ރައީސާ އިންޑިއާ ސަފީރު ބައްދަލު ކުރައްވައިފި، އުންމީދީ ވާހަކަފުޅުތަކެއް

ރައީސް އޮފީހުން ބުނީ ސަރުކާރުން ގެންގުޅެނީ ގައުމުތަކާ ގުޅިގެން، ހަލުވި ބާރުމިނުގައި ރާއްޖެ ތަރައްގީ ކުރުމަށް އިސްކަން ދިނުމުގެ ހާރިޖީ ސިޔާސަތެއް ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލު ކުރެއްވުމު ގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުންގެ މި ބައްދަލު ކުރެއްވުމު ގައި މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ.

އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅު ގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ގަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ގައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެ ކަމުގައި ވެސް ސަފީރު ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އިންޑިއާގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތަށް އެ ގައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއިން އަދާކުރެއްވި މެހެމާންދާރީއާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީއާ ކުރިއެރުމުގައި އަދި ދިވެހިރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާ އަހައްމިއްޔަތު ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާއެކު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އިންޑިއާކަނޑުގެ ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމު ގައި، މިހާރެކޭ ވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކު ރުމުގެ މުހިންމު ކަން ފާހަގަ ކުރައްވަމުން ކަމަށް ވެސް ބުންޏެވެ.

މި ބައްދަލްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ސަރުކާރުން ގެންގުޅެނީ ގައުމުތަކާ ގުޅިގެން، ހަލުވި ބާރުމިނުގައި ރާއްޖެ ތަރައްގީ ކުރުމަށް، ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލުމާއި އެކު މަސައްކަތް ކުރުމަށް އިސްކަން ދިނުމުގެ ހާރިޖީ ސިޔާސަތެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.