ފެނަކައިގެ ދަރަނި ކުރީގެ އަންދާޒާއަށްވުރެ މަތި، އެތައް ބިލެއް ރެކޯޑުގައި ނެތް: މުއާޒު

ފެނަކަ ކުންފުނީގެ ދަރަންޏަކީ 4.3 ބިލިއަން ރުފިޔާކަމަށް ކުރިން ފެނުނު ނަމަވެސް ސަރުކާރާ ހަވާލުވެ ބަލައިލުމުން ކުރިން ނުފެންނަ އެތައް ބިލެއް ފެނި ދަރަނި އެތައް ގުނައެއް އިތުރުވެފައިވާކަމަށް އެމްޑީ މުއާޒު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދުގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަނީ

ފެނަކައިގެ ދަރަނީގެ ގޮތުގައި ކުރިން އަންދާޒާކުރެވުނު 4.3 ބިލިއަން ރުފިޔާއަށްވުރެ އެ ކުންފުނީގެ ދަރަނި އިތުރުވާނެ ކަމަށާއި، އެ ކުންފުނިން ފައިސާ ދައްކަންޖެހޭ ގިނަ އަދަދެއްގެ ބިލުތައް ކުންފުނީގައި ރެކޯޑުކުރެވިފައި ނެތްކަން ހާމަވަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. 

މިރޭ ޕީއެންސީ ހައުސްގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ ސަރުކާރާ ހަވާލުވެ ފެނަކައިގެ ހާލަތު ބަލައިލިއިރު ކުންފުނީގެ މަސައްކަތުގެ ދާއިރާގައި ނުހިމެނޭ އެތައް މަސައްކަތަކާ އެ ކުންފުނިން ހަވާލުވެފައިވާ ކަމަށެވެ. 

ފެނަކައަކީ ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި ފެނުގެ ހިދުމަތް އަތޮޅު ތެރޭގައި ފޯރުކޮށްދިނުމަށް އުފަައްދާފައިވާ ކުންފުންޏެކެވެ. ނަމަވެސް ފާއިތުވި އެމްޑީޕީ ސަރުކާރުގައި އައިސް ޕްލާންޓުތައް އެޅުމާއި، ވަކިވަކި ރަށްރަށުގައި އޭޓީއެމް އިމާރާތް ކުރުން ފަދަ ކުންފުނީގެ މަސައްކަތުގެ ދާއިރާގައި ނުހިމެނޭ އެތައް ކަމެއް އެ ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ. 

އެ މަސައްކަތްތަކުގެ ތެރެއިން 48 ރަށެއްގައި އޭޓީއެމް އެޅުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވާ ކަމަށާއި، އެއިން ކޮންމެ މަޝްރޫއެއް ހަވާލުކުރީ 295،000 ރުފިޔާއަށް ކަމުގައި މުއާޒު ވިދާޅުވި އެވެ. އެ އަގަށް އެތަންތަން ބިނާކޮށް ބިއްލޫރި ޖަހައި، ބޮކި ހަރުކޮށް އެތަންތަނުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ އޭރުގެ ބާޒާރުގެ ރޭޓުންނަމަ އެމިންވަރުގެ މަސައްކަތަކަށް ގާތްގަނޑަކަށް 800،000 ރުފިޔާ ހަރަދުވާ ކަމަށެވެ.  

ކޮންމެ މަޝްރޫއަކަށް 400،000 ރުފިޔާއާއި 500،000 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އެއީ މުވައްޒަފުންގެ މުސާރަ ފަދަ ހޭދަތައް ނުހިމަނައި ހިނގާފައިވާ ހަރަދުތައް ކަމަށްވެސް މުއާޒު ވިދާޅުވި އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އޭޓީއެމް ގާއިމުކޮށް އެތަންތަނުގެ ކަރަންޓު ބިލު ދައްކައި، އެތަންތަނަށް ސެކިއުރިޓީ މުވައްޒަފުން ނަގައި ހުރިހާ ކަމެއް ކުރަންޖެހެނީ ފެނަކައިން ކަމަށެވެ. 

އޭގެ އިތުރަށް ފެނަކައާ އައިސް ޕްލާންޓު އެޅުމަށާއި ހިންގުމަށް ހަވާލުކޮށްފައިވާ ކަމަށާއި، އެތަންތަން ހެދުމަށް ކަނޑައެޅީ 4.3 މިލިއަން ރުފިޔާގެ އަގެއް ނަމަވެސް އެއަށްވުރެ ގިނަ ފައިސާ އެ ކުންފުނިން އެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާ ކަމުގައި މުއާޒު ވިދާޅުވި އެވެ. އަދި އައިސް ޕްލާންޓުތައް ނާޅަނީސް އެތަންތަނަށް މުވައްޒަފުންވެސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރު މި ހުރިހާ އެއްބަސްވުމެއް ބާތިލުކުރަން ބޭނުންވާކަން އިކޮނޮމިކް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކުންފުނީގެ ކުރީގެ އެމްޑީ އަޙްމަދު ސައީދުގެ ރަށް ގދ.ވާދޫ ހިމެނޭހެން ބައެއް ރަށްރަށުގައި އައިސް ޕްލާންޓު އަޅަން އެއްވެސް ފަރާތަކުން ފެނަކައާ ހަވާލުނުކުރަނީސް ފެނަކައިގެ މެނޭޖުމެންޓުން ނިންމައިގެން ތިން ރަށެއްގައި އައިސް ޕްލާންޓު އަޅަން ހަވާލުވެފައި އޮތް ކަމަަށެވެ. 

މުއާޒު ވިދާޅުވި ގޮތުގައި ފެނަކައިން ފައިސާ ލިބުނު ކުންފުނިތަކާއި ފައިސާ ދައުރު ކުރި ގޮތް ބޭންކުތަކުން ފެންނަން އެބަހުރި ކަމަށެވެ. އަދި އެކަންކަމުގެ ތަފުސީލުތައް ކުރިއަށް އޮތް ތަނުގައި ބަޔާންކޮށް ދެއްވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. މުއާޒު ވިދާޅުވި ގޮތުގައި ސަރުކާރާ ހަވާލުވެ ބަލައިލުމުން ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ބޮޑަށް އެމްޑީޕީ ސަރުކާރުން ހިޔާނާތްތެރިވެފައިވާ ކަން ސާފުވި ކަމަށެވެ. 

މުއާޒު އިތުރަށް ފާހަގަކުރެއްވީ އިންތިގާލީ މަރުހަލާގައި ފެނަކަ ކުންފުނީގެ ދަރަންޏަކީ 4.3 ބިލިއަން ރުފިޔާކަމަށް ފެނުނު ނަމަވެސް ސަރުކާރާ ހަވާލުވެ ބަލައިލުމުން ކުރިން ނުފެންނަ އެތައް ބިލެއް ފެނުނު ކަމަށެވެ. އަދި ރެކޯޑު ނުކުރެވި ހުރި މަސައްކަތްތަކުގެ ބިލު ހިފައިގެން އެތައް ބަޔަކު އަންނަމުންދާ ކަމަށް މުއާޒު ވިދާޅުވި އެވެ. 

މި ހުރިހާ ބިލުތަކެއްގެ ރެކޯޑެއް ފެނަކައިގެ ހިސާބުކިތާބުން ފެންނަން ނެތްކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ އެ ހުރިހާ ބިލުތަކެއްގެ ހިސާބު ހިމެނުމުން 4.3 ބިލިއަން ރުފިޔާއަށްވުރެ ކުންފުނީގެ ދަރަނި އިތުރަށް ބޮޑުވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.