އައްޑޫ ބުރިޖުގެ އަދާހަމަ | މިހާރު ދަނީ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް

މުއްތަލިބު ވިދާޅުވި ގޮތުގައި މިހާރު އެމްއޯޔޫގެ ދަށުން ކުރެވެމުންދާ މަސައްކަތަކީ ފައިސާ ހަމެޖެއްސުމުގެ މަސައްކަތެވެ. ލޯނު ހޯދައިދޭނީ އެ ކުންފުނިން ކަމަށާއި، ނަމަވެސް ލޯނު ނަގާނީ ސަރުކާރުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފޯރަމެއް ގައި ވާހަކަ ދައްކަވަނީ

އައްޑޫ ހުޅުދޫ މީދޫއާއި ހިތަދޫ ގުޅުވައިލާ ބުރިޖުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ އެ މަސައްކަތާ ގުޅިގެން ފަހުމުނާމާއެއްގައި ސޮއިކުރި އަރަބް ކޮންޓްރެކްޓާސްއިން ފައިސާ ހަމަޖެއްސުމަށް ހުށަހެޅި ފަރާތްތަކާ މަޝްވަރާކޮށްގެން ސަރުކާރަށް ބަލައިގަނެވޭ އަގެއްގައި ފައިސާ ހަމަޖެއްސުމުގެ މަސައްކަތްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އިތުރު ސުވާލުގެ ވަގުތުގައި އައްޑޫ ބުރިޖުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބުވަނީ މިހާރު މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރުގެ ތަފުސީލުތައް ހިއްސާ ކުރައްވާފަ އެވެ. 

އައްޑޫ ބުރިޖުގެ މަޝްރޫއަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ އެއް މަޝްރޫއުކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި އެ މަސައްކަތަކީ އިސްކަންދޭ މަސައްކަތަކަށްވާތީ އެ މަޝްރޫއު ހިންގުމަށް އަމިއްލައަށް ބޭރު ފަރާތަކުން ޕްރޮޕޯޒަލެއް ހުށަހެޅުމުން އެ ފަރާތަކީ އެކަމުގެ ގާބިލުކަން ހުރި ފަރާތަކަށްވާތީ އެ ފަރާތާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މި ބުރިޖުގެ މަސައްކަތް ކުރުމަށް ސަރުކާރުން އެއްބަސްވުމެއް ހެދީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާ އެވެ. އެ ކުންފުނިންވަނީ އެ މަސައްކަތަށް ބޭނުންވާ ސާވޭ ހަދައި ނިންމާފަ އެވެ. އެ ސާވޭއަށްފަހު ތަފުސީލު ކުރެހުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. 

މުއްތަލިބު ވިދާޅުވި ގޮތުގައި މިހާރު އެމްއޯޔޫގެ ދަށުން ކުރެވެމުންދާ މަސައްކަތަކީ ފައިސާ ހަމެޖެއްސުމުގެ މަސައްކަތެވެ. ލޯނު ހޯދައިދޭނީ އެ ކުންފުނިން ކަމަށާއި، ނަމަވެސް ލޯނު ނަގާނީ ސަރުކާރުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

"އެ ބޭފުޅުންނަށް މި އޮންނަނީ އެމްއޯޔޫގެ ދަށުން ފައިސާ އެރޭންޖުކޮށްދިނުން. ސަރުކާރުން ލޯނު ނަގާނީ އެހެންނަމަވެސް އެރޭންޖުކޮށްދޭނީ އެ ބޭފުޅުން. ބައެއް ފަރާތްތަކާ ވާހަކަދައްކައި އަޅުގަނޑުމެން ކުރިއަށްގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ. 

މިހާރު ކުރިއަށްދަނީ އަރަބް ކޮންޓްރެކްޓާސްއިން ފައިސާ ހަމަޖެއްސުމަށް ހުށަހަޅާފައިވާ ގޮތްތައް ވަޒަންކޮށް އެއީ ސަރުކާރަށް ބަލައިގަނެވޭ ގޮތްތަކެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ މަސައްކަތް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އަދި ފައިސާ ހޯދާނެ ގޮތަކާމެދު އެއްބަސްނުވެވިއްޖެނަމަ އެކަން ކުރެވޭނެ އެހެން ފަރާތެއް ހޯދައިގެން މަސައްކަތް ކުރާނެ ކަމުގައި މުއްތަލިބު ވިދާޅުވި އެވެ. 

އައްޑޫ ބުރިޖާ ގުޅޭ ގޮތުން މާޗު މަހުގެ 31 ވަނަ ދުވަހުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި އަހަރު ތެރޭގައި އެ ބުރިޖުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެއިރު ރައީސް ފާހަގަކުރެއްވި ގޮތުގައި ކުރިއަށްދަނީ ސާވޭ ހެދުމާއި ހިސާބުތައް ތައްޔާރުކުރުން ފަދަ މަސައްކަތްތަކެވެ. އެ މަސައްކަތް ނިމުނުހައި އަވަހަކަށް ބުރިޖުގެ އަމަލީ މަސައްކަތަށް މިސްރާބު އަމާޒުކުރާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

"މިއީ މުޅި އައްޑޫ ސިޓީގެ ތަރައްޤީ އިޤުތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަން. މި ބުރިޖުގެ ސަބަބުން އައްޑޫ ސިޓީއަށް އަދި މުޅި ދެކުނަށް ލިބިގެންދާނީ ވަރަށް ބޮޑު ތަރައްޤީއެއް،" އައްޑޫ ބުރިޖުގެ ސަބަބުން ދެކުނަށް ލިބޭނެ ކުރިއެރުން ސިފަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.