެވެ.

"އަސްލުތަ؟"

ނަޒީރާގެ ތުންފަތުން ދުވެލީ ލުއި ހިނިތުންވުމެކެވެ.

"އާނ! ހަމަ އަސްލު.. އަހަރެންނަށް އެކަމާ އުފަލުން ރޭގަ ނުވެސް ނިދުން.. އަޔާޒް ގޮވައިގެން އަހަރެން މިރޭ ތި ގެއަށް ދާނަން.. ސުހާ ގާތުގަ ބުނެލާފަ ބާއްވާތި އިނގޭ!"

ޒީމާ ބަލަހައްޓައިގެން އިނީ ސީދާ ނަޒީރާގެ މޫނަށެވެ. އެވަގުތު ޒީމާގެ މުޅި މޫނުމަތީގައި ސާލެއްހެން ފެތުރުފައި އޮތީ އޭނާގެ ދަތްފިލައެވެ. އުފަލުން އޭނާ ހުރީ ފޮޅިފައެވެ.

"އަލްޙަމްދުﷲ.."

ނަޒީރާ ޙަމްދު އަޅާލިއެވެ. އޭނާގެ ދަރިފުޅުގެ އެކަނިވެރި ޙަޔާތުން އޭނާ މިންޖު ވާނެ ކަމުގެ ފޮނި އުއްމީދުގައެވެ. އަޔާޒް ކަހަލަ މީހަކާ އެކުގައި އުފާވެރި ޙަޔާތެއް ސުހާ އަށް ލިބޭނެ ކަމާއި މެދުގައި ނަޒީރާ އެއްވެސް ވަރަކަށް ޝައްކެތް ނުކުރެއެވެ.

***

ގަޑިން ރޭގަނޑު 8 ޖަހަނީއެވެ. ޒީމާ އާއި އަޔާޒް ގެއިން ނުކުތީ ޔޫސުފްއާ އެކުގައެވެ. އަޔާޒްގެ ކައިވެނީގެ ވާހަކަތައް ދެއްކުމަށް ނަޒީރާގެ ގެއަށް ދިޔުމުގެ ބޭނުމުގައެވެ. ކާރަށް އަރާ ނަޒީރާގެ ގެއަށް ދިޔުމަށް މިސްރާބު ޖެހުމާ އެކު، އަޔާޒަށް އޭނާގެ ދެލޯ މަޑުމަޑުން މަރާލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. މި ފެށުނީ ދިރިއުޅުމުުގެ އާ ބާބެއް ކަމުގެ ޚިޔާލުތަކުން އަޔާޒްގެ ސިކުނޑި ވަށާލިއެވެ.

އެންމެ ލޯބިވި މީހާއާ ވަކިން މި ފެށެން އުޅޭ ޙަޔާތުގައި ހިތްވަރުގަދަ މީހަކަށް ވުމަށް އަޔާޒް ބޭނުންވެއެވެ. އަޔާޒް ބޭނުން ވަނީ އިންތިހާއަށް ލޯތްބެވެ. އަޅާލުމެވެ. ޝަރާގެ ހަނދާންތަކުން ދުރަށް ދެވޭނެ ފަދަ ބައިވެރި އެކެވެ.

ޝަރާގެ މަތިން އެންމެ ސިކުންތަކަށް ވެސް ހަނދާން ކުރަން އަޔާޒް ބޭނުމެއް ނުވެއެވެ. އެއީ އަޔާޒް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ކައިވެންޏެއް ކުރަން ބޭނުންވި މައިގަނޑު ސަބަބެވެ.

"އައްސަލާމް އަލައިކުމް.." 

ބޭރުން ސަލާމް ގޮވި އަޑަށް ނަޒީރާ ވަރަށް އަވަސްކޮށް ގޭގެ ދޮރު ހުޅުވާލިއެވެ.

"އަވަހަށް ވަދޭ!" 

ދޮރުން ބޭރުގައި ހުރި އަޔާޒް އާއި އޭނާގެ މައިންބަފައިންއަށް އިޝާރާތްކޮށްލަމުން ނަޒީރާ ބުނެލިއެވެ.

"ދަރިފުޅާ! ސުހާ.. އަވަހަށް ނުކުމޭ.." 

ނަޒީރާގެ އަޑަށް ސުހާ ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ބަލައިލީ ޑްރެސިން ޓޭބަލްގެ ލޯގަނޑަށެވެ. ޒަމާންގަނޑަކަށްފަހު، ސުހާއަށް އޭނާގެ ރީތިކަން އަމިއްލަ މީހާއަށް އިޙްސާސްކޮށްލަ ދެވުނެވެ. ސުހާ ހުރީ ވަރަށް ބޮޑަށް ނަލަވެގެން އެވެ. އަޔާޒްގެ ކައިވެނީގެ ވާހަކަ ނަޒީރާ އަހާލުމާ އެކުގައި ސުހާ އެކަމަށް ރުހިގެން ބޯ ޖަހާލީ ދިރިއުޅުމަށް އުއްމީދު ގެއްލިފައިވާ މީހެއް ފަދައިންނެވެ. ލޯތްބަކީ ސުހާ އެއްވެސް ވަރަކަށް މިހާރު ޤަބޫލު ކުރާ އެއްޗެއް ނޫނެވެ.

ސުހާ ކޮޓަރިން ނުކުތުމާއެކުގައި، އަޔާޒަށް ބަލައިލެވުނީ ސުހާއާ ދިމާލަށެވެ. ނަމަވެސް ސުހާ އިސްޖަހައިގެން ހުރުމުން، ސުހާއަކަށް އަޔާޒް ބެލިކަމެއް ނޭނގުނެވެ. މަޑުމަޑުން ހިނގާފައި އައިސް ސުހާ އިށީންނީ އެމީހުންގެ ތެރޭގައެވެ.

"ސުހާ..." 

އަޔާޒް ގޮވާލުމާ އެކުގައި ސުހާ ދިޔައީ ސިއްސައިގެންނެވެ. ހީވީ ފުން ޚިޔާލެއްގެ ތެރޭގައި ހުރިހެންނެވެ.

"ލައްބަ.." 

ސުހާ އިސް އުފުލާ ބަލައިލީ އަޔާޒްގެ މޫނަށެވެ. އަޔާޒް އާއިި ސުހާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަޔާޒް ހިނިތުންވެލިއެވެ. ސުހާ ރައްދުގައި ދިނީ އޭނާގެ ތުންފަތުން މަޖުބޫރު ކަމާއެކުގައި ނެރުން "ފޭކް" ހިނިތުންވުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.